ނަސްރުގެ ދުވަހުގެ ތަހުނިޔާ ރައީސް ސިފައިންނާއި ރައްޔިތުންނަށް ފޮނުއްވައިފި

ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ރައީސް ޑރ. މުއިއްޒު ދިވެހި ސިފައިންނާއި ރައްޔިތުންނަށް ތަހުނިޔާ ވިދާޅުވެ، ސިފައިންގެ ގުރުބާނީއަކީ އިބުރަތް ހާސިލުކުރަންޖެހޭ ފިލާވަޅުތަކެއް ކަމަށް ވިދާޅުވެއްޖެއެވެ.

03 Nov 2026 | 03:09
ނަސްރުގެ ދުވަހުގެ ތަހުނިޔާ ރައީސް ސިފައިންނާއި ރައްޔިތުންނަށް ފޮނުއްވައިފި

ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ދިވެހި ސިފައިންނާއި އެންމެހާ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަހުނިޔާ ވިދާޅުވެއްޖެއެވެ.

ރައީސް ތަހުނިޔާ ވިދާޅުވެފައިވަނީ އެކްސްގައި ކުރައްވާފައިވާ ޕޯސްޓެއްގައެވެ. އެ ޕޯސްޓުގައި ރައީސް ވިދާޅުވީ، ރާއްޖޭގެ މިނިވަންކަން ދެމެހެއްޓުމުގައި ދިވެހި ސިފައިން ދެއްކި ހިތްވަރާއި ކުރި ޤުރުބާނީއަކީ ޢިބުރަތް ޙާޞިލުކުރަންޖެހޭ ފިލާވަޅުތަކެއް ކަމަށެވެ.

ރައީސް ވަނީ ޤައުމު ދިފާޢުކުރުމުގައި ޝަހީދުވި އަބްޠާލުންނަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް ދެއްވުން އެދި ދުޢާ ކުރައްވާފައެވެ.

މިއަދަކީ 38 ވަނަ ނަސްރުގެ ދުވަހެވެ. ނަސްރުގެ ދުވަހަކީ 1988 ވަނަ އަހަރުގެ ނޮވެމްބަރު 3 ގައި ރާއްޖޭގެ ސަރުކާރު ވައްޓާލުމަށް ދިން ހަމަލާ ބަލިކޮށް ރާއްޖެ ކާމިޔާބުވި ދުވަހެވެ. ކޮންމެ އަހަރަކު ނޮވެމްބަރު 3 ގައި މި ދުވަސް ފާހަގަކުރަނީ ޤައުމު ދިފާޢުކުރުމުގައި ފުރާނަ ހަދިޔާކުރި ބަޠަލުން ހަނދާންކުރުމަށެވެ.

އެ ހަމަލާ ދިނީ ދިވެހިން ހަ މީހަކު ބައިވެރިވެގެން، ލަންކާގެ ތަމިލް ވަކިވާ ޖަމާޢަތެއް ކަމަށްވާ ޕީޕަލްސް ލިބަރޭޝަން އޯގަނައިޒޭޝަން އޮފް ތަމިލް އީލަމް (ޕްލޯޓް) ގެ ކުލި ސިފައިން ލައިގެންނެވެ. އެ ހަމަލާ ދިނީ އޭރުގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމްގެ ސަރުކާރު ވައްޓާލުމަށެވެ. ހަމަލާ ބަލިކުރުމަށް ރައީސް މައުމޫން އިންޑިއާގެ އެހީ އެދިވަޑައިގެންނެވިއެވެ.

ރާއްޖޭގެ ތާރީޚުގައި އެންމެ ގިނަ މީހުން މަރުވި ޓެރަރިސްޓް ހަމަލާ ކަމަށްވާ އެ ހަމަލާގައި ދިވެހިން 19 މީހަކު ޝަހީދުވިއެވެ. އޭގެ ތެރޭގައި ސިފައިންގެ އަށް މީހަކާއި ސިވިލިއަނުން 11 މީހަކު ހިމެނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް