އިނގެރޭސި ޕްރިމިއަރލީގުގައި ރޭ މެންޗަސްޓަރ ޔުނައިޓެޑް އަދި ލިވަރޕޫލް ކުޅުނު މެޗުން މޮޅުވެއްޖެއެވެ.
މެންޗަސްޓަރ ޔުނައިޓެޑުން އަމިއްލަ ދަނޑުގައި ސްޓޯކް ސިޓީ ބަލިކޮށްފައިވަނީ 2-1 ގެ ނަތީޖާއަކުންނެވެ. ސީޒަންގެ ފުރަތަމަކޮޅު ފޯރމްގެ ދަތިތަކަކާއި ކުރިމަތިވި ޔުނައިޓެޑްވަނި އެންމެ ފަހުން ޕްރިމިއަރލީގުގައި ކުޅުނު 4 މެޗު ކާމިޔާބުކޮށްފައެވެ. މިއީ ފަރގަސަން ރިޓަޔަރ ކުރިފަހުން ޔުނައިޓެޑް ޖެހިޖެހިގެން 4 މެޗުން މޮޅުވި 2 ވަނަ ފަހަރެވެ.
މެޗުގައި ފެލަިއނީގެ ގޯލުން ޔުނައިޓެޑް ލީޑު ނެގިނަމަވެސް ސްޓޯކުންވަނީ އެންޒޮންޒީގެ ގޯލުން ނަތީޖާ ހަމަހަމަކޮށްފައެވެ. މެންޗަސްޓަރ ޔުނައިޓެޑަށް 2 ވަނަ ފަހަރަށް ލީޑު ނަގާދީފައިވަނީ ސްޕެއިންގެ މިޑްފީލްޑަރ ހުއާން މަޓާއެވެ. ޔުނައިޓެޑްގެ ކެޕްޓަން ރޫނީ އަދި ޑީމަރިޔާވެސް އަނިޔާގެ ސަބަބުން މިމެޗުގެ ސްކޮޑްގައި ހިމަނާފައެއް ނުވެއެވެ. މޮޅާއެކު ޔުނައިޓެޑް އޮތީ ތާވަލުގެ 4 ވަނައިގައެވެ.
ލިވަރޕޫލްއިން ރަށުން ބޭރުގައި ލެއިޗެސްޓަރ އާއި ދެކޮޅަށް ކުޅުނުމެޗު ކާމިޔާބުކޮށްފައިވަނީ 3-1 ގެ ނަތީޖާއަކުންނެވެ. ލެއިޗަސްޓަރގެ މޯރގަންއަށް ރަތް ކާޑު ދެއްކުމާއެކު ލެއިޗަސްޓަރއިން މެޗުގެ ބޮޑު ބައެއް ކުޅެފައިވަނީ 10 ކުޅުންތެރިންނާއެކުގައެވެ.
މެޗުގައި ފުރަތަމަ ލީޑު ނަގާފައިވަނީ ލެއިޗަސްޓަރއިންނެވެ. އުލާއޯގެ ބާރު ހަމަލާއެއް ގޯލްގެ ދަނޑީގައި ޖެހި އަނބުރާ ލިވަރޕޫލް ކީޕަރ ގައިގައި ޖެހި ގޯލްތެރެއަށް ވަދެފައިވާއިރު، ލެއިޗަސްޓަރގެ ލީޑަށް ރައްދުދިނުމަށް ލިވަރޕޫލްއަށް މާގިނައިރެއް ނުނަގައެވެ. 3 މިނެޓް ފަހުން ލިވަރޕޫލްއަށް ނަތީޖާ ހަމަހަމަކޮށްދިނީ އެޑަމް ލައްލާނާއެވެ. ލިވަރޕޫލްގެ ލީޑު ދެވަނަ ހާފްގައި ފުޅާކޮށްދިނީ ސްޓީވަން ޖެރާޑެވެ. މެޗު ނިމެންދަނިކޮށް ނަތީޖާ ލިވަރޕޫލްއަށް ކަށަވަރުކޮށްދިނީ ޖޯރޑަން ހެންޑަރސަންގެ ގޯލުންނެވެ.
މެޗުން މޮޅުވެ ލިވަރޕޫލްވަނީ ލީގު ތާވަލުގެ 8 ވަނައަށް ޖެހިލާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް