ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މޯލްޑިވިއަންގެ ޓިކެޓްތަކުން ޑިސްކައުންޓް ލިބޭ "އެހީތެރިޔާ" ޕްރޮގްރާމް މިއަދު އިފްތިތާހްކޮށްފި އެވެ.
މި ޕްރޮގްރާމް އިފްތިތާހް ކޮށްފައިވަނީ ބައިނަލް އަގްވާމީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަސް ފާހަގަކުރުމަށް ކަލާފާނު ސްކޫލުގައި މިއަދު ބޭއްވި ހާއްސަ ޖަލްސާއެއްގައެވެ. މި ޕްރޮގްރާމް އިފްތިތާހް ކޮށްދެއްވީ ރައީއުލްޖުމްހީރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް އާއި މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރު އަބްދުލް ހާރިޝް ގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތެއް ކަމަށްވާ އައިމިނަތު އަލީ އެވެ.
މި ޕްރޮގްރާމާ ބެހޭގޮތުން ދުވަހަށް މައުލޫމާތު ދެއްވަމުން މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރު އަބްދުލް ހާރިޝް ވިދާޅުވީ މި ޕްރޮގްރާމްގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން ބައްލަވައިގަންނަ ޓިކެޓްތަކަށް 15 % ޑިސްކައުންޓް ލިބޭނެ ކަމަށެވެ.
"މޯލްޑިވިއަންގެ އެތެރެއާއި ބޭރުގެ އުދުހުންތަކުގެ ޓިކެޓް ނުކުޅެދުންތެރިކަން ހުންނަ ފަރާތްކަށް ވިއްކާނީ 15 % ޑިސްކައުންޓަކާއެކު، ހަމަ އެކަނި ޑިސްކައުންޓް ދެނީކީ ނޫން، އެއާޕޯޓަށް އަންނަ ހިސާބުން ޗެކިން ވުމާއި ފްލައިޓަށް އެރުމާއި ދާން ބޭނުންވާ މަންޒިލަށް ދެވެންދެން އެ ފަރާތަކަށް ހާއްސަ ސަމާލުކަމެއް ދެވޭނެ" ހާރިޝް ވިދާޅުވިއެވެ.
ހާރިޝް އިތުރަށް ވިދާޅުވީ މިއަދުން ފެށިގެން "އެހީތެރިޔާ" ޕްރޮގްރާމްގެ ދަށުން ޓިކެޓް ލިބޭނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް