ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ރޭ ހައްޔަރުކުރި އަބްދުﷲ ޝާހިދުގެ ދިފާއުގައި އެ މަނިކުފާނުގެ ދަރިކަލުން ޔަމީން ޝާހިދު ނިކުންނަވައިފިއެވެ.
ޔަމީން ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބައްޕާފުޅުގެ އަހްލާގާއި އުސޫލުތައް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށާއި، ކުރެވޭ ތުހުމަތުތަކުގައި ބަޔާންކުރާ ފަދަ އަމަލެއް ބައްޕާފުޅު ނުކުރައްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮތް ކަމަށެވެ.
ޝާހިދު ހައްޔަރުކުރި މަންޒަރު ފެނުމަކީ ހިތް ފަޅައިގެންދާ ފަދަ ކަމެއް ކަމަށާއި، ކަންކަން ހިނގައިދިޔަ ގޮތާ މެދު ސީރިއަސް ސުވާލުތަކެއް އުފެދޭ ކަމަށް ޔަމީން ވިދާޅުވިއެވެ. ބައްޕާފުޅަށް އިންސާފުވެރި ފުރުސަތެއް ލިބެންޖެހޭ ކަމަށާއި، އާއިލާ ސާބިތުކަންމަތީ ބައްޕާފުޅާ އެކުގައި ދެމިތިބޭނެ ކަމަށް ޔަމީން ވިދާޅުވިއެވެ.
"I know my father's character, his values and the kind of man he is. I know he would never do what he's being accused of, and I stand by him completely," ޔަމީންގެ ޕޯސްޓުގައި ލިޔުއްވާފައިވެއެވެ.
ހައްޔަރުކުރުމުގެ ކުރިން ޝާހިދު ވެސް ވަނީ އެކްސްގައި ޕޯސްޓެއް ކުރައްވައި، އެ މަނިކުފާނުގެ ޝަހްސު ކަތިލުމަށް ސިޔާސީ ގޮތުން ފަތުރާ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް ދޮގު ކަމަށް ވިދާޅުވެފައެވެ. ފުލުހުން ބުނެފައިވާ ގޮތުގައި، ހ. ރަބީއީ މަންޒިލް، މާލެ، އަބްދުﷲ ޝާހިދު، 64 އަހަރު، ހައްޔަރުކުރީ ރޭ 09:59 ހާއިރު ކޯޓު އަމުރެއްގެ ދަށުން، އިތުބާރު ހިފޭ މަގާމެއްގައި ހުރެ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައެވެ.
ޝާހިދަކީ 2018 އިން 2023 އަށް ބޭރުގެ މިނިސްޓަރުކަން ކުރައްވައި، 2021 އިން 2022 އަށް އދ. ގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރައީސްކަން ފުރުއްވި ބޭފުޅެކެވެ. އެ މަގާމު ފުރުއްވި ފުރަތަމަ ދިވެއްސަކީ ޝާހިދެވެ. އޭގެ ކުރިން 2009 އިން 2014 އަށް ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ވެސް ކުރެއްވިއެވެ. ޝާހިދު ވަނީ 2024 ވަނަ އަހަރުގެ ފެބްރުއަރީން ފެށިގެން އެމްޑީޕީގެ ރައީސްގެ މަގާމުގައި ހުންނެވުމަށް ފަހު، 2028 ގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމަށްޓަކައި މި އަހަރުގެ އޮގަސްޓް 12 ގައި ޕާޓީގެ ރިޔާސަތުން ވަކިވެވަޑައިގެންފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް