ވާހަކަަ: މަންޒިލް ތިޔޭ - ފަހުބައި

ކުރީގެ އަދަދާއި ގުޅޭ... "މަންމާ!! އަހަރެން މިދަނީ ކާފައަށް އެހަބަރުދޭން.. ކޮންމެގޮތެއްވިޔަސް ސިއްރެއް ނުކުރެވޭނެ.. " ދުއާ ބުނެލިއެވެ. ހާޖަރު ދެލޯ ފޮހެލަމުން އަމާންއާ ދުރުވެލިއެވެ. ރޮއެ ރޮއެ އޭނާގެ ދެލ...

03 Nov 2022 | 17:35

ކުރީގެ އަދަދާއި ގުޅޭ...

"މަންމާ!! އަހަރެން މިދަނީ ކާފައަށް އެހަބަރުދޭން.. ކޮންމެގޮތެއްވިޔަސް ސިއްރެއް ނުކުރެވޭނެ.. " ދުއާ ބުނެލިއެވެ. ހާޖަރު ދެލޯ ފޮހެލަމުން އަމާންއާ ދުރުވެލިއެވެ. ރޮއެ ރޮއެ އޭނާގެ ދެލޯ ހުރީ ރަތްވެ ދުޅަވެފައެވެ.

" ބައްޕަ ވަރަށް ދެރަވާނެ.. އެކަމަކުވެސް ހަޤީޤަތް ފޮރުވައިފިނަމަ ދެރަވާނެ.. މިކަމަކީ ބައްޕައަށް އެނގުން ހައްޤު ކަމެއް.. " ހާޖަރު ބުންޏެވެ.

" ދުއާ ދޭ ކާފަ ކައިރިއަށް.. ބޭބެ މިދަނީ މަންމަ ގޮވައިގެން ގެއަށް...! ޓޭކް ކެއަރ.. " ހާޖަރު ގޮވައިގެން ހިނގައިގަތުމުގެ ކުރިން ޒިލާލް ބުންޏެވެ.

ޖެހިލުންވެފައި ހުރެ ދުއާ ގޮސް ރިޒާގެ ކޮޓަރީގެ ދޮރު ހުޅވައިލިއެވެ. ހައިރާންކަމެއް ލިބުނީ ސްޓަޑީ މޭޒު ކައިރީގައި ކޮމްޕިއުޓަރު ސްކްރީނަށް ބަލަހައްޓައިގެން އިން ރިޒާ ފެނުމުންނެވެ. ދުއާ ކާފާއޭ ކިޔާ ގޮވައިލުމުން ރިޒާ އޭނާއިން ފުރޮޅުލީ ގޮނޑި ދުއާ އާ ދިމާލަށް އަނބުރުވައިލިއެވެ.

" އަދިވެސް ނުނިދަންތަ.. ކީއްވެ ތެދުވެ ތިއިނީ.. " ރިޒާ ކައިރިއަށް އަންނަމުން ދުއާ އެހިއެވެ.

" ގޭތެރޭ އަޑުގަދަވެގެން ތެދުވީ.. " މަޑުމައިތިރިކަމާއެކު ރިޒާ ބުންޏެވެ. ދުއާ ރިޒާ ކުރިމަތީގައި ކުޑަކަކޫ ޖަހައިލަމުން ރިޒާއާ އެއްހަމަވެލިއެވެ. އުނގުމަތީގައި އޮތް ރިޒާގެ ދެއަތުގައި ހިފަހައްޓައިލިއެވެ.

" ކާފާ!! ބައްޕަ.... " ދުއާ ބުނަން މަސައްކަތް ކުރިއެވެ.

" ކާފައަށް ހުރިހާ ކަމެއް ފެނި އަޑުއިވިއްޖެ!! " ރިޒާ އަތުގެ އިޝާރާތުން ކޮމްޕިއުޓަރު ސްކްރީނުން ފެންނަން ހުރި ގޭގެ އެކި ދިމާލުގައި ހަރުކޮށްފައިވާ ކެމެރާ ތަކުން ދައްކަމުން ދިޔަ މަންޒަރުތައް ދުއާ އަށް ދައްކައިލިއެވެ.

" އަހަރެންނަށް މާފުކުރޭ ކާފާ!! ބައްޕައަށް ހައްޤު އަދަބު ލިބެން ޖެހޭތީ އަހަރެން ފުލުހުން ގޮވައިގެން އައީ.." އިސްޖަހައިލަމުން ދުއާ ބުންޏެވެ.

" ދަރިފުޅު ކޮންކަމަކާ ތިމާފަށް އެދެނީ! ކާފަ އެއްވެސް ވަރަކަށް ދެރައެއްނުވޭ ޒިލާލް ގެންގޮސްގެން.. އޭނާ އެކުރީ އަދަބު ނުދީ ދޫކޮށްލާ ވަރުގެ ކުށެއް ނޫން.. ދެރަވަނީ އޭނަ އެފަދަ ބޮޑު ފާފައެއް ކުރީތީ.. އަހަރެންނާ ދުއާގެ މާމަ އޭނައަށް ދިން ތަރުބިއްޔަތު ހަނދާން ނައްތާލީތީ... ޒިލާލް އެކުރި ކަންތަކަށް އަހަރެން ދުވަހަކުވެސް އޭނާއަށް މާފެއް ނުކުރާނަން.. މިއަދަށް ފަހު އަހަރެންނަށް އޭނަ މަރުވެއްޖެ.. " ރިޒާގެ އަޑުގައިވީ މޮޅިވެރިކަމެވެ. އިތުރަށް އެވާހަކަ ދައްކައިގެން ރިޒާއަށް ތަކުލީފު ދޭކަށް ދުއާ ބޭނުމެއް ނުވިއެވެ. އަލުން ރިޒާ އެނދުގައި ބޭއްވުމަށްފަހު އޭނާއަށް ނިދެން ދެން ބޮލުގައި ފިރުމާލަ ފިރުމާލާ އިނެވެ.

*************

އެނދުގެ ހެޑްބޯޑުގައި ލެގިލައިގެން އިން ހާޖަރު އެއްދިމާލަކަށް ބަލަހައްޓައިގެން އިނެވެ. ވެދިޔަ ކަންތަކުން ރޭގެ ނިދިން އޭނާ ވަނީ މަޙްރޫމުވެފައެވެ. ފަތިސް ނަމާދުގެ ބަންގީގެ އަޑާއެކު ރަޖާ އެއްފަރާތް ކޮށްލުމަށްފަހު ހާޖަރު ތެދުވެއްޖެއެވެ. ފެންވަރާ ތާޒާވެލުމަށްފަހު ފަތިސް ނަމާދުކޮށްލިއެވެ. ނަމާދުކޮށް ނިންމާލުމަށްފަހު އަލަމާރި ކައިރީގައި ހުރި ފޮށި ނަގާ އެނދުމަތީގައި ބެހެއްޓިއެވެ. އަމާންއަށް ހޭލެވުނީ އެވަގުތުއެވެ.

" ހާޖަރު... ކޮންތާކަށް ދާން..؟ " އަމާން ހައިރާންވެފައި އެހިއެވެ.

" ދުއާގެ ކައިވެނި ކުރެވެންދެން މިތަނުން އެހެންތާކަށް…  އެއަށްފަހު ވީހާވެސް އަވަހަކަށް ޑުބާއީއަށް ދާން ބޭނުމީ.. " ފޮއްޓަށް އެއްޗެހި އަޅަމުން ހާޖަރު ވާހަކަދެއްކިއެވެ. އެކަމާ ދެކޮޅަށް އެއްޗެއް ބުނާކަށް އަމާން ބޭނުމެއްނުވިއެވެ. ވެދިޔަ ކަންތަކަށްފަހު ހާޖަރަށް އެގޭގައި އުޅުމަކީ ފަސޭހަކަމެއް ނޫން ކަން އޭނާއަށް އިހުސާސްވެއެވެ. ބޯޖަހައިލުމަށްފަހު އަމާން ތެދުވެގެން ގޮސް ފާހާނާއަށް ވަނެވެ.

އަމާންއާއި ހާޖަރުވެގެން ހުރިހާ އެއްޗެއް ޕެކް ކޮށް ނިމުނުއިރު ހެނދުނު ހަތެއް ޖަހައިފިއެވެ.

" ހިނގާ ސައިބޯން ދާން.. " އަމާން ބުންޏެވެ.

" މިއަދު ސައިބޯނީ ގެއިން.. މަންމަޔާ އެކު... " ހާޖަރުގެ ޖަވާބުން އަމާންގެ ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. ހާޖަރު ބަދޫރާއަށް މާފުކުރީތީ އޭނާ ހިތުގެ އެންމެ ފުންމިނުން އުފާކުރިއެވެ. އެހެނީ ބަދޫރާ ދެކެ ރުޅިއައިސްފައި ހުރުމަކީ ހާޖަރު ނުބުނި ނަމަވެސް އޭނާގެ ހިތަށް އިންތިހާއަށް ތަކުލީފުދޭ ކަމެއްކަން އަމާންއަށް އެނގެއެވެ.

" އަހަރެން ބޭނުމީ މަންމަގެ ހުއްދަ ލިބިގެން މިފަހަރު މިގެއިން ނިކުންނަން.. ދެން ދުވަހަކުވެސް އެނބުރި މިގެއަށް ނާންނަގޮތަށް.. މަންމަ ބޭނުމިއްޔާ މަންމަވެސް ގޮވައިގެންދާން ބޭނުމީ.. " ހާޖަރު ބުންޏެވެ.

" ހާޖަރަށް ފެންނަ އެންމެ ރަނގަޅަކަށް ކަންތައް ކުރީމަ ރަނގަޅުވާނެ.. ހާޖަރު ކުރާ ކޮންމެ ކަމަކަށްވެސް އަހަރެންގެ އެއްބާރުލުން ލިބޭނެ.. " ހާޖަރު ގަޔާ ކައިރިކޮށްލަމުން އަމާން ބުންޏެވެ.

" ރަޔަން ކައިރީ އެއްވެސް ވާހަކައެއް ދެއްކިންތަ؟ " އަމާންއާ ދުރުވެލަމުން ހާޖަރު އެހިއެވެ.

"ފަހުން ރަޔަން އައިމަ އެވާހަކަ ދައްކާނީ.. މިވަގުތު ދެއްކުން އެހާ ރަނގަޅެއް ނުވާނެ.. " އަމާން ބުންޏެވެ. ދޮރުގައި ޓަކި ޖެހި އަޑުއިވުނީ އެވަގުތުއެވެ. ދޮރު ހުޅުވީ އަމާންއެވެ. ކުރިމަތީގައި ހުރި ބަދޫރާ ފެނުމުން އަމާން ހައިރާންވިއެވެ. ބަދޫރާގެ ފަހަތުގައި ހެނދުނުގެ ސައި ހިފައިގެން އައިސް ސާރާވެސް ހުއްޓެވެ.

" މަންމާ!! އާދޭ އެތެރެއަށް.. " ފަހަތުގައި ހުރި ހާޖަރު ބުނެލި އަޑުއިވުނެވެ. އެތައް ދުވަހެއް ފަހުން ހާޖަރުގެ ދުލުން މަންމާއޭ ކިޔާ ގޮވައިލި އަޑުއިވުމުން ބަދޫރާއަށް ލިބުނީ ބަޔާންކުރަން ދަތި ހިތްހަމަޖެހުމެކެވެ. ވަދެގެން އައިސް ބަދޫރާ ހާޖަރު ކައިރިއަށް ހުއްޓުނެވެ. ސާރާ ވަދެ ކާއެއްޗެހި ޓްރޭ ސޯފާ ކުރިމަތީގައި ހުރި ކުޑަ މޭޒުމަތީގައި ބެހެއްޓިއެވެ.

" ކީއްކުރަން ގެނައީ.. އަހަރެން އުޅުނީ ސައިބޯން ދާންވެގެން.. " ހާޖަރު ބުންޏެވެ.

" މަންމަ ހީކުރީ ހާޖަރު ނާންނާނެކަމަށް.. އެހެންވެ ހާޖަރުއާ އެކީ ސައިބޯހިތުން މިއައީ... " ބަދޫރާ ބުންޏެވެ. ހާޖަރު ހައިރާންވިއެވެ. ކޮޓަރީގައި ސައި ބުއިމަކީ ބަދޫރާ ދުވަހަކުވެސް ކުރިކަމެއް ނޫނެވެ. އެނދުމަތީގައި ހުރި ފޮށި ބަދޫރާގެ ލޮލުގައި އަޅައިގަތެވެ. ހާޖަރު އެގެއިން ދަނީކަން ދެނެގަންނަން އޭނާއަކަށް އުނދަގުލެއް ނުވިއެވެ.

" މިގެއިން ދަރިފުޅު ދާ އުޅުނަސް މަންމަ ނުހިފަހައްޓާނަން.. މަންމައަށް އެނގޭ މިގޭގައި އުޅެން ދަރިފުޅަށް އުނދަގޫވާނެ ވަރު.. ހާޖަރު ކޮންމެތާކު އުޅުނަސް މަންމަ އަބަދުވެސް ހާޖަރު ދެކެ ލޯބިވާނަން.. މަންމަގެ އޮތީ އެންމެ އެދުމެއް.. އެއީ ކުރިން ގުޅުން ކަނޑާލިގޮތަށް ކަނޑާނުލުން. ކޮންމެތާކު އުޅުނަސް ބަރާބަށް ހަބަރުވުން.. " ބަދޫރާ އެދުނެވެ.

" މަންމަވެސް އަހަރެންނާއެކު ޑުބާއީ ދާންވީނު.. " ބަދޫރާގެ އަތުގައި ހިފަމުން ހާޖަރު އެދުނެވެ.

" ނޫން ދަރިފުޅާ.. މަންމަ ހާޖަރުގެ ބައްޕަޔާ ކައިވެނިކޮށްގެން މިގެއަށް އައީ ދުވަހަކުވެސް މިގެ ދޫކޮށްފަ ދާ ގޮތަކަށް ނޫން.. މިގޭގައި މަންމަގެ ވަރަށް ބައިވަރު ހަނދާންތަކެއް ގުޅިފައިވޭ.. ދަރިފުޅުމެންގެ ބައްޕަގެ ހަނދާންތަކާ ދަރިފުޅުމެންގެ ކުޑައިރުގެ ހަނދާންތައް.. އަބަދުގެ އަބަދަށް މިގެ ދޫކޮށްފައި ދާނެހާ ހިތްވަރެއް މަންމަގެ ކިބަޔަކު ނެތް.. " ބަދޫރާ ބުންޏެވެ.

" ކަންބޮޑުނުވޭ ހާޖަރު!! އަހަރެން މިހުރީއެއްނު.. އަހަރެން މަންމައަށް ރަނގަޅަށް ބަލާނަން.. ޔާނިޝްއާ ރަފާވެސް އެބަހުއްޓެއްނު.. " ސާރާ ކުރިއަށް ޖެހިލަމުން ބުންޏެވެ.

" ހިނގާ ސައިބޯން.. މިއަދު އަހަރެންނަށް ލަވައިދޭނީ މަންމަ.. " ބަދޫރާގެ އަތުގައި ހިފައިގެން ސޯފާއާ ދިމާލަށް ދަމުން ހާޖަރު ބުންޏެވެ.

************

ހެނދުނު ހޭލެވުމާއެކު ތައްޔާރުވެލައިގެން ދުއާ ދިޔައީ ރިޒާގެ ކޮޓަރިއަށެވެ. ހައިރާންކަމެއް ލިބުނީ ކޮޓަރީގައި ރިޒާ ނެތުމުންނެވެ. މިހާ ހެނދުނާ ދިޔައީ ކޮންތާކަށް ބާއޭ ހިތަށް އެރިއެވެ. ރިޒާ ހޯދަމުން ދުއާ ތިރިއަށް ފޭބިއެވެ. އޭރު ސޯފާގައި ފޯނެއްގައި ރިޒާ އިނެވެ. އޭނާ ކައިރީގައި އާފަލު ތައްޓެއް ކޮށަން ދުންޔާވެސް އިނެވެ. ދުއާ ފެނުމާއެކު ދުންޔާ ހިނިތުންވެލިއެވެ.

" ދުންޔާ މަންމާ " އެމީހުންނާ ދިމާލަށް އަންނަމުން ދުއާ ގޮވައިލިއެވެ. ހިތަށް ނުތަނަވަސްކަމެއް ވެރިވެފައިވިޔަސް މޫނުމަތިން އެކަން ނުދައްކާވޭތޯ މަސައްކަތް ކުރިއެވެ. ކުރެވޭން އުޅޭ ކައިވެނީގެ ހަނދާންވުމުން ދުއާއަށް ވަނީ އެކަހަލަ ގޮތެކެވެ. ހަފްތާއެއްގެ ތެރޭ އޭނާ ހުންނާނީ ލޫކަންގެ އަނތްބެއްގެ ގޮތުގައެވެ. އެހިސާބުން އޭނާ ޖެހޭނީ އާރަވް މަތިން ހަނދާން ނައްތާލާށެވެ. ސޯފާގައި އިށީންނަން އުޅުނު ދުއާ އަށް ސިހުމެއް ލިބުނީ ގެއަށް އައިސްވަން ހާޖަރާއި އަމާން ފެނިފައެވެ. ހާޖަރުގެ ތުންފަތްމަތިން ފެނުނު ހިނިތުންވުން އޭނާ އެހުރީ ހަމަޖެހިފައި ކަމުގައި ބުނެދިނެވެ. ދުވެލާފައި ގޮސް ދުއާ ހާޖަރު ގައިގައި ބައްދާލިއެވެ.

" މިއައީ ދުއާގެ ކައިވެނީގެ ތައްޔާރީތައް ކުރަން.. " ހާޖަރު ބުނެލިއެވެ. ހާޖަރާއި އަމާން އިށީނީ ދުންޔާގެ ކުރިމަތީގައި ކޮފީ މޭޒުގެ އަނެއްފަރާތުގައި ހުރި ސޯފާގައެވެ. ހާޖަރު ކައިރީގައި ދުއާވެސް އިށީނެވެ. ވާހަކައިގައި އިނދެފައި ފެނުނު މަންޒަރުން ދުއާ ހައިރާންވެ އަންތަރީސްވިއެވެ. ވަދެގެން އެއަންނަނީ ކަންސާއާއި ޖަވާދެވެ. އެމީހުންގެ ފަހަތުގައި ތާރާވެސް ހުއްޓެވެ. ދުއާ ތާރާއަށް ބަލައިލަމުން ދެބުމަ އަރުވައިލީ ކީއްކުރަންހޭ އަހާލާ ފަދަ ގޮތަކަށެވެ. ތާރާ ދެކޮނޑު އަރުވައިލީ ނޭނގެއޭ ބުނުމުގެ ގޮތުންނެވެ.

" ރިޒާބޭ..!! ކިހިނެއްވީތޯ ގުޅާފައި ވީހާވެސް އަވަހަކަށް އައިސް ދިނުމަށް ބުނީ.. " ޖަވާދު  އެހިއެވެ. ދުއާ ހައިރާންވެފައި ރިޒާއަށް ބަލައިލިއެވެ.

" ވަރަށް ބޮޑަށް ޝުކުރިއްޔާ އައިސް ދިނީތީ.. އިހަށް އިށީންނަން ވީނު.. " ސޯފާއާ ދިމާލަށް އިޝާރާތް ކުރަމުން ރިޒާ ބުންޏެވެ. އަމާންއާ ސަލާމް ކޮށްލަމުން ޖަވާދު އޭނާ ކައިރީ އިށީނެވެ. ކަންސާ ގޮސް އިށީނީ ދުންޔާ ކައިރީގައެވެ.

" ކިހިނެއްވީ އަނެއްކާ؟ " ދުއާ ކައިރިއަށް ގޮސް ހުއްޓުނު ތާރާ ކައިރީގައި އޭނާ އެހިއެވެ.

" ނޭނގެއޭ.. ހޮސްޕިޓަލުގައި ހުރެފައި ކާފަ ގުޅީމަ އަހަރެންވެސް މިއައީ.. ހީކުރީ ޒިލާލްބެ ހައްޔަރުކުރީމަ ދުއާއަށް މާ ބޮޑަށް ދެރަވެގެން އުޅޭތީ ކަމަށް.. " ތާރާ ބުންޏެވެ.

" ކިހިނެއް ތާރާއަށް އެނގުނީ ބައްޕަ ހައްޔަރު ކުރިކަމެއް.." ދުއާ އެހިއެވެ.

" ނޭނގި ހުންނާނެތަ..؟ ޙަބަރުތަކުގެ ފަލަ ސުރުހީގަ އޮތީ އެވާޙަކަ.. އަނެއްކޮޅުން ހޮސްޕިޓަލުގަ ވެސް އެނޫން ވާހަކައެއް ނެތް.. " ތާރާ ބުންޏެވެ. ދުއާ އެއްޗެއް ބުނަން އުޅުނު ހިނދު ވަދެގެން އަންނަ ރާނީ ފެނުނެވެ. ރާނީގެ މޫނުމަތިން ފެންނަމުންދިޔައީ ކަންބޮޑުވުމެވެ.

" ކިހިނެއްވީ ކާފަ.. ކަމެއްވީތަ އަނެއްކާ.. ؟ " ހާސްވެފައި ހުރެ ރާނީ އެހިއެވެ.

" ހަމަޖެހިބަލަ ރާނީ..! ދުވަމުންތަ ތިއައީ... " ދުއާ އެހިއެވެ.

" އާނ!! ކާފަ ގުޅާފައި ވަރަށް އަވަހަށް އައިސްބަލާށޭ ބުނީމަ.. " ރާނީ ޖަވާބު ދިނެވެ. ދުއާއަށް އިތުރަށް ކެތެއް ނުކުރެވުނެވެ. ރިޒާ އާއި ސުވާލުކުރަން އަނގަ ހުޅުވާލި ހިނދު ދޮރުމަތިން ފެނުނު މަންޒަރު ލައިލައި ހުރި ނޭވާވެސް ތާށިވި ކަހަލައެވެ. އެކީހެން ހިނގާލާފައި އެދިމާލަށް އެއަންނަނީ ލޫކަންއާއި އާރަވްއެވެ.

" ލޫކް!! ރެވް!! " ދުއާ އަށް ބުނެވުނެވެ. އެހިނދު ރާނީވެސް އެނބުރި ބަލައިލިއެވެ.

" ތިދެމީހުންވެސް ތިއައީ ކާފަ ގުޅާފަ ބުނެގެންތަ؟ " ތާރާ އެހިއެވެ. އާރަވް ބޯޖަހައިލިއެވެ.

" ވަޓްސް ގޮއިން އޮން ކާފާ..!! ކިހިނެއް މިވަނީ!! " ދުއާ އަށް ނުހުރެވިގެން އެހިއެވެ.

" ދުއާ ގޮސް ރާނީ ކައިރީ ހުއްޓިބަލަ.. ތި ހަތަރު މީހުންނާ މެދު އަހަރެން މިއިންނަނީ ވަރަށް ހިތްހަމަނުޖެހިފައި.. އަހަރެން ދެކެނީ މިވަގުތު މިތަނުގައި މިތިބީ އަހަރެންގެ އާއިލާ މިހުން ކަމުގައި.. އެހެންވީމައި މިހަތަރު މީހުންނަށް ވަރުގަދަ ފިލާވަޅެއް ދޭން އަހަރެން ބޭނުންވަނީ އެންމެންގެ ކުރިމަތީގައި.. " ރިޒާގެ އަޑުގައި ހަރުކަށިކަމެއްވިއެވެ. ދުއާ މެޔަށް ހީވީ ފެން އެއްޗެއް އޮއްސާލިހެންނެވެ. ރިޒާއަށް ހަޤީޤަތް އެނގުނީބާއޭ ހިތަށް އެރިއެވެ. ރާނީއަށް ވެސްވީ އެކަހަލަ ގޮތެކެވެ. ކައިރީގައި ހުރި ލޫކަންއަށް ބަލައިލެވުނީ ބޭއިޚްތިޔާރުގައެވެ. އާރަވްވެސް ކަންބޮޑުވެފައި ދުއާއަށް ބަލައިލިއެވެ.

" ކިހިނެއްވީ އަނެއްކާ!! ރާނީއާއި ދުއާ ކީއްކުރީ.." ކަންބޮޑުވެފައި ހާޖަރު އެހިއެވެ. ކަންސާއާއި ޖަވާދުގެ އިތުރުން ތާރާގެ މޫނުމުތިންވެސް ފެންނަނީ ހައިރާންކަމާއި ކަންބޮޑުވުމެވެ. ރިޒާ ދެވަނަ ފަހަރަށް ތަކުރާރުކޮށްލުމުން ދުއާ ގޮސް ރާނީ ކައިރިއަށް ހުއްޓުނެވެ.

" ތިގޮތަކަށް ނޫން..  ލައިނަކަށް އަހަރެންގެ ކުރިމަތީ އެތުރެންވީ.. " އަމުރުވެރި ގޮތަކަށް ރިޒާ ބުންޏެވެ. ރިޒާ ބުނިފަދައިން އެމީހުން ސަފަކަށް އެތުރިއްޖެއެވެ.

" ކަލޭމެން ކުދިން ކީކޭ ހިތަށް އަރައިގެން އަހަރެންނަށް އެވަރު ބޮޑު ކަމެއް ސިއްރުކުރީ.. އަހަރެންނަށް ފެންނަނީ ތި ހަތަރު މީހުން ވެގެން ޤުރުބާނީ ކިޔާ ޝޯ އެއް ހުށައަޅައިދޭން.. ޚާއްސަކޮށް ދުއާ އާއި ރާނީ.. ހީކުރީތަ އަހަރެންމީ ހަޤީޤަތަކާ ކުރިމަތިނުލެވޭނެ ފަދަ ހިތްވަރު ދެރަ މީހެކޭ.. ކުޑައިރުއްސުރެން ފެށިގެން ދުއާ ބަލައިބޮޑުކުރީ އަހަރެން.. އެކަމަކު އެންމެ ބޮޑު ހަޤީޤަތް އަހަރެންނަށް ސިއްރުކޮށް އަހަރެންމީ މުޅިން ދުރު މީހަކަށް ދުއާ ހަދައިފި.. ލޫކަން ދެކުނީ އަހަރެންގެ އަމިއްލަ ދަރިއެއް ފަދައިން.. އޭނަވެސް ހަނުހުރީ.. ރާނީ މީ މި ޤުރުބާނީ ޝޯގެ ޑިރެކްޓަރު.. މަންމައަށްޓަކާ ކާފައަށްޓަކާ ދައްތައަށްޓަކާ ޤުރުބާންވާން.. " ރިޒާގެ ވާހަކަތަކުން އެދައްކަނީ ކޮންވާހަކައެއްކަން ކުރިމަތީ ތިބި ހަތަރު މީހުންނަށް ފަހުމް ވެއްޖެއެވެ. ނަމަވެސް އެއެންމެންގެވެސް މޫނުމަތިން ފެންނަނީ ހައިރާންކަމެވެ. އެމީހަކު ފިޔަވާ ދެން ތިބި މީހުންނަށް ހަޅޭއްލަވަނީ ކީއްވެބާއޭ ހިތަށް އަރާފައެވެ.

" ބައްޕާ!! ކީކޭތަ ތިކިޔަނީ.. ؟ އަހަރެމެންނަކަށް ނުވިސްނުނު.. " ކަންބޮޑުވީ ވަރުން ހާޖަރު އިންތަނުން ތެދުވެއްޖެއެވެ.

" އަހަރެންގެ ލޮލެއް ހިތެއް ނެތް ކަމަށްތަ ކަލޭމެން ހީކުރީ.. ދަރިފުޅުމެންނޭ ކާފަގެ އުމުރުން އަށްޑިހައަށްވުރެ މައްޗަށް ގޮސްފައިވާއިރު އެތަކެއް ތަޖުރިބާއެއް ކުރެވިފައިވަނީ.. ކާފައަށް ވުރެ ބޮޑަށް ކަންތައް ދެކިފައިވާ އެކަކުވެސް ތި ތާކު ނުވާނެ. އަޑުއަހާ! ދުއާ!! ކާފައަށް އެނގޭ ދުއާ އާއި އާރަވްއާ ދެކުދިން އެކަކު އަނެކަކު ދެކެ ލޯބިވާކަން..!! " ރިޒާގެ ފަހު ޖުމްލައާއެކު އެންމެންނަށް ލިބުނީ ބޮޑު ސިހުމެކެވެ. ރާނީ އާއި ލޫކަންވެސް ސިހިފައި އެއްފަހަރު ދުއާއަށް އަނެއް ފަހަރު އާރަވްއަށް ބަލައިލިއެވެ. ދެމީހުންގެ އިސްޖެހިފައި ހުރި ގޮތުން ހަޤީޤަތް ދެނެގަންނާކަށް އެމީހުންނަށް އުނދަގުލެއް ނުވިއެވެ. ތާރާ ސިހުނުވަރުން އަނގަމަތީގައި އަތް އަޅައިގެން ހުއްޓެވެ.

" އަހަރެންނަށް މިކަން އެނގުނީ މީގެ ދުވަސްކޮޅެއް ކުރިން.. މިގޭ ތެރޭގައި އާރަވް ހިތްދަތިވެ ދުއާ ކައިރީ ދެއްކި ވާހަކަތައް އަހަރެންނަށް ފެނުނީ ކެމެރާ ފޫޓެޖްއަކުން.. އެރޭ އަހަރެންނަށް އެނގިއްޖެ ދުއާއާއި އާރަވްގެ ގުޅުމެއްވާކަން.. އެއްޗެކޭ ނުބުނަން ހުރީ ލޫކަންއަށްޓަކައި.. އޭނަ ދެރަވާނެވަރު ހިތަށް އަރާފައި.. ނަމަވެސް ރޭގެ ޕާޓީ ތެރެއިން އަހަރެންނަށް ފެނުނީ މުޅިން އެހެން މަންޒަރެއް.. ވަރަށް ރަނގަޅަށް އަހަރެން ލޫކަންގެ ހަރަކާތްތަކަށް ބަލަމުން ދިޔައިން.. އަހަރެން އެތަނުން ދަން ދެންވެސް ލޫކަން ފަރާތުން ފެނުނީ އެއް މަންޒަރެއް.. ލޫކަންގެ ނަޒަރުވީ އެންމެ ފަރާތަކަށް ހުއްޓިފައި.. ރާނީ!! އެހިސާބުން އަހަރެންނަށް އެނގިއްޖެ ލޫކަންގެ ހިތުގައިވަނީ ރާނީކަން.. އަދި ރާނީވެސް ލޯބިވަނީ ލޫކަން ދެކެކަން.. " އަނެއްކާ އަނެއް ސިހުމެވެ. ހައިރާން ކަމުގައި އެކަކު އަނެކަކަށް އެންމެން ބަލަމުން ދިޔައެވެ.

" އެންމެ ފަހުން އަހަރެން ގުޅީ ދުންޔާއަށް.. ލޫކަންއާއި ރާނީގެ ލޯބީގެ ވާހަކަ މާކުރިން ފެށިފައިވާ ވާހަކަ އަހަރެންނަށް ކިޔައިދިނީ ދުންޔާ!! އެމީހުން ތިބީ އަހަރެން ހޭއެރި ދުވަހަކުން އެވާޙަކަ ދައްކަން.. އެކަމަކު އެހިސާބުން ރާނީއަށް އެނގުނީ ދުއާ އެއީ އޭނަގެ ދައްތަކަން.. އެހިސާބުން ރާނީ ލޫކަންއާ ދުރުވީ. އަހަރެންނަށްޓަކާ އަދި ހާޖަރާއި ދުއާ އަށްޓަކައި.. ޚާއްސަކޮށް ދުއާ އަށްޓަކައި ރާނީ އޭނަގެ ލޯބި ޤުރުބާން ކުރީ." ރިޒާ ބުނެލިއެވެ. އެހިސާބުން ރާނީއަށް ރޮވިއްޖެއެވެ. އެހިނދު ދުއާ ރާނީ ކައިރިއަށް ޖެހިލިއެވެ.

" ވައި ރާނީ! އަޅޭ އެންމެ ފަހަރަކުވެސް އަހަރެން ކައިރީގައި ބުނެލި ނަމަ!! " ރާނީގެ ދެއަތުގައި ހިފައިލަމުން ދުއާ ބުންޏެވެ.

" އަހަރެންގެ ސަބަބުން ދުއާ މަންމަގެ ލޯބިންވެސް މަހްރޫމްވީ.. ދުއާ އަށް އިތުރު ހިތާމައެއް ދޭނެ ހިތްވަރު ނުލިބުނީ.. " ރާނީ ބުންޏެވެ. އެހިނދު ދުއާ ރާނީ ގައިގާ ބައްދައިލިއެވެ.

" ދުއާ އާއި ރާނީ އަށް ހީވީ ކާފައަށް އެނގުނިއްޔާ ހިތްދަތިވެގެން މަރުވެދާނޭ.. މަރަކީ މާކުރިން ލިޔެވި ނިމިފައިވާ އެއްޗެއް..  މިއަދު އަހަރެން މާ ހިތުގައި ޖެހިއްޖެ.. އަހަރެންނަށްޓަކައި އަހަރެންގެ ދަރިން އެމީހުންގެ އަމިއްލަ އުފާތައް ޤުރުބާން ކޮށްލަން އުޅުނީތީ.. ނޭނގުނީ އެހެން ހުރިހާ ކަމަކަށްވުރެ އަހަރެންނަށް މުހިންމީ އަހަރެންގެ ދަރިންގެ އުފާކަން.. " ރިޒާ ދެރަވެލާފައި ބުންޏެވެ. ރާނީއާއި ދުއާ ގޮސް ރިޒާ ކައިރީގައި އިށީނދެ މާފަށް އެދުނެވެ.

" އެހެންވީމަ މާދަން އޮންނާނީ ހަމައެކަނު  ދުއާގެ ރަންކިޔުމުގެ ހަފްލާއެއް ނޫން.. ދުއާ އާއި ރާނީއާ ދެމީހުންގެ ރަންކިޔުމުގެ ހަފްލާ " ރިޒާ އިއްވައިލިއެވެ. އެހިނދު ރާނީއާއި ދުއާ އެކަކު އަނެކަކަށް ބަލާލާފައި ހިނިތުންވެލިއެވެ. ލިބުނު ހިތްހަމަޖެހުމުގައި އާރަވްއަށް ހެވިއްޖެއެވެ. ލޫކަންވެސް ހިނިތުންވެ ހުރެ ގޮސް އާރަވްގެ ކޮނޑުގައި ޖަހައިލިއެވެ.

" ކީއްވެ ނުބުނީ.. " ލޫކަން އެހިއެވެ.

" ދުއާ ބޭނުންވިގޮތް ވީމަ.. ކަލޭވެސް ނުބުނަމެއްނު.. " އާރަވް އެހެން ބުނުމާއެކު ދެމީހުން އެއްފަހަރާ ހޭންފެށިއެވެ.

" ދުއާ އަހަރެންނަށްވެސް ސިއްރުކުރީ.. ވަރަށް ބޭނުން ރުޅި އަންނަން އެކަމަކު ތި ޤުރުބާނީ ވާހަކަ އަޑުއަހާފަ އަހަރެންވެސް އިމޯޝަނަލް ވެއްޖެ.. " ތާރާގެ ވާހަކައާ އެކު ތަނުގައި ތިބި އެންމެން ހޭން ފެށިއެވެ. ހާޖަރު ގޮސް ދުއާ އާއި ރާނީ ދެކުދިން ގައިގާ ބައްދައިލިއެވެ. ލޫކަންގެ އަތުގައި ހިފައިގެން އައިސް ދުންޔާ ރާނީ ކައިރިއަށް ހުއްޓުނެވެ. ލޫކަންގެ އަތު ތެރެއަށް ރާނީގެ އަތް ލައިދިނީ ދުއާ އެވެ.

" އަހަރެން ވަރަށް އުފާވެއްޖެ!! އަހަރެންގެ ބެސްޓްފްރެންޑާ ކޮއްކޮ.. މި ލޫކް ގަނޑުވެސް ތަންކޮޅެއް ކުރިން ބުނެލި ނަމަ.. " ދުއާ ލޫކަންގެ ބަނޑުގައި ޖަހައިލިއެވެ.

" ރެވްގެ ވާހަކަ ދުއާއަކަށްވެސް ނުބުނެވުނެއްނު..!! ދެންވެސް ދޭ ރެވް ކައިރިއަށް!! އެހެރީ އިންތިޒާރުގައި.." ސަމާސާ ރާގެއްގައި ލޫކަން ބުންޏެވެ. ރަކި ހިނިތުންވުމެއްގައި ހުރެ ދުއާ ގޮސް އާރަވް ކައިރިއަށް ހުއްޓުނެވެ.

" އަލްޙަމްދުލިﷲ!! " ދުއާގެ މޫނުގައި ފިރުމާލަމުން އާރަވް ބުންޏެވެ. އެއަތުގައި ހިފަހައްޓާލަމުން ދުއާ ހިނިތުންވެލިއެވެ. އެމީހުން ކައިރިއަށް އައިސް ހުއްޓުނު ހާޖަރު ދެމީހުންގެ އަތް ގުޅުވާލަ ދިނެވެ. އެއަށްފަހު ރަޔަންއަށް ގުޅާފައި ޙަބަރުދީފިއެވެ. ޒިލާލްގެ ވާހަކަ ނުބުނުމުން ރަޔަން ފުރަތަމަ ރުޅި އައި ނަމަވެސް ފަހުން ރާނީއާއި ދުއާގެ ވާހަކަ ކިޔައިދިނުމުން އޭނާ ހުރީ އުފަލުންނެވެ.

" އެންމެން ވެގެން އަވަހަށް ކައިވެނީގެ ތައްޔާރީތައް ކުރަން ފަށާ.. އިންޝާ ﷲ އަހަރެންގެ ދެދަރިންގެ ކައިވެނި ވަރަށް ކުލަގަދަ ކޮށް ފާހަގަ ކުރަން އަހަރެން ބޭނުން.. " ރިޒާ ބުނެލިއެވެ.

*************

އެއް އަހަރު ފަސް

ދުއާ އާއި ރާނީގެ ކައިވެނި ކުރެވުނުތާ ދޮޅުމަސްފަހުން ރިޒާގެ ހާލު ގޯސްވިއެވެ. ރިޒާގެ އެންމެ ފަހު ނޭވާ ދޫކުރިއިރު އެންމެ ކައިރީގައިވެސް ތިބީ ދުއާ އާއި ރާނީއެވެ. ރިޒާގެ މަރަށް ފަހު ދުއާ އާއި އާރަވްއާ އެކީ ޑުބާއީ އަށް ދިރިއުޅުން ބަދަލުކުރިއެވެ. ހަޔާތުގެ ބާކީ ބައި ހާޖަރު ކައިރީގައި ހޭދަކުރަން ބޭނުންވާތީއެވެ.

ބައެއް މީހުންނަކީ ދުވަހަކުވެސް ބަދަލުވާނެ ބައެއް ނޫނެވެ. އޭގެ އެންމެ ފުރިހަމަ މިސާލަކީ ޒިލާލާއި ނީޒާއެވެ. ބޮޑާކަމާއި ކިބުރުވެރިކަމުގައި ޒިލާލް އޭނާގެ ބައްޕަގެ މޫނު ބަލާލާކަށްވެސް ނުދިޔައެވެ. ޖަލުގެ ތޭރިތަކުގައި ހޭދަކުރަން ޖެހިފައިވީ ނަމަވެސް އޭނާގެ ހިތްމޮޅުކަމަށް ކުޑަވެސް ބަދަލެއް ނާދެއެވެ.

ރަފާއާއި ޔާނިޝްގެ ކައިވެނި ކުރެވުނީ ހާޖަރުގެ އެދުމުގެ މަތިން ޑުބާއީގައެވެ. އެކައިވެންޏަށް މާލޭގައި  ތިބި އެމީހުންގެ ގާތް ހުރިހާ އެންމެން ގޮސް ތިއްބެވެ. މައިންބަފައިން ޣައިރު ހާޒިރުގައި ކައިވެނި ކުރަން ޖެހުމުން ޔާނިޝް އިންތިހާއަށް ދެރަވިއެވެ. އެހެންނަމަވެސް ހާޖަރާއި ސާރާގެ އޯގާތެރިކަމުގެ ސަބަބުން އޭނާގެ ހިތަށް ތަސައްލީ ލިބުނެވެ.

***********

ސައިކަލުން ފޭބި ގޮތަށް ލޫކަންއާއި ރާނީގެ ދެއަތްތިލަ ގުޅިއްޖެއެވެ. ކަޅުކުލައިގެ ހެދުމުގައި ދެމަފިރިން ތިބިއިރު ޕާކުގައި އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލަން އައި ކަމުގެ އިހުސާސް ދެމަފިރިންނަށްވެސް ކުރެވެމުން ދިޔައެވެ. ފެހިވިނަގަނޑުގައި ދެފައި ޖެހުމާއެކު އެމީހުން ހޯދައިލީ އެއްވެސް ބައެއްގެ ހިލަމެއް ނެތް ހިމޭން ޖާގައެކެވެ. ގެނައި ކުނާ ވިނަ ގަނޑު މަތީގައި ފަތުރައިލަ ދިނީ ލޫކަންއެވެ. ރާނީ އިށީނުމާއެކު ލޫކަންވެސް އިށީނދެއްޖެއެވެ. ނަމަވެސް ލޫކަންއަށް އެހެން އިނދެވުނީ އިރުކޮޅަކުއެވެ. ރާނީގެ އުނގުގައި ބޯއަޅައިލަމުން އޭނާގެ ދޮން މޫނަށް ބަލައިލިއެވެ. ރާނީގެ ތުންފަތްމަތިން ފެނުނު ހިނިތުންވުން ލޫކަންގެ ހިތަށް ހިތްހަމަޖެހުން ގެނުވިއެވެ.

" މިހެން ބުނެ ބުނެ ދުވަހަކުވެސް ފޫހިނުވާނެ.. އައި ލަވް ޔޫ ރާނީ..!! " ލޫކަން ބުނެލިއެވެ.

" އައި ލަވް ޔޫ މޯރ " ލޫކަންގެ މޫނުގައި ފިރުމާލަމުން ރާނީ ބުންޏެވެ.

*************

ދެފަރާތަށް ފަރުދާ ކަހާލުމަށްފަހު ދުއާ ކުޑަ ދޮރު ހުޅުވައިލިއެވެ. އެއާއެކު މަޑުވައިރޯޅިތައް ދުއާގެ ހަށިގަނޑުގައި ބީހިލައިފިއެވެ. ފާހާނައިން ނިކުތް އާރަވްއަށް ކުޑަ ދޮރު ކައިރީގައި ހުރި ދުއާއަށް ބަލައިލެވުނެވެ. މަޑުމަޑުން ގޮސް އޭނާ ދުއާގެ ފަހަތުން ބަނޑުގައި އަތް އަޅުވާލައި ކޮނޑުގައި ދަތް ދޮޅި އަޅުވައިލިއެވެ.

" ނިދާކަށް ނުވޭތަ؟ " ދުއާ އަހައިލިއެވެ.

" ލަވް މިތާ ބަހައްޓާފަ އަހަރެންނަށް ނުނިދޭނެ ކަން އެނގެއެއްނު.. " އާރަވް ބުނެލިއެވެ. އެހިނދު ދުއާ ހީނލިއެވެ.

" ރެވް ބޭނުންތަ ބޭބީއެއް.. " ދުއާ އަހައިލިއެވެ.

" އާނ!! ވަރަށް ބޭނުން.. " ދުއާގެ ކޮލުގައި ބޮސްދިނުމަށްފަހު އާރަވް ބުންޏެވެ.

" ހިނގާ އެކަމާ އުޅެން... " ދުއާ ބުނެލިއެވެ.

" ހަމަ މިހާރު؟؟ މައްސަލައެއް ނެތް... " އާރަވް ދުއާ އޭނާގެ އަތްމައްޗަށް އުފުލައިލިއެވެ.

" ސާބަސް.. އެގޮތަށް މާނަ ކޮށްފައެއް ނޫނޭ ބުނީ.. " ހީނލަމުން ދުއާ ބުންޏެވެ.

" އުނހު ހަމަ އެ މާނައިގައި ތިބުނީ.. ދެން ބުނި ބަސް ބަދަލެއް ނުކުރެވޭނެ.. " އާރަވް ދުއާ ގޮވައިގެން އެނދާ ދިމާލަށް ހިނގައިގަތެވެ. އެހިނދު ކޮޓަރީގައި ގުގުމާލީ ދުއާގެ ހުނުމުގެ އަޑުންނެވެ.

-ނިމުނީ


އެޑިޓަރ އަދި ލިޔުންތެރިޔާގެ ނޯޓު:

މި ވާހަކައިގެ ބައެއް އެޕިސޯޑްތައް ކިޔުންތެރިންނާއި ހަމައަށް ގެނެސްދިނުމުގައި ލަސްކަމެއް ކުރިމަތިވިކަމަށްޓަކައި ކިޔުންތެރިންގެ ކިބައިން މައާފަށް އެދޭހާލު، މި ވާހަކަ ކިޔުންތެރިންނަށް ރީތިވާނެކަމުގައި އުންމީދުކުރަމުއެވެ. އަޒްކީގެ އާ ވާހަކައެއް ދާދި އަވަހަށް އިއުލާނުކުރެވިގެންދާނެ ވާހަކަވެސް ކިޔުންތެރިންނަށް ދަންނަވާލަމުން މިވަގުތަށް ވަކިވެލާނަމުއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް