ރިވެލި ރެސްޓޯރެންޓު -- ފޮޓޯ: ސޯޝަލް މީޑިއާ
ކުލި ނުދައްކައި ގިނަ ދުވަސްތަކެއް ފާއިތުވުމުން ހުޅުމާލޭ ރުއްގަނޑު 1 ގައި ހިންގާ ރިވެލި ބީޗް ކްލަބް އެންޑް ރެސްޓޯރަންޓުގެ ބިމުގެ އެއްބަސްވުން އެޗްޑީސީން މިއަދު ބާތިލްކޮށް، އެ ތަނުގައި އެއްވެސް ވިޔަފާރިއެއް ކުރުން މަނާކޮށްފިއެވެ.
އެޗްޑީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން، ރިވެލި ރެސްޓޯރަންޓް ހިންގާ ސޮލާރިސް ހޮސްޕިޓަލިޓީ ޕްރައިވެޓް ލިމިޓެޑާ އެކު ހެދި ވިޔަފާރީގެ އެއްބަސްވުން މިއަދުން ފެށިގެން ނިމުމަކަށް ގެނެސް، ލޮޓް ނަމްބަރު 10877 ގެ ބިން އެ ކޯޕަރޭޝަނުގެ ބެލުމުގެ ދަށަށް ނެގީ، އެއްބަސްވުމުގައިވާ އިޖުރާއާތުތަކާ އެއްގޮތަށް ހުރިހާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށް ފަހުގައި ކަމަށެވެ.
އެޗްޑީސީގެ އޮފިޝަލަކު މީޑިއާގައި ވިދާޅުވީ ސޮލާރިސްއިން މިހާތަނަށް ފަސް މިލިއަނެއްހާ ރުފިޔާ ނުދައްކައި އެބައޮތް ކަމަށެވެ. އެ ކުންފުނިން އެއްބަސްވުމުގެ ދަށުން މިހާތަނަށް އެއްވެސް ފައިސާއެއް ނުދައްކާއިރު އަދާކުރަންޖެހޭ ސީއެސްއާރުގެ ޒިންމާތައް ވެސް ފުރިހަމަ ނުކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.
އެޗްޑީސީގެ ބަޔާނުގައި ބުނެފައިވާ ގޮތުން، ވިޔަފާރިތަކަށް ވީހާ ވެސް ފުޅާ ފުރުސަތު ދިނުމަށް ފަހު ނޫނީ މި ބާވަތުގެ ނިންމުމެއް ނުނިންމާ ކަމުގެ ޔަޤީންކަން އެ ކޯޕަރޭޝަނުން ދީފައިވެއެވެ.
ހުޅުމާލޭގައި ވިޔަފާރި ހިންގާ އެކި ފަރާތްތަކާއި ފްލެޓުތަކުގެ ކުލި ބަރާބަރަށް ނުދައްކާ މައްސަލައަކީ ދިގު ދެމެމުން އަންނަ ބޮޑު ޝަކުވާއެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް