38 ވަނަ ނަސްރުގެ ދުވަހުގެ އިހްތިފާލުތައް މިއަދު ފެށީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ސަރުކާރުގެ އިސް މަސްއޫލުވެރިންނާއި ދިވެހި ސިފައިންނާ އެކު އިސްލާމިކް ސެންޓަރުގައި ކުރެއްވި ފަތިސް ނަމާދުންނެވެ.
އިސްލާމީ މަރުކަޒުގައި ކުރިއަށްދިޔަ ފަތިސް ނަމާދުގެ ފޮޓޯތަކާއެކު ރައީސް އޮފީހުން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ، މިއީ 1988 ވަނަ އަހަރުގެ ނޮވެމްބަރު 3 ގައި ޤައުމަށްޓަކައި ފުރާނަ ހަދިޔާކުރި ބަޠަލުންގެ ހިތްވަރާއި ޤުރުބާނީ ހަނދާންކޮށް، ޢިބާދަތާއި ހަނދާނުގައި ފެށި ހެނދުނެއް ކަމަށެވެ.
ނަސްރުގެ ދުވަހަކީ 1988 ވަނަ އަހަރުގެ ނޮވެމްބަރު 3 ގައި ރާއްޖޭގެ ސަރުކާރު ވައްޓާލުމަށް ދިން ހަމަލާ ބަލިކޮށް ރާއްޖެ ކާމިޔާބުވި ދުވަހެވެ. ދިވެހިން ހަ މީހަކު ބައިވެރިވެގެން، ލަންކާގެ ތަމިލް ވަކިވާ ޖަމާޢަތެއްގެ ކުލި ސިފައިން ލައިގެން ދިން އެ ހަމަލާގައި ދިވެހިން 19 މީހަކު ޝަހީދުވިއެވެ. އޭގެ ތެރޭގައި ސިފައިންގެ އަށް މީހަކާއި ސިވިލިއަނުން 11 މީހަކު ހިމެނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް