"އެއްގޮތަކަށްވެސް ނާޒިމާ ދެރަކުރާކަށް ނޫނޭ އަހަރެން އެހެން ބުނީކީ..! ރާއިފުވެސް ބޭރުގައި އުޅެފަ ގެއަށް އަންނައިރު އެމަންޖެ ނެތީމަ ހިތްހަމަ އެއް ނުޖެހޭނެއެއްނު...! އެކަހަލަ ކަންކަމާ ނާޒިމާވެސް ޖެހޭނެ ވިސްނާލަން...!" ނާޒިމާއަށް ވިސްނާ ދިނުމުގެ ގޮތުން އައިލީން ބުންޏެވެ.
އެވަގުތު ރާއިފު ބަދިގެއަށް އައުމާއެކު އައިލީން ދައްކަމުންދިޔަ ވާހަކަ ހުއްޓާލުމަށްފަހު ޒާރާ އުރާލުމުން ރާއިފު ކާން އިށީނެވެ.
"އެމަންޖެ މަގޭއަތަށް ދީފައި އައިލީންވެސް ކާން އިށީންނަން ވީނު...!" ރާއިފު ކާން އިށީނުމުން އައިލީން އާ ދިމާއަށް ބަލާލުމަށްފަހު ނާޒިމާ ބުނެލިއެވެ.
"އަހަރެން ކާނީ ތަންކޮޅެއް ފަހުން...! ނާޒިމާވެސް އަދި ނުކައެއްނު ތިހިރީ..! އެހެނވީމާ އަހަރެން ކާނީ ނާޒިމާ އާ އެކީ...!" ޒާރާ ބޭބީ ގޮވައިގެން ރާއިފު ގާތުގައި ކާމޭޒު ދޮށުގައި އިށީންނަމުން އައިލީން ބުންޏެވެ.
"އެހެންވިއްޔާ އަހަރެން މިދަނީ ފެންވަރާލަން...! ފެންވަރައިގެން އައިސް ކާނީ..." ނާޒިމާ ބަދިގެއިން ނުކުންނަމުން ބުންޏެވެ.
"ކޮންއިރަކުން އަހަރުމެން މިއަށްވުރެ ތަންކޮޅެއް ބޮޑު ތަނެއް ހޯދާނީ...! މި މަންޖެ ފިރުކެން ފެށީމަ ދުވެލާނެ ތަންކޮޅެއްވެސް މިތާކު ނެތެއްނު...! އެހެން ނޫނަސް މަންމަވެސް ގެންނަން ޖެހޭނެއެއްނު..." އައިލީން ރާއިފު އާ ދިމާއަށް ބަލަން އިނދެ ބުންޏެވެ.
"އާނ...! އަހަރެން މިހިރީ އަދި ހަނދާން ނެތިފައޭ...! ކަމެއް ހަނދާންވާ ވަރެއްތަ...؟ މިއަދު ހެނދުނު ވަރަށް ރަނގަޅު ތަނެއް ބަލާލީމޭ...! ތިން ކޮޓަރީގެ އެޕާޓްމަންޓެއް...! ކޮޓަރިތައްވެސް ވަރަށް ބޮޑު...! އިހަކަށްދުވަހު ހަދާ ނިމުނު ތަނެއް ކަމަށްވަނީ...! ވަރަށް ރީތި..! ޔަޤީން އައިލީންއަށް އެތަން ފެނިއްޖިޔާ ހަމަ ވަގުތުން ބަދަލުވާން ބޭނުންވާނެ..! މިގެއާ ބަލާފަ އަގުވެސް އެހާ ބޮޑެއް ނޫން... ފައިވް ތައުޒަން ރުފިޔާ އަގުބޮޑީ...! މިއީ ދެރޫމެއްނު...! އެހެންވީމަ ތިން ރޫމް ވީމާ މާބޮޑަށްވެސް ރަނގަޅެއްނު...! އަނެއްކާ އެ ޢިމަރާތުގެ މަތީގައި އެންމެނަށް ބޭނުން ކުރެވޭގޮތަސް ސްވިމިންޕޫލެއްވެސް އޮވޭ...! ކުދިކުދި ޕާޓީތައްވެސް ބޭއްވޭގޮތަށް ޓެރަސް ހަދާފަ އޮންނަނީ...! އެޕާޓްމަންޓްގެ ބެލްކަނީއަށް ނުކުތީމަ އިރުއޮއްސޭތަންވެސް ވަރަށް ރީއްޗަށް ފެނޭ...!" ރާއިފު، އައިލީން އާ ދިމާއަށް ބަލާލުމަށްފަހު ވާހަކަ ދެއްކިއެވެ.
"އެހެންވީމާ، އެތަން ހިފަންތަ ދެން ތި ނިންމަނީ...؟ ތި ބުނިގޮތުން ވިއްޔާ ތިތަން ވަރަށް ފުރިހަމަވާނެ...! އަހަންނަށް ފެންނަނީ ހިފަން...!" ރާއިފުގެ ވާހަކަތައް އަޑުއެހުމަށްފަހު އައިލީން ބުންޏެވެ.
"އާނ...! އެކަމަކު، އައިލީން ހިތްހަމަ ޖެހެންޏާ ހިފާނީ...! މިރޭ އެތަން ބަލާލަން ދަމާ...!" އައިލީންގެ ސުވާލަށް ރާއިފު ޖަވާބު ދިނެވެ.
"އޯކޭވާނެ ކޮންމެހެން އަހަރެން ނުބެލިޔަސް...! އަހަންނަށް އެނގޭ ރާއިފުއަށް ތަނެއް ރަނގަޅުވާނީ ކިހާވަރެއްވީމަކަން..! އެހެންވީމާ ދެން ބަލާނެ ކަމެއްނެތް...! ތިއަގުގައި ހިޔެއްނުވޭ ތިކަހަލަ ތަނެއް މިޒަމާނުގައި ކުއްޔަށް ލިބޭނެހެނެއް...! އަހަންނަށް ފެންނަނީ އަވަހަށް ތިތަން ހިފަން..! އެހެން ނޫނީ އެހެން މީހަކު ހިފާފާނެ..!" ހިނިތުންވެލާފައި އައިލީން ބުންޏެވެ.
"އެހެން މީހަކު ނުހިފާނެ...! އަހަރެން އެތާ ވެރިމީހާއާ ވާހަކަ ދެއްކީމޭ..! ރައްޓެއްސެއްގެ ތަނެއް...! އެހެންވެ އެވަރުގެ ތަނަކަށް އެހާކުޑައަގެއް އޭނަ އެކިޔަނީވެސް...! އެހެންވީމާ އަހަރެންގެ ޖަވާބަކަށް އޭނަ މަޑުކުރާނަމޭ ބުނި..." ކައިނިމިގެން ތެދުވަމުން ރާއިފު ބުންޏެވެ.
"ބުނޭ އަހަރުމެން އެތަން ބޭނުމޭ..! ކުއްޔަށް ހިފާނަމޭ...! ދައްތަ މެންނަށްވެސް ރަށަށް ނުފުރިފަ އެ ތިބެނީ މަންމަ އެގޭގައި ހުރީމަ...! މަންމަ ގެނެވޭނީވެސް މިއަށްވުރެ ބޮޑު ތަނެއް އަހަރުމެންނަށް ލިބުނީމައެއްނު...! އޭރުން މި މަންޖެއަށް ވެސް ތަންކޮޅެއް ރަނގަޅުވާނެ..! އަބަދު ނާޒިމާ ކޮޓަރީގައި މިމަންޖެ އޮންނާކަށް ނުޖެހޭނެ...! ދެން މި މަންޖެގެ މާމަ، މިމަންޖެ ބަލާނީ...! އޭރުން ވާނީ މީ މާމަގެ ލޯބިލޯބި ބޭބީއަކަށް ދޯ...!" އައިލީން ޒާރާބޭބީ ގެ ނިތްކުރީގައި ބޮސްދެމުން ވާހަކަ ދެއްކިއެވެ.
"އާނ..! އޭރުން ޒާރާ އާއެކު ކުޅެން މަންމަ ހުންނާނެ...! މަންމަ ކުޑަކުދިންނާއެކު ކުޅެން އެހާވަރު ހުންނާނެ..! މަންމަ މިހާރުވެސް އަބަދު އެ ހުންނާނީ ދައްތަގެ ކުޑަ ދެކުދިންނާއެކު ސަކަރާތް ގަނެލަގަނެލަ...! ހަމަ ކުޑަކުއްޖެކޭ މަންމައެކޭ އެއްގޮތްވާނެ... ނަޞީބެއް މަންމަ މިގެއަށް ގެންނަންވާއިރަށް އަހަރުމެންނަށް ކުއްޖަކު ހޯދުނުކަން...! ހީނލާފައި ރާއިފު ބުންޏެވެ.
ރާއިފު ކައިނިމިގެން ކޮޓަރިއަށް ދިޔުމުން އައިލީންވެސް ބޭބީ ގޮވައިގެން ދިޔައީ ކޮޓަރިއަށެވެ. ކޮޓަރިއަށް ގޮސް ބޭބީއަށް ބުއްފުޅިއެއް ދިނުމަށްފަހު ނިންދަވަން މަސައްކަތް ކުރިއެވެ.
"ޒާރާ ނިންދަވަން އަހަރެން އަތަށްދިފައި އައިލީން ދާންވީނު ކާން...!" އެނދުގައި އޮށޯވެލައިގެން އޮތް ރާއިފު އެނދުން ތެދުވަމުން ބުންޏެވެ.
"ރާއިފު ކައިރީގައި މި މަންޖެއެއް ނުނިދާނެ...! އަބަދު އުޅޭނީ ސަރަކާތްޖަހަން ވިއްޔަ...!" އައިލީން ހީނލާފައި ސަމާސާ ރާގަކަށް ބުންޏެވެ.
"ދީބަލަ...! ދިނީމަތާ އެނގޭނީ...! މިއީ ބައްޕީގެ ލޯބި ލޯބި ފުއްކޮޅެކޭ ދޯ...؟ ބައްޕީގެ ބޭބީ މިހާރު ހީވޭ ކުރިއަށްވުރެ ރޫފަ ރަނގަޅު ވެލައިފިހެންވެސް.." ޒާރާ އުރާލަމުން ރާއިފު ބުންޏެވެ.
"މި ބޭބީކޮޅު މިގޭގަ މިހާރު މި އުޅެނީ ހިތްހަމަ ޖެހިގެން އުފަލުގައޭދޯ ބޭބީ...!" ޒާރާގެ ކޮލުގައި ހިފާލަމުން އައިލީން ބުންޏެވެ.
"އާނ..! ނާރސިން ހޯމްގައި ގެންގުޅޭއިރު އާއި މިހެން ގެންގުޅޭއިރު އުޑާބިމާހާ ތަފާތު ވާނެ...!" ރާއިފު، ޒާރާގެ މޫނަށް ބަލަހައްޓައިގެން އިނދެ ވާހަކަ ދެއްކިއެވެ.
"އޯކޭ...! މަންމަ އަންނާނަން ވަރަށް އަވަހަށް ކައިގެން...! މަންމަ އަންނަންދެން ބޭބީ ނުނިދަ އޮންނާތި...! މަންމަ އައިސް ބޭބީ ނިންދަވާނީ..!" އަނެއްކާވެސް ޒާރާގެ ކޮލުގައި ހިފާލަމުން އައިލީން ބުންޏެވެ.
"މަންމަ އައުމުގެ ކުރިން ބައްޕީގެ ލޯބިކޮޅުވާނެ ނިދަން..! މިރޭ މަންމީ އާއި ބައްޕީ އާއި ވަރަށް ބިޒީވާނެ...!" ލާނެއް ފާޑަކަށް ހީނލާފައި އައިލީން އާ ދިމާއާށް ބަލާލުމަށްފަހު ރާއިފު ބުންޏެވެ.
"ހޫނ...! ތިއީ، ކުޑަކުދިންގެ ކައިރީގައި ދައްކާކަހަލަ ވާހަކައެއް ނޫނޭ...! ބޭބީއަށްވެސް އަޑުއިވޭނެއޭ...! ކަންކަން އެނގޭނެއޭ...!" އައިލީން އެނދުން ތެދުވަމުން ހީނލާފައި ބުންޏެވެ.
އައިލީން ކޮޓަރިން ނުކުމެގެން ބަދިގެއަށް ދިޔައިރު ނާޒިމާ ސިޓިން ރޫމުގައި މުރަނގަތޮޅިކޮޅެއް ނޮޅަން އިނެވެ.
"ތިކަން އިހަށް ބަހައްޓާފަ ހިނގާ ކާން...! ކައިގެން އައިސް ތިކަން ދެން ކުރާނީ...!" ބަދިގެއަށް ވަންނަމުން ނާޒިމާ އާ ދިމާޢަށް ބަލާލުމަށްފަހު އައިލީން ބުންޏެވެ.
"ކޮބާ އެމަންޖެ...! ކީއްވެ ނިންދަވަން ނުގެނައީ...؟" ނާޒިމާ ތެދުވެގެން ބަދިގެތެރެއަށް ވަންނަމުން އައިލީން އާ ސުވާލުކޮށްލިއެވެ.
"ރާއިފު އެބައިން އެމަންޖެ ނިންދަވަން...! މިއަދު ރާއިފު މާގިނައިރު އެމަންޖެ ނުފެނި ބޭރުގައި އުޅެވުނީމަ އެމަންޖެއާއެކު ވަގުތުކޮޅެއް ހޭދަކުރަން ވެގެން...! އަހަންނަށް އެނގޭ ނާޒިމާވެސް އެމަންޖެދެކެ ވަރަށް ބޮޑަށް ލޯބިވާކަން...! އެކަމަކު އަހަރުމެން ގޭގައި އުޅޭވަގުތު އެމަންޖެގެ ކަންކަން ކުރާނީ އަހަރުމެން..! މިއީ ނާޒިމާ ދެކެ ހިތްހަމަ ނުޖެހިގެން ދައްކާ ވާހަކައެއް ނޫން...! ނާޒިމާވެސް މިކަން ޖެހޭނީ ގަބޫލު ކުރަން..." ނާޒިމާއަށް ވިސްނާ ދިނުމުގެ ގޮތުން އައިލީން ވާހަކަ ދެއްކިއެވެ.
ނާޒިމާ އިނީ އިސްދަށަށް ޖަހައިގެންނެވެ. އެއްވެސް އެއްޗެއް ނުބުނެއެވެ. އައިލީން ކަމުން ދިޔައިރު ނާޒިމާ ކެއުމާ ގަޔާނުވެ މަޑުމަޑުން ކަމުން ގެންދިޔައެވެ. އައިލީންއަށްވެސް އެކަން ފާހަގަ ކުރެވުނެވެ. ނަމަވެސް އެކަމާ އައިލީން އިތުރަށް އެއްވެސް އެއްޗެއް ނުބުނެ ކައިގެން ތަށިތައް ދޮވެލުމަށްފަހު ދިޔައީ ކޮޓަރިއަށެވެ.
"އައްދެ...! ހާދައަވަހަށް އެމަންޖެ ތި ނިންދަވާލީ..." އައިލީން ކޮޓަރިއަށް ވަންއިރު ޒާރާ ނިންދަވާފައި އެނދުގައި ބާއްވާފައި އޮތްތަން ފެނުމާއެކު ރާއިފުއާ ދިމާއަށް ބަލާލުމަށްފަހު ބުންޏެވެ.
"އާނ...! އެމަންޖެ ވަރަށް ނިދިއައިއްސަ ކަންނޭނގެ އޮތީ...! ކުޑަކޮށް ލަވައެއް ކިޔާލަދިންތަނާ ނިދައިފި...!" ހީނލާފައި ރާއިފު ބުންޏެވެ.
"އައްދެ، ރާއިފު ލަވަވެސް ކިޔަންތަ...؟ ކައިވެނިކޮށްގެން މިހާ ދުވަސްވީއިރުވެސް ތިއީ އަދި އަހަންނަށް ނޭނގޭ ކަމެއް...! މިރޭ ވާނެ އަހަންނަށްވެސް ލަވައެއް ކިޔައިދޭން..." އައިލީން ހީނލާފައި މަޖާ ރާގަކަށް ބުންޏެވެ.
"މިރޭ މި ތައްޔާރުވަނީވެސް އައިލީން އަށް ލަވައެއް ކިޔައިދޭށޭ...! ވަރަށްބޮޑު ލަވައެއް ކިޔައިދޭން ވެގެން...! ދެން އަވަހަށް ތައްޔާރު ވެގެން އެނދަށް އާދެބަލަ...! ލަސްވަންޏާ އަހަރެން ނިދި އައިސްގެން ލަވަ ހަނދާން ނެތިދާނެ.." މަޖާ ރާގަކަށް ރާއިފު އެހެން ބުނީ ހެމުންހެމުންނެވެ.
"ސާބަސް މިރާއިފު އުޅޭނީ އަބަދު އެހެން...! ތިލަވައެއް ކިޔާ އަޑު ގަދަވެގެން އެންމެފަހުން ޒާރާބޭބީ ނުހޭލައިފިއްޔާ ވެދާނެ...!" އައިލީންވެސް ހީނލާފައި ބުންޏެވެ.
"އެވަރު ދެން އަހަރެންވެސް ބަލާނެއެއްނު...! ރެޑީވެލައިގެން ބޮކި ނިއްވާލާފަ އަވަހަށް އާދޭ މިތާ އޮށޯންނަން...! އަހަރެން ރެޑީ ވެގެން މިހެން އިންތިޒާރުގައި އޮންނަތާ ކޮން އިރެއް..." އެނދުގެ އެއްފަރާތަކަށް ކުޑަކޮށް ޖެހިލަމުން ރާއިފު ބުންޏެވެ.
އައިލީން ފާހާނާއަށްވަދެ ގައި ދޮވެލައިގެން އެއްޗިހި ބަދަލުކޮށްލައިގެން އައިސް ކޮޓަރީގައި ދިއްލާފައިހުރި ހޮޅިބުރި ނިވާލުމަށްފަހު ނިދާބޮކި ދިއްލާލިއެވެ. ނިދާބޮކި ދިއްލާލުމާއެކު މުޅި ކޮޓަރިތެރެއަށް މަޑު އައްޔެއް ފެތުރިގެން ދިޔައެވެ. އައިލީންގޮސް އެނދުގައި އޮށޯވެލިއެވެ. އެނދުގައި އޮށޯތުމާއެކު ރާއިފު މަޑުމަޑުން އައިލީން އާ ގާތަށް ޖެހިލިއެވެ. އަދި ރާއިފު އޭނާގެ އަތުން އައިލީންގެ ކޮލުގައި ހިފާލުމަށްފަހު ގަޔާ ކައިރިކޮށްލިއެވެ.
ދުވަސްކޮޅަކަށްފަހު ލިބުނު ހިތްހަމަ ޖެހުމާއެކު ރާއިފު އެނދުން ތެދުވެގެން ގޮސްވަނީ ފާހާނާ އަށެވެ. އައިލީން އެނދުމަތީގައި އޮތީ ފަންގިފިލައަށް ބަލަހައްޓައިގެން ޚިޔާލެއްގެ ތެރެއަށް ގެއްލިފައެވެ. އައިލީން ވިސްނަމުން ގެންދިޔައީ މިފްޒާލް އާ ބައްދަލުވުމަށް މިފްޒާލް ބުނެފައިވާ ދުވަސް ކައިރިވަމުންދާތީ އެކަމާ މެދުގައެވެ. އެކަމުގައި ރާއިފުގެ އެހީތެރިން ހޯދުމަށްޓަކައި އެވާހަކަ ރާއިފުއާ ދައްކާނެ ގޮތަކާމެދުގައެވެ.
ނުނިމޭ... ވާހަކައިގެ އާ ބައެއް، 05 ނޮވެމްބަރ، އަންގާރަ ދުވަހު ގެނެސްދެވޭނެ، އިންތިޒާރުކޮށްލައްވާ....
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް