ތައުލީމާއި ގުޅޭ ދެ މުއާހަދާއެއްގައި ބައިވެރިވުމަށް ވަޒީރުންގެ މަޖިލީހުން ނިންމައިފި

02 Nov 2026 | 18:49
ވަޒީރުންގެ މަޖިލީސް -- ފޮޓޯ: ރައީސް އޮފީސް

ވަޒީރުންގެ މަޖިލީސް -- ފޮޓޯ: ރައީސް އޮފީސް

ޔުނެސްކޯގެ ބައިނަލްއަޤްވާމީ ދެ މުއާހަދާ، "އޭޝިއާ ޕެސިފިކް ރީޖަނަލް ކޮންވެންޝަން އޮން ދަ ރިކޮގްނިޝަން އޮފް ކޮލިފިކޭޝަންސް އިން ހަޔަރ އެޑިއުކޭޝަން" (ޓޯކިޔޯ ކޮންވެންޝަން) އަދި ޔުނެސްކޯގެ "ގްލޯބަލް ކޮންވެންޝަން އޮން ދަ ރިކޮގްނިޝަން އޮފް ކޮލިފިކޭޝަންސް ކޮންސަރނިންގ ހަޔަރ އެޑިއުކޭޝަން" ގައި ދިވެހިރާއްޖެއިން ބައިވެރިވުމަށް ފެނިވަޑައިގަންނަވާ ކަމަށް ވަޒީރުންގެ މަޖިލީހުން ނިންމަވައިފިއެވެ.

ވަޒީރުންގެ މަޖިލީހުން މިގޮތަށް ނިންމެވީ މި މަހުގެ 1 ވީ އާދިއްތަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަން، ހަޔަރ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓުން ވަޒީރުންގެ މަޖިލީހަށް ހުށަހެޅުއްވި ކަރުދާހަށް މަޝްވަރާކުރެއްވުމަށް ފަހުގައެވެ. މިކަމަކީ ޤާނޫނުއަސާސީގެ 93 ވަނަ މާއްދާގެ (ހ) ގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަންޖެހޭ ކަމަކަށްވާތީ، އެ މަޖިލީހުގެ ރުހުން ހޯދުމަށްޓަކައި ހުށަހެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ ނިންމަވާފައެވެ.

މި ދެ މުއާހަދާގައި ބައިވެރިވުމާމެދު ޔުނެސްކޯއިން ވަނީ "ނޭޝަނަލް އެސެސްމަންޓް އޮފް ދަ ބެނެފިޓްސް އެންޑް އިމްޕްލިކޭޝަންސް އޮފް ރެޓިފައިންގ ދަ ގްލޯބަލް ކޮންވެންޝަން އެންޑް ޓޯކްޔޯ ކޮންވެންޝަން" ގެ ނަމުގައި ޤައުމީ އެސެސްމަންޓެއް ހަދާފައެވެ.

މީގެއިތުރުން ޔުނެސްކޯއާއި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ ގުޅިގެން ވަނީ މިކަމާ ގުޅުންހުރި ސްޓޭކްހޯލްޑަރުންގެ ހިޔާލު ހޯދުމަށް މިޝަނެއް ކުރިއަށްގެންގޮސް، ދާއިރާގެ އެކިއެކި ފަރާތްތައް ހިމެނޭ ފޯކަސް ގްރޫޕްގެ ބައްދަލުވުންތަކެއްވެސް ބާއްވާފައިވެއެވެ.

ޔުނެސްކޯގެ މި އެސެސްމަންޓް ރިޕޯޓުގައި ފާހަގަކޮށްފައިވާގޮތުގައި، މި މުއާހަދާތަކުގައި ދިވެހިރާއްޖެއިން ބައިވެރިވުމުގެ ސަބަބުން ދިވެހިރާއްޖޭގެ މަތީ ތަޢުލީމުގެ ދާއިރާ ބައިނަލްއަގުވާމީ ފެންވަރަށް ގެންދިއުމަށް ފަސޭހަވެގެންދާނެއެވެ.

އަދި ރާއްޖެއިން ބޭރުގެ ދަރިވަރުންނާއި މުވައްޒަފުން ރާއްޖެއައުމަށް ފަސޭހަވެގެންދާނެއެވެ. މީގެއިތުރުން ބޭރަށް ދާން ބޭނުންވާ ދިވެހި ދަރިވަރުންނަށް، ދިވެހިރާއްޖެއިން ބޭރަށްގޮސް ކިޔެވުމަށްފަހު ބޭރުގެ ސަނަދަކާއެކު ރާއްޖެއަށް އެނބުރި އައުމުގެ ފުރުޞަތު ލިބިގެންދާނެކަން ފާހަގަކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް