ވާހަކަ: ޑައިރީ – ފަސްދޮޅަސް އެއްވަނަބައި

ކުރީގެ އަދަދާއި ގުޅޭ... "މިއީ އަމިއްލަ ރަށޭދޯ...؟ އަދި ކިރިޔާއޭ ބޭބީގެ ރަށަށް މިއާދެވުނީ..!" ނާޒިމާ އަނެއްކާވެސް ޒާރާގެ ނިތްކުރީގައި ބޮސްދެމުން ހީނލާފައި ބުނެލިއެވެ. ރާއިފު އާއި އައިލީން ޒާރާ ބޭބީ އާއ...

29 Oct 2024 | 04:45

ކުރީގެ އަދަދާއި ގުޅޭ...

"މިއީ އަމިއްލަ ރަށޭދޯ...؟ އަދި ކިރިޔާއޭ ބޭބީގެ ރަށަށް މިއާދެވުނީ..!" ނާޒިމާ އަނެއްކާވެސް ޒާރާގެ ނިތްކުރީގައި ބޮސްދެމުން ހީނލާފައި ބުނެލިއެވެ.

ރާއިފު އާއި އައިލީން ޒާރާ ބޭބީ އާއެކު އުފާވެރި ދުވަސްތަކެއް ވޭތިކުރަމުން ގެންދިޔައެވެ. އެހެންނަމަވެސް އައިލީން ގޮތެއް ނިންމުމަށް މިފްޒާލް ދީފައިވާ އެއްމަސްދުވަހުގެ މުއްދަތު ގާތްވެފައިވާތީ އައިލީން އެކަމާ ހާސްވެފައި ހުރިކަމުގައިވިޔަސް އޭނާގެ މޫނުމަތިން އެކަމެއް ނުދައްކައެވެ. ޒާރާ އާއި ރާއިފު އާއެކު ހޭދަކުރާ އެ އުފާވެރި ވަގުތުތައް އައިލީންއަށް އެއަށްވުރެ މާ މުހިންމެވެ. ކޮންމެ ގޮތަކަށް ކަންތައްވީ ކަމުގައިވިޔަސް އައިލީން މިހާރުހުރީ ގޮތް ދޫކުރާގޮތަކަށް ނޫނެވެ. އައިލީން ނިންމައިގެންހުރީ އަނެއްކާވެސް ކަންތައް ގޯސްވުމުގެ ކުރިން ރާއިފު އާއި ވާހަކަ ދައްކައިގެން މިކަމުގައި ރާއިފުގެ އެހީތެރިކަން ހޯދުމަށެވެ. އައިލީން އިންތިޒާރު ކުރަމުން ގެންދިޔައީ އެފަދަ ވަގުތަކަށެވެ.

އެއް ދުވަހެއްގެ ހަވީރުގެ ވަގުތެވެ. އައިލީން އޮފީސް ނިންމާފައި ގެއަށް އައި އިރު އަދި ރާއިފު ގެއަކަށް ނާދެއެވެ. ކޮޓަރިއަށްގޮސް ބަލާލިއިރު ޒާރާވެސް ކޮޓަރިއަކު ނެތެވެ. ކޮޓަރިއަށް ވަނުމަށްފަހު އައިލީން ސިޓިން ރޫމަށް ނުކުމެ ބަލާލިއިރު ނާޒިމާ ބަދިގެ ތެރޭގައި އުޅެއެވެ.

"ކޮބާ ޒާރާ...!" ބަދިގެތެރެއަށް ވަންނަމުން ނާޒިމާ ކުރެން އައިލީން އަހާލިއެވެ.

"އެމަންޖެ ނިދާފަ...!" އުނދުން މައްޗަށް އުދާފައިހުރި ރިހަތެލި ބާލަމުން އައިލީން އާ ދިމާއަށް ބަލާލުމަށްފަހު ނާޒިމާ ބުނެލިއެވެ.

"ނިދާފައޭ...! ކޮންތާކު...! ގައިމު ކޮޓަރިއަކުން ނެތް...!" އައިލީން އަނެއްކާވެސް ބުނެލިއެވެ.

"އާނ...! އަހަރުން ކޮޓަރީގަ އޮތީ...!" އަނެއްކާވެސް އައިލީން އާ ދިމާއަށް ބަލާލުމަށްފަހު ނާޒިމާ ބުނެލިއެވެ.

"އެ މަންޖެ ނިންދަވާފައި އަހަރުން ކޮޓަރީގައި ބާއްވަބަލަ...! އެހެން ތަންތާނގައި އެމަންޖެ ނިންދެވީމަ ރާއިފުވެސް ހިތްހަމައެއް ނުޖެހޭނެ...! ރާއިފު މިހާރު އަންނަން އުޅޭނެ...! ގޮސް އެމަންޖެ ގެނެސް އަހަރުމެން ކޮޓަރީގައި ބާއްވަބަލަ..!" ކަބަޑުން ތައްޓެއް ނަގަމުން އައިލީން ބުންޏެވެ.

"ނިދާފައޮއްވަ އެމަންޖެ ނެގީމަ ހޭލާނެއެއްނު...! ނިދިކޮޅު އެކީ ހަލާކުވާނީ...! ވަރަށް ވަރުންނޭ ނިންދެވީ...! ދެން އަހަރުން ކޮޓަރީގައި އެމަންޖެ ހޭލަންދެން ބާއްވަބަލަ... ހޭލީމާ ގެންދާނަމޭ..!" ނާޒިމާ އަނެއްކާވެސް އައިލީން އަށް ބަލާލުމަށްފަހު ބުނެލިއެވެ.

އެވަގުތު ގެއަށް އައިސްވަނީ ރާއިފު އެވެ.

"އެއްޗިހި ބަދަލުކޮށްލައިގެން އާދޭ ކާން...!" ރާއިފު ގެއަށްވަނުމާއެކު އައިލީން ބުންޏެވެ.

ރާއިފު ހިނގައިގަތީ ކޮޓަރިއަށެވެ. ރާއިފު ފަހަތުން އައިލީންވެސް ކޮޓަރިއަށް ދިޔައެވެ.

"ކޮބާ އެމަންޖެ..." ކޮޓަރިއަށް ވަނުމަށްފަހު ރާއިފު އައިލީން އާ ސުވާލުކޮށްލިއެވެ.

"އެމަންޖެ ނިދާފަ އޮތީ...! ނާޒިމާ ކޮޓަރީގައި...!" ރާއިފު ދިއްކޮށްލި ގަމީހުގައި ހިފަމުން އައިލީން ބުންޏެވެ.

"ކީއްވެ އެމަންޖެ ނިންދަވާފަ އަބަދު ނާޒިމާ ކޮޓަރީގައި ބާއްވަނީ...! އެ ކޮޓަރީގައި ނިންދެވިޔަސް ނިދީމަ މި ކޮޓަރިއަށް ގެންނަން ޖެހޭނެއެއްނު...!" ހިތްހަމަ ނުޖެހިފައި ހުރެ ރާއިފު ބުންޏެވެ.

"އަހަރެންވެސް ތިވާހަކަ ނާޒިމާ އާ ދައްކައިފިން...! އޭނަ މާބޮޑަށް އެ މަންޖެދެކެ ލޯބިވަނީ ކަންނޭނގެ..! އެމަންޖެވެސް ނާޒިމާއާ ވަރަށް ގަޔާވޭ ކަންނޭނގެ...! ނާޒިމާ ކައިރީގައި ކިތަންމެ ގިނައިރެއްވިޔަސް އެމަންޖެ ނުވެސް ރޮއި...!" އައިލީން ގަމީސް ގެންގޮސް ކޮނޑުގައި އަޅުވަމުން ވާހަކަ ދެއްކިއެވެ.

"ހެޔޮ އެހެންވިޔަސް...! އެއީ އަހަރުމެންގެ ކުއްޖެއް..! އަހަރެން ހިތްހަމައެއް ނުޖެހޭ ނާޒިމާ އަބަދު އޭނަ ގެންގުޅޭކަށް...! އައިލީން ގޮސް އެމަންޖެ ގޮވައިގެން އާދޭ...!" އެނދުގައި އިށީންނަމުން ރާއިފު ވާހަކަ ދެއްކިއެވެ.

އައިލީން ކޮޓަރިން ނުކުމެގެން ދިޔައީ އެމަންޖެ ބަލާ ނާޒިމާ ކޮޓަރިއަށެވެ. އައިލީން ގޮސް ކޮޓަރިއަށް ވަނުމުގެ ކުރިން ނާޒިމާ ކޮބައިތޯ ގޭތެރެ ބަލާލިއެވެ. ނާޒިމާ ފެންނާކަށް ނެތެވެ. އައިލީން ގޮސް ނާޒިމާ ކޮޓަރީގެ ދޮރުގައި ހިފާލުމާއެކު ކޮޓަރި ދޮރު ހުޅުވިއްޖެއެވެ. އޭރު ނާޒިމާ ކޮޓަރި ތެރޭގައި ޒާރާ އުރައިގެން ހުރެ ޒާރާ އާއި ވާހަކަ ދައްކަމުން ދިޔައެވެ.

"އާދޭ ދަރިފުޅު ކޮޓަރިއަށް ދާން...!" އައިލީން ގޮސް ޒާރާގެ އަތުގައި ހިފަމުން ބުނެލިއެވެ.

"އެމަންޖެ ނުގެންދެބަލަ...! އަދި ނިދާނެޔޭ...! އަދިވެސް ނިދިއައިސްފަ މިއޮތީދޯ...؟" ޒާރާގެ މޫނާ ދިމާއަށް ބަލަން ހުރެ ނާޒިމާ ވާހަކަ ދެއްކިއެވެ.

"ކޮޓަރިއަށް ގެންގޮސް ދެން ނިންދަވާނީ...! ގެނޭ..!" އަނެއްކާވެސް ޒާރާގެ އަތުގައި ހިފަމުން އައިލީން ބުނެލިއެވެ.

"ޒާރާ ބޭބީގެ ނިދިކޮޅޭ ހަލާކުވާނީ...! އެހެން ނަހަދާ...! ނިދާފަ ހޭލީމަވެސް ގެންދެވިދާނެ އެއްނު...!" ނާޒިމާ، ޒާރާ ރޯން ފެށީމާ ހުއްޓާލައްވަން މަސައްކަތް ކުރަމުން ވާހަކަ ދެއްކިއެވެ.

"އެކަމަކު ނާޒިމާ...! ބޭބީ ބަނޑުހައިވެގެންނޭ އެ ރޮނީ...! ގެނޭދެން...! މިހާރު ބޭބީ އަށް ކާންދޭ ގަޑިވެސް ޖެހެނީ..." އަނެއްކާވެސް އައިލީން، ޒާރާ އުރާލުމަށްޓަކައި ޒާރާގެ އަތުގައި ހިފާލަމުން ބުންޏެވެ.

"އަދި ބަނޑުހައިވާހާ އިރެއް ނުވެއޭ...! ދެންމެ ބުއްފުޅިއެއް މިދިނީވެސް...!" ނާޒިމާ، ޒާރާ ކޮނޑުމަތީގައި ބާއްވައިގެން ނާނާ ކިޔަމުން ބުންޏެވެ.

"އެހެންވިޔަސް ހެޔޮ...! ގެނޭ ދެން...! ފަހުން ގެންނާނަމޭ..." ނާޒިމާގެ ކޮނޑުމަތީގައި އޮތް ޒާރާގެ އަތުގައި ހިފާލުމަށްފަހު ޒާރާ އުރާލަމުން އައިލީން ބުންޏެވެ.

"ބޭބީ ވެއްޓިދާނެ...! ބަލައިގެން އުޅެބަލަ...!" ހިތްހަމަ ނުޖެހިފައި ނާޒިމާ ބުންޏެވެ.

"ސާބަސް...! އަހަންނަށްވެސް އިނގެޔޭ ކުޑަކުދިން ގެންގުޅެންވީ ގޮތް...!" އައިލީން، ޒާރާ ގޮވައިގެން ހިނގައިގަންނަމުން ބުންޏެވެ.

"ކާންދީގެން ގެންނާތި...! އަދި ޒާރާބޭބީ ފެންވަރުވަން ޖެހޭނެ...! އޭރުން ދެން އެމަންޖެއަށް އަރާމުކޮށް ނިދާލެވޭނީވެސް..!" އައިލީން ފަހަތުން ހިނގައިގަންނަމުން ނާޒިމާ ބުންޏެވެ.

"ނާޒިމާ މި މަންޖެއާ ހެދި ހާދަވަރެކޭ ތިހުންނަނީ...! އަހަރެން އޭނަ ފެންވަރުވަފާނަމޭ...! އަހަރެން މިއީ ކުޑަކުދިން ނުގެންގުޅޭ މީހެއް ނޫނޭ..." އައިލީން، ނާޒިމާއާ ދިމާއަށް ބަލައިވެސް ނުލާ ބުނެލިއެވެ.

އައިލީން، ޒާރާ ގޮވައިގެން ކޮޓަރިއަށް ދިޔައިރު، ރާއިފު ހުރީ ޒާރާ އުރާލާ ހިތުން ކެތްމަދުވެފައެވެ.

"ހާދަ އިރެއްވީ...! އަހަރެން މިހުންނަނީ ޒާރާ އުރާލާހިތުން...! ކީއްވެތަ އަބަދު ނާޒިމާ މި މަންޖެ ކޮޓަރިއަށް ގެންގޮސްގެން ގެންގުޅެނީ...؟" ރާއިފު ޒާރާ އުރާލުމަށްފަހު ގަޔާ ބޮނޑިކޮށްލަމުން ބުންޏެވެ.

"ނިންދަވާފައި މިތާ ބާއްވާފައި އޮންނައިރު ހޭލިޔަސް ނޭނގޭނެތީ ކަންނޭނގެ...! އެކަމަކު އަހަރެން ބުނެފިން ނިންދަވާފައި މި ކޮޓަރީގައި ބާއްވާށޭ...!" ބޭބީގެ ކޮލުގައި ހިފާލަމުން އައިލީން ވާހަކަ ދެއްކިއެވެ.

"އާނ..! ނާޒިމާ ކައިރީގައި ބުނޭ މި މަންޖެ ނުގެންދާށޭ...! ނިންދަވާފައި މިތާ ބޭއްވިޔަސް ހޭލާތޯ ބެލޭނެއެއްނު...! މިއީ ބައްޕް ދޫންޏޭދޯ..." ރާއިފު ބޭބީގެ މޫނަށް ބަލަން ހުރެ ވާހަކަ ދެއްކިއެވެ.

ތިހެން ބުނެފަ މިއައީ...! އެހެންބުނީމަ ވަރަށް ހިތްހަމަ ނުޖެހިފަހުރީ...! އެކަމަކުވެސް އެހެން ކަންތައް ކުރަންޏާ ބުނެވޭނެތާ...! އަހަރެން އެބައަންނަށް ކާންހަދާފައި..." ކޮޓަރިން ބޭރަށް ނުކުންނަމުން އައިލީން ބުންޏެވެ.

އައިލީން ބަދިގެއަށް ދިޔައިރު، ނާޒިމާ ބަދިގެ ތެރޭގައި އުޅެއެވެ.

"ކޮބާ އެމަންޖެ...! ކޮންއިރަކުން އެމަންޖެ ފެންވަރުވަން ގެންނަނީ...؟" އައިލީން ފެނުމާއެކު ނާޒިމާ އަހާލިއެވެ.

"އެމަންޖެވީ ރާއިފު އަތުގައި..! އަހަރެން އެމަންޖެ ފެންވަރުވަފާނަން..! ނާޒިމާ އެކަމާ އަޅާނުލާ...!" ހިތްހަމަ ނުޖެހިފައިހުރެ އައިލީން ވާހަކަ ދެއްކިއެވެ.

"އައިލީން އަށް އުނދަގޫވާނެ...! އަހަރެން ފެންވަރުވާނީ...!" ނާޒިމާ ގޮތް ދޫނުކުރާ ރާގަކަށް ވާހަކަ ދެއްކިއެވެ.

"ބުނަން ނާޒިމާ ވާހަކައެއް...! އެމަންޖެގެ ކަންކަމާ ނާޒިމާ ނުބެހިބަލަ..! އަހަންނަށް ހުރިހާ ކަމެއްވެސް ކުރަން އެނގެޔޭ...! އަހަރެން ބޭނުން ވެގެން ކުއްޖަކު މިހޯދީ...! އެހެންވީމާ އެ ދަރިފުޅުގެ ހުރިހާ ކަމެއްވެސް ކުރާނީ އަހަރެން..! ނާޒިމާ އެކަމާ އުޅޭނެ ކަމެއްނެތް...! އަހަރެން ގޭގަ ނުހުންނަ ގަޑިގަޑީގައި ނާޒިމާ އެމަންޖެގެ ކަންކަން ކޮށްލީމަ އެ ނިމުނީ..! އަހަރެން ގޭގައި އުޅޭއިރު އެމަންޖެގެ ހުރިހާ ކަމެއްވެސް ކުރާނީ އަހަރެން...!" ނާޒިމާއަށް ވިސްނައި ދިނުމުގެ ގޮތުން އައިލީން ވާހަކަ ދެއްކިއެވެ.

އައިލީންގެ ވާހަކަތަކަށް ނާޒިމާ ޖަވާބެއް ނުދެއެވެ. އެއްޗެއް ނުބުނެ ނާޒިމާ ހުރިކަމުގައި ވިޔަސް ނާޒިމާގެ މޫނުމަތިން ހިތާމައިގެ އަސަރު ފާޅުވަމުންދިޔައެވެ. އައިލީންއަށްވެސް އެކަން ފާހަގަވިޔެވެ. ނާޒިމާއަކީ ކުޑަކުދީން ދެކެ ވަރަށް ބޮޑަށް ލޯބިވާ މީހެއްކަންވެސް އައިލީން އަށް އެނގެއެވެ. އެހެން ނަމަވެސް ޒާރާބޭބީ އަބަދު ނާޒިމާ ގެންގުޅުމަކީ އައިލީންވެސް އެއްގޮތަކަށްވެސް ބޭނުންވާ ގޮތެއް ނޫނެވެ.

"ކީއްވެ އެއްޗެކޭ ނުބުނީ...؟" އައިލީން ދެއްކި ވާހަކަތަކަށް އެއްވެސް އެއްޗެއް ނުބުނެ ނާޒިމާ ހުރުމާއެކު އައިލީން ސުވާލުކުރިއެވެ.

"ދެން ކީކޭ ތީގައި އަހަރެން ބުނާނީ...! އެކަމަކު އެމަންޖެ ރޮންޏާ އަހަރެން ގާތަށް އެމަންޖެ ގެންނަންޗޭ...! އަހަންނަކަށް ކުޅަދާނައެއްނުވާނެ އެމަންޖެ ރޯ އަޑު އަހާކަށް، އަދި ރޯތަން ބަލަން ހުންނާކަށްވެސް...! އަހަރެން ޒާރާ ބޭބީ ދެކެ ވަރަށް ލޯބިވޭ...! ނޭނގެ ކީއްވެ ކަމެއް...!" ނާޒިމާގެ ލޮލުން ކަރުނަ ހިލުނެވެ.

އައިލީން ހުރީ ޙައިރާން ވެފައެވެ. އައިލީން ދެއްކި އެވާހަކަތަކުން ނާޒިމާއަށް އެވަރުގެ ފުން އަސަރެއް ކުރީތީ އައިލީންވެސް ދެރަވިއެވެ.

"ނާޒިމާ ދެރަކުރާކަށް ނޫނޭ އަހަރެން އެހެން ބުނީކީ..! ރާއިފުވެސް ބޭރުގައި އުޅެފަ ގެޔަށް އަންނައިރު އެމަންޖެ ނެތީމަ ހިތްހަމަ އެއް ނުޖެހޭނެއެއްނު...! އެކަހަލަ ކަންކަމާ ނާޒިމާވެސް ޖެހޭނެ ވިސްނާލަން...!" ނާޒިމާއަށް ވިސްނާ ދިނުމުގެ ގޮތުން އައިލީން ބުންޏެވެ.

ނުނިމޭ.. ވާހަކައިގެ އާ ބައެއް، 31 އޮކްޓޯބަރ، ބުރާސްފަތި ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ....

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް