ވާހަކަ: މަންޒިލް ތިޔޭ – ފަންސާސް ދެވަނަބައި

ކުރީގެ އަދަދާއި ގުޅޭ... "މަންމައަށް މާފުކުރޭ.. އޭރު މަންމަޔަށް ދަރިފުޅުމެންނާ ދޭތެރޭ ކަންތައް ކުރެވުނީ ރަނގަޅަކަށް ނޫން.. އެކަމަކު ދުވަހަކުވެސް މަންމަ ދަރިފުޅަށް ނަފްރަތެއް ނުކުރަން.. ދަރިފުޅަށްޓަކާ މ...

01 Nov 2022 | 15:49

ކުރީގެ އަދަދާއި ގުޅޭ...

"މަންމައަށް މާފުކުރޭ.. އޭރު މަންމަޔަށް ދަރިފުޅުމެންނާ ދޭތެރޭ ކަންތައް ކުރެވުނީ ރަނގަޅަކަށް ނޫން.. އެކަމަކު ދުވަހަކުވެސް މަންމަ ދަރިފުޅަށް ނަފްރަތެއް ނުކުރަން.. ދަރިފުޅަށްޓަކާ މަންމަގެ ހިތުގައިވާ ލޯތްބަށް ކުޑަވެސް ބަދަލެއް ނާދޭ..! ހުރިހާ ދަރިންނަށްވުރެ ބޮޑަށް މަންމަ ހާޖަރުދެކެ ލޯބިވޭ... އެހެންވެ އެމީހުންނަށްވުރެ ބޮޑަށް ދަރިފުޅާ މެދު އުއްމީދުތަކެއް ކުރެވުނީ. އެއުއްމީދުތައް ފުނޑުފުނޑުވުމުން މަންމަ ރުޅި އައި ނަމަވެސް ހިތުގެ އެންމެ ފުނުގައި ދަރިފުޅަށްޓަކައި ލޯބި ނޫން އެއްޗެއް ނުވޭ.. ! މަންމަގެ ހަރުކަށިކަން ފެނި ދަރިފުޅު މަންމަ ކައިރީގައި ރޮއެ އާދޭސްކޮށް މާފަށް އެދޭނޭ ހީވުން އެއީ މަންމައަށް ހީވި ކުށްހީއެއް.. އެއަށްވުރެ ދަރިފުޅު މާ ހިތްވަރުގަދަ.. މަންމައާ ހިލާފަށް ހައްޤުބަސް ބުނުމުގައި ދަރިފުޅު ދެމިހުރި.. އެގޮތުގައި ދަރިފުޅު ސާބިތުވެހުރި... އެމީހާ ކައިރިން ވަރިވެގެން ހާޖަރު ގެއަށް އައިމަ މަންމަގެ ފަރާތުން ފެނުނު ހަރުކަށިކަމާއި ރުޅިވެރިކަން އެއީ ހުސް ދެއްކުން.. މަންމަގެ ކިބައިގައި ހުރި ގޮތްދޫނުކުރުމުގެ ސިފައިގެ ސަބަބުން އެހެން އުޅެވުނީ.. ދުވަހަކުވެސް ދަރިފުޅު ގެއިން ނެރެލާން މަންމަ ނުވިސްނަން.. ދަރިފުޅަށް ނޭނގުނަސް ދަރިފުޅަށް  ސިއްރުން މަންމަ ދަރިފުޅުގެ ކުޑަދެކުދިން އުރާ ލޯބިކޮށްވެސް ހެދިން.. ދަރިފުޅު ޤަބޫލުކުރޭ!! އުފާ މަރުވުމުން މަންމަ ވަރަށް ހިތްދަތިވެ ރުއިން.. މަންމައަށް ކުރިން ހީވީ އެއީ ހާރޫންގެ ކަމެކޭ.. އެހެންވެ މަންމަ ހަނުހުރީ.. ދެދަރިން ޖެހެން ބޭނުން ނުވާތީ.. ކޯޓުގައި ދަރިފުޅާ ދެކޮޅަށް މަންމަ ހެކިބަސް ދިނީ ހަމަ ދަރިފުޅަށްޓަކައި.. އޭރު މަންމަ ކަންތައް ކުރީ މަންމައަށް ފެނުނު އެންމެ ރަނގަޅު ގޮތަށް.. މަންމައަށް ހީކުރެވުނީ ޒިލާލް ދުއާ ގެންދިއުމުން ދަރިފުޅުގެ ހިތްދަތި ދިރިއުޅުމަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބޭނެކަމަށް.. ޒިލާލްގެ އުނދަގޫތަކުން ސަލާމަތްވާނެ ކަމަށް.. ދަރިންގެ ވަކިވުމުން ދަރިފުޅަށް ކުރާނެ އިންތިހާ އަސަރާމެދު މަންމައަށް ނުވިސްނުނީ.. ނުވެސް ބުނެ ދަރިފުޅު މިގެ ދޫކޮށް ދިޔުމުން މަންމަ އެކަމާ އިންތިހާއަށް ހިތާމަކުރިން.. މަންމައަށް ފަހުން ވިސްނިގެން ދުއާ ހޯދޭތޯ ވަރަށް މަސައްކަތް ކުރިން.. ވަރަށް މަސައްކަތުން އެމީހުން އުޅުނު ގެ ހޯދައިގެން ދިޔައިރު އެގޭގައި އެކަކުވެސް ނޫޅޭ ކަމަށްވަނީ.. ޤަބޫލުކުރޭ ދަރިފުޅާ..! މަންމަ ހާޖަރު ދެކެވެސް އަދި ދުއާއާއި ދެން ތިބި ކުދިން ދެކެވެސް ވަރަށް ލޯބިވޭ.." ބަދޫރާ ރޮމުން ކިޔައިދިނެވެ. ރޮމުން ދިޔަ ހާޖަރު ދުރުކޮށްލުމަށްފަހު ބަދޫރާ ދުއާ އާ ދިމާލަށް އެނބުރުނެވެ. ދުއާގެ ކުރިމައްޗަށް ހުއްޓެމުން އޭނާގެ ދެއަތުގައި ހިފަހައްޓައިލިއެވެ.

" ދަރިފުޅާ..... " ބަދޫރާއަށް ރޮވޭ ވަރުން ވާހަކައެއް ނުދެއްކުނެވެ.

" އަހަރެންނަށް އެނގޭ މާމަ އަހަރެންދެކެ ވަރަށް ލޯބިވާކަން.. އެންމެންނަށް ސިއްރުން އަހަރެންނާ ވާހަކަ ދެއްކޭތޯ މާމަ ވަރަށް މަސައްކަތް ކުރީމެއްނު.. " ދުއާގެ ވާހަކައިން ހައިރާންވެފައި ބަދޫރާ ބަލައިލިއެވެ.

" އެދުވަހު ގެއަށް ވަންއިރު މާމަ ގޭޓު ކައިރީގައި ހުރީމެއްނު.. އަހަރެންނަށް ޝައްކުވެގެން ކެމެރާ ބެލިއިރު ފެނުނީ.. އެދުވަހު އެކަންޏެއް ނޫން.. ބައިވަރު ފަހަރު މާމަ އައި އަހަރެން ހޯދަން.. ގޭޓާ ހަމައަށް އައިސްފައި އަނބުރާލާފަ ދަނީ.. އަހަރެން ރުޅި ނާދޭ މާމަ ދެކެ.. " ބަދޫރާގެ މޫނުގެ ދެފަރާތުގައި ހިފަހައްޓާލަމުން ދުއާ ބުންޏެވެ. އެހިނދު ބަދޫރާ ދުއާ ވެސް ގެނެސް އޭނާގެ މޭގައި ޖައްސާލައިފިއެވެ.

" މާމައަށް މާފުކުރޭ ދުއާ..! މިހުރިހާ ކަމެއްވެސް މިވީ ހަމަ މާމަގެ ގޮތްދޫނުކުރުމުގެ ސަބަބުން.. އެންމެ ފުރަތަމަ ދުވަހުވެސް މާމަ މިސްބާހާ ހާޖަރު އިންނަން ބާރު ނޭޅިނަމަ މިހެން ނުވިސް ކަންނޭނގެ.. " ބަދޫރާ ދުއާ އާ ދުރުވެލިއެވެ. ދެލޯ ފޮހެލުމަށްފަހު އޭނާ ބަލައިލީ ސާރާއަށެވެ.

" ފުލުހުންނަށް ގުޅާ ސާރާ..! މިތިބަ ދެ މުޖުރިމުން އަހަރެމެންގެ ކުރިމަތީ އެންމެ ހިނދުކޮޅަކުވެސް ހުންނާކަށް ބޭނުމެއްނޫން.. އުފާއަށް އިންސާފު ލިބެންވީ ވަގުތު އައިސް ޖެހިއްޖެ.. " ބަދޫރާ ބުނެލިއެވެ. ސާރާ ޔަގީން ނުވެފައި ބަދޫރާއާ ދިމާލަށް ބަލަހައްޓައިގެން ހުއްޓެވެ.

" ފުލުހުންނަށް ގުޅާށޭ ސާރާ! މިދެމީހުންނާ ދެކޮޅަށް ހެކިބަސް ދޭން އަހަރެން މިހުރީ ތައްޔާރަށް.. " ބަދޫރާ ހަރު އަޑުން ބުނެލައިފިއެވެ.

" މަންމަ ހެކިބަސް ދޭކަށް ނުޖެހޭނެ.. އަހަރެން އަމިއްލަ ކުށައް އިއުތިރާފްވާން މިހުރީ ތައްޔާރަށް.. ނުވިސްނުނު ކަމަކީ އެއްވެސް ކަމަކީ ތާ އަބަށް ސިއްރުވެފައި އޮންނާނެ ކަމެއް ނޫންކަން.. ބޮޑެތި ފާފަތައް ކުރާ މީހުން ﷲ ތަޢާލާ ފަޞީހަތް ކުރައްވާނީ މިފަދަ ގޮތަކަށް.. ހުރިހާ އެންމެންގެ ކިބައިން އަހަރެން ނިހާޔަތަށް މައާފަށް އެދެން..! ހީކުރަން ކޮންމެވެސް ދުވަހަކުން އަހަރެންނަށް މާފުކޮށް ހިތްހެޔޮ ކުރާނެ ކަމަށް.. " މިހެން ބުނެ ރޮމުން ހާރޫން އެތަނުން ނިކުންނަން ހިނގައިގަތެވެ. ހާރޫންގެ ފަހަތުން ނިކުންނާން އުޅެފައިވެސް ޔާނިޝް ހުއްޓުނެވެ. ފާރުގައި ލެގިލައިގެން ބޮލުގައި ހިފަހައްޓައިގެން އިން ނީޒާއަށް ބަލައިލިއެވެ. ކޮންމެ ގޮތަކަށް ކަންތައް ކުރި ނަމަވެސް އެއީ އޭނާގެ މައިމީހާއެވެ. ނީޒާ އެހާލަތަށް ދޫކޮށްލާފައި ދާން އޭނާގެ ހިތް ނުރުހުނެވެ. ނީޒާއަށް އަޅާލާނެ އިތުރު މީހަކު އެތާ ނެތްކަން ޔަގީނެވެ. ޔާނިޝް ގޮސް ނީޒާ އިންތަނުން ނަގައިގެން މަޑުމަޑުން އެތަނުން ނިކުންނަން ހިނގައިގަތެވެ.

******************

ސޯފާގައި ފައިލެއް ހިފައިގެން އިނުމަށްފަހު ގަޑިބަލައިލަމުން ޒިލާލް ތެދުވިއެވެ. ފައިލް ހަރުގަނޑަށް ލުމަށްފަހު ލޮލުގައިވާ އައިނު ނަގާ ސައިޑް ކަބަޑު މަތީގައި ބޭއްވިއެވެ. އެނދުމަތީގައި އިށީނދެ މޯޅިއަކަށް ދެމިލިއެވެ. އާފުރިލަމުން އޮށޯންނަން އުޅުނު ހިނދު ކޮޓަރީގެ ދޮރުގައި ޓަކި ޖަހާ އަޑުއިވުނެވެ.

" ކާކު؟؟ " ޒިލާލް އެހެން ގޮވައިލީ ހިތްހަމަނުޖެހިފައެވެ. މުހިންމު ކަމެއް ވެގެން ނޫނީ އެކަހަލަ ގަޑިއެއްގައި އެއްވެސް މީހަކު އޭނާއަށް ނުގޮވުމަށް އޮންނާނީ އަމުރުކޮށްފައެވެ. ވަކި ޖަވާބެއް ނުދީ ދެވަނަ ފަހަރަށް ޓަކި ޖަހައިލުމުން ޒިލާލް ރުޅި އައިސްފައި އިންތަނުން ތެދުވިއެވެ. ދޮރު ކައިރީގައި ހުރި މީހަކު ބަވާލާނަމޭ ހިތާ ދޮރާ ދިމާލަށް ހިނގައިގަތެވެ. ދޮރު ހުޅުވުމާއެކު ޒިލާލްގެ ދެބުމަ ގޮށްޖެހިގެން ދިޔައެވެ. ކުރިމަތީގައި ރޮވިފައި ހުރި ހާޖަރުގެ ދެލޮލުން އަލިފާންކަނި ބުރާ ކަހަލައެވެ.

" ކަލޭ؟؟ ހަމަމިހާރު މިތަނުން ދޭ!! އެހެންނޫނީ.." ޒިލާލް ހަޅޭއްލަވައިގަތެވެ. އޭނާގެ ޖުމްލަ ފުރިހަމަކުރެވުމުގެ ކުރިން ކޯތާފަތަށް އަރައިގެން ދިޔައީ ހާޖަރުގެ އަތުގެ ހޫނު އެތި ފަހަރެކެވެ. ޒިލާލް ހާޖަރާ ދިމާލަށް ބަލައިލީ އަލިފާނުގެ ބެލުމަކުންނެވެ.

" ހައު ޑެއަރ ޔޫ... " ދަތްކުޑި ވިކައިލުމާއެކު ޒިލާލް ބުންޏެވެ. ހާޖަރު ގައިގައި ޖަހަން އަތް އުފުލައިލި ހިނދު ކުއްލިއަކަށް ކުރިމައްޗަށް އެރި ފިރިހެނަކު ޒިލާލްގެ އަތުގައި ހިފަހައްޓައިފިއެވެ. އެމީހާގެ ލޮލުން ޒިލާލްއަށް ފެނުނީ ވަރުގަދަ އިންޒާރެކެވެ.

" ހަބަރުދާރު!! ކަލެއަށް އޭނާއަށް ބޭނުން ގޮތެއް ހެދުނީ ކަލޭގެ އަނތްބެއްގެ ގޮތުގައި ހުރިއިރު.. މިހާރު އެއީ އަހަރެންގެ އަނބިމީހާ.. ކައިވެނިކޮށްގެން މިވީ ސައްބީސް އަހަރު ތެރޭ ނުރުހުމުގެ ގޮތުން އޭނަ ގައިގަ އިނގިލީ ކުރިވެސް ޖައްސާލަފައިވެސް ނޯންނާނެ.. އަހަރެންގެ ކުރިމަތީ އަހަރެންގެ އަނބިމީހާއަށް ގެއްލުމެއް ދޭން ހިތަށް އެރުވި މީހަކުވެސް ދެއަތް ބުރި ކޮށްލާނަން.. ކަލޭގެ ނަސީބު ކަލޭތީ އަހަރެންގެ ރާނީއާއި ދުއާގެ ބައްޕަކަން.. އެހެންނޫނީ މިހާރު ކަލޭ އޮންނަނީ ބިންމަތީގައި ހޮސްޕިޓަލަށް ގެންގޮސްދޭން ބުނެ އާދޭސް ކުރަން.. " އަމާން ޒިލާލްގެ އަތް ފަހަތަށް އެއްލައިލިއެވެ. ދަތްކުޑިވިކައިލާ މުށްބާރުކޮށްލިނަމަވެސް ޒިލާލް ފަސްޖެހިއްޖެކަން އޭނާގެ މޫނުމަތިން ހާމަވާން ހުއްޓެވެ.

" ކިހިނެއްވެގެންތަ ތިއުޅެނީ ކަލޭމެން. އަހަރެންގެ ގެއަށް އައިސް އަހަރެންނަށް އަނިޔާކޮށް އިންޒާރުދޭން ތީ ކޮންބައެއް.. ހަމަ މިހާރު ނިކުމޭ މިގެއިން.. އެހެން ނޫނީ ފުލުހުންނަށް ގުޅާނީ... " ޒިލާލްގެ އަޑު ބާރެވެ. އޭނާ ދައްކާ ވާހަކައަށް ނުބަލާ އަމާންގެ ފަހަތުގައި ހުރި ހާޖަރު ކުރިއަށް ޖެހުނެވެ.

" ކަލޭތީ ކޮންފަދަ ރަޙުމުކުޑަ އިންސާނެއް... އަމިއްލަ ދަރި މަރާލަން ކެރޭނީ ތިހިތުގަ ރަހުމެއް ހަމްދަރުދީއެއްގެ ކަންފުޅެއްވެސް ނެތީމައެއްނު.. އަންހެން ދަރިންނަކީ މައިންބަފައިން ސުވަރުގެ ދިއުމުގެ ޒަރީއާއެއް... ފުރަތަމަ ކުއްޖަކަށް އަންހެން ކުއްޖަކު ލިބޭނީ ވަރަށް ނަސީބުގަދަ ބަޔަކަށް.. އެކަމަކު ކަލޭ އެކުއްޖާ މަރައިލީ.. އެކުޑަ ކުޑަ ކުއްޖާގެ އެއްވެސް ކުށެއް ނެތި.. އެނގޭތަ މިގެއިން ނިކުމެގެން ދިޔަ ފަހުން ބައްޕަ ކައިރިއަށް ދާން އެކުއްޖާ ރުއި ވަރު.. އެފަކީރުގެ ބަދުނަސީބުކަން ބަލާ.. އެންމެ ލޯބިވި ބަފާ އޭނަ މަރާލީ އެއްވެސް ރަހުމެއް ހަމްދަރުދީއެއް ނެތި..  " ހާޖަރު ބުނެލިއެވެ. ރުޅިއަންނަ ކަމަށް ހެދުނަސް ޒިލާލް ނުހަނު ކަންބޮޑުވެއްޖެއެވެ.

" ކިހާދެރަކަމެއްތަ؟ ކަލޭ ތިދައްކާ ވާހަކައެއް އަހަރެންނަކަށް ނޭނގޭ!! ސެކިއޮރިޓީ!! ސެކިއޮރިޓީ!! " ޒިލާލް ގޮވަން ފެށިއެވެ.

" ކަލޭ ވިސްނާލަބަލަ!! އަމިއްލަ އެދުމަށް ކަލޭގެ އަމިއްލަ ދަރި މަރާލަން ބުނާނީ ކިހާ ފެންވަރު ދަށް ވީމަތަ؟ ހެއްދެވި ފަރާތަށް ބިރުވެތިވޭ ޒިލާލް.. އެފަރާތުން އަނިޔާ ލިބިފައިވާ މީހުންގެ ދުއާ އިޖާބަކުރައްވާނެ.. އެފަރާތުން އަހަރެމެންގެ ޝަކުވާތައް އަޑުއައްސަވާނެ.. މީހަކު މަރާލުމަކީ ފާފައަކަށް ނުވާނަމަ ކަލޭ މަރާލާނީ އަހަރެންގެ މިދެއަތުން.. ތައުބާ ނުވެއްޖެނަމަ ކަލޭގެ ނިމުން ހިތިކުރައްވާށި!! މަރު ބަލީގައި ކަލޭގެ ކަރަށް ފެންތިއްކެއް ލައިދޭނެ މީހަކު ނުވޭތޯ އަހަރެން ދުއާ ކުރާނަން..!! އަހަރެންގެ ދަރި ފެނު އަޑީގައި މަރަށް ތެޅުނުހެން ކަލޭވެސް ތައުބާ ނުވެއްޖެނަމަ އެފަދަ ވޭނީ މަރެއް ދެއްވާށި..!! " ހާޖަރު އަނެއްކާވެސް ރޯން ފެށިއެވެ. އެހިނދު އަމާން ހާޖަރު އޭނާގެ މޭގައި ލައްކޮށްލިއެވެ. ޒިލާލް އެއްޗެއް ބުނަން އުޅުނު ހިނދު ފެނުނު މަންޒަރުން ހުއްޓުން އެރިއެވެ. ފުލުހުންނާއެކު އެއަންނަނީ ދުއާއެވެ.

" މިހުރީ!! ޒިލާލް އަހުމަދު.. އަޅުގަނޑުގެ ބައްޕަ.. މީގެ އަހަރުތަކެއް ކުރިން އަމިއްލަ ދަރި މަރާލަން ބަޔަކަށް ރިޝްވަތުދިނީ.. ހާރޫން އެކަމަށް އެއްބަސްވެ ބަޔާންދިން އިރު އެކަން ކުރަން ރިޝްވަތު ދިން މީހަކަށް ބުނި ޒިލާލް އަހުމަދު މިހުރީ... " ފުލުހުން ގޮވައިގެން އައިސް ހުއްޓެމުން ދުއާ ބުންޏެވެ. ދުއާ ޒިލާލްގެ މޫނަށް ބަލައިވެސް ނުލައެވެ. އެފަދަ ނުބައި މީހެއްގެ މޫނުބަލަން ބޭނުންނުވަނީއެވެ.

" ދުއާ!؟؟ ކަލޭވެސް....... ބަލަ އަހަރެންމީ ކަލޭގެ ބައްޕައޭ... " ޒިލާލް ހަޅޭއްލަވައިގަތެވެ.

" ޙަބަރުދާރު!! ކަލޭގެ ތި ހަޑިމުޑުދާރު ދުލުން ބައްޕަފަދަ މާތް ލަފްޒެއް ކިޔައިގެންވެސް ނުވާނެ.. ތިކަހަލަ ރަހުމުކުޑަ މީހަކަށް އަހަރެން ބައްޕަ ކިޔާކަށް ބޭނުމެއްނޫން.. މިރެއަށްފަހު އަހަރެންގެ ބައްޕަ އަހަރެންނަށް މަރުވެއްޖެ...! " ޒިލާލްއަށް ފަސްދެމުން ދުއާ ބުންޏެވެ. ޒިލާލް ވާހަކަ ދެއްކުމުގެ ކުރިން ފުލުހުން އައިސް އޭނާގެ އަތުގައި ބިޑި އަޅުވައިފިއެވެ.

" ހާޖަރު!! ކަލޭ އަދި ދެރަވެ ހިތާމަ ކުރާނެ.. ކަލޭމެން އެންމެން ހިތާމަކުރާނެ!! އަހަރެން ބަދަލުހިފާނަން.. ކަލޭ އަހަރެންގެ މުޅި ދިރިއުޅުން ބަރުބާދުކޮށްލީ.. އަހަރެންނާ  އިނދެގެން ހުރެ އެހެން ފިރިހެނުންނާ ވާހަކަ ދެއްކީ.. ދެން ކަލޭގެ ދަރިންނަކީ އަހަރެންގެ ދަރިންކަމަށް ޤަބޫލުކުރާނީ ކިހިނެއް..؟ އެފިޔަވަޅު ނަގަން އަހަރެންނަށް މަޖުބޫރުކުރީ ކަލޭ.. ކަލޭގެ ސަބަބުން އަހަރެން ރޭވި ރޭވުމެއް އެއީ... އަހަރެން އަދި އަންނާނަން.. ކަލޭމެން އެންމެން ބަރުބާދުކޮށްލާނަން.. " ފުލުހުން ގެންދަން ފެށުނުން ޒިލާލް ކިޔަން ފެށިއެވެ. އަމާން ގައިގާ ލައްވެލައިގެން ހުރި ހާޖަރުގެ ކޮނޑުގައި ދުއާ އަތް އަޅައިލިއެވެ.

" މަންމާ!! އަހަރެން މިދަނީ ކާފައަށް އެ ހަބަރުދޭން.. ކޮންމެގޮތެއްވިޔަސް ސިއްރެއް ނުކުރެވޭނެ.. " ދުއާ ބުނެލިއެވެ. ހާޖަރު ދެލޯ ފޮހެލަމުން އަމާންއާ ދުރުވެލިއެވެ. ރޮއެ ރޮއެ އޭނާގެ ދެލޯ ހުރީ ރަތްވެ ދުޅަވެފައެވެ.

" ބައްޕަ ވަރަށް ދެރަވާނެ.. އެކަމަކުވެސް ހަޤީޤަތް ފޮރުވައިފިނަމަ ދެރަވާނެ.. މިކަމަކީ ބައްޕައަށް އެނގުން ހައްޤު ކަމެއް.. " ހާޖަރު ބުންޏެވެ.

" ދުއާ ދޭ ކާފަ ކައިރިއަށް.. ބޭބެ މިދަނީ މަންމަ ގޮވައިގެން ގެއަށް...! ޓޭކް ކެއަރ.. " ހާޖަރު ގޮވައިގެން ހިނގައިގަތުމުގެ ކުރިން އަމާން ބުންޏެވެ.


ނުނިމޭ... ވާހަކައިގެ އާބައެއް، އިންޝާﷲ ތިނެއް ނޮވެމްބަރު ވާ ބުރާސްފަތި ދުވަހުގެ ރޭ ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް