މިނިވަންކަން ރައްކާތެރި ކުރުމަށް އައު ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް އަޅުއްވާނެކަން ޔަގީން: ރައީސް މައުމޫން

ދިވެހިރާއްޖޭ ގެ މިނިވަން ކަމާއި ސިޔާދަތު ރައްކާތެރި ކުރައްވައި، އަމަން އަމާން ކަން ރައްޔިތުނަށް ކަށަވަރު ކޮށްދެއްވުމަށް، އިންތިޚާބީ ރައީސް އާއި އަލަށް އުފެދޭ ސަރުކާރުން ހަރުދަނާ ފިޔަވަޅު ތަކެއް އަޅުއް...

03 Nov 2018 | 07:09

ދިވެހިރާއްޖޭ ގެ މިނިވަން ކަމާއި ސިޔާދަތު ރައްކާތެރި ކުރައްވައި، އަމަން އަމާން ކަން ރައްޔިތުނަށް ކަށަވަރު ކޮށްދެއްވުމަށް، އިންތިޚާބީ ރައީސް އާއި އަލަށް އުފެދޭ ސަރުކާރުން ހަރުދަނާ ފިޔަވަޅު ތަކެއް އަޅުއްވަމުން ގެންދަވާނެ ކަން ޔަގީން ކޮށް، އެ މަސައްކަތްޕުޅު ތަކަށް އެއްބާރު ލުމާއި ތާއީދު ލިބިވަޑައިގަންނަވާނެ ކަމުގެ ފުރިހަމަ ޔަޤީން ކަން އިންތިޚާބީ ރައީސް އަށް، ކުރިގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އަރުއްވައިފިއެވެ.

މި ޔަގީންކަން އިންތިހާބީ ރައީސަށް އެރުއްވީ ދިވެހިރާއްޖޭގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި، ޕީ.ޕީ.އެމް. ގެ އިންތިޚާބީ ރައީސް، ރައީސް އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމް ނެރުއްވި ބަޔާނެއްގައެވެ.

އެ ބަޔާނުގައި ރައީސް މައުމޫން ވިދާޅުވެފައިވަނީ (ނަސްރުގެ ދުވަހު) ޤައުމުގެ ދިފާޢުގައި ދިވެހި ސިފައިން ވެވަޑައިގެން މަތިވެރި ޤުރުބާނީ އާއި ކުރެއްވި އަގުހުރި ޖިހާދު ގެ ހަނދާން އައު ކޮށް، އެ ހިތްވަރު ގަދަ ޤައުމީ ބަޠަލުން ސާބިތު ކަމާއެކު ކުރެއްވި މަސައްކަތް ތަކަށް އައްސަރިބާހާއި ސާބަސް ރައްދު ކޮށް، ޝުކުރު ދަންނަވާކަމަށާއި އަދި، އެދުވަހު ދިވެހި ރައްޔިތުންނާއި ސިފައިންގެ ތެރެއިން ޝަހީދުވި ހިތްވަރުގަދަ ޤައުމީ އަބްޠާލުންގެ ހަދާން އައު ކޮށް، އެ އަބްޠާލުންނަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކޮށްދެއްވުން އެދި ﷲ ގެ ޙަޟްރަތުގައި ދުޢާ ދަންނަވާކަމަށެވެ.

"1988 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ 3 ވަނަ ދުވަހު ދިވެހިންގެ ބަޔަކު ބޭރުގެ ކުލީ ސިފައިންގެ ބަޔަކާ އެކު، މާލެ އަރައި، މިޤައުމުގެ މިނިވަން ކަމާއި ސިޔާދަތު ނަގާލުމަށް ދިން އުދުވާނީ ޙަމަލާ އިން ދިވެހިރާއްޖެ ސަލާމަތް ކުރައްވައި، ނަޞްރު ދެއްވި ކަމަށްޓަކައި، އަރަހުށި ހުސް ޠާހިރުވަންތަ ﷲ ސުބްޙާނަހޫ ވަތަޢާލާ އަށް ޙަމްދާއި ޝުކުރު ކުރަމެވެ." ރައީސް މައުމޫންގެ ބަޔާނުގައި ވެއެވެ.

ދިވެހިރާއްޖޭގެ ނަޞްރުގެ ދުވަހުގެ ތަހުނިޔާއާއި މުބާރިކްބާދީ އިންތިޚާބީ ރައީސް އަލްފާޟިލް އިބްރާޙިމް މުޙައްމަދު ޞާލިހް އަށާއި، ދިވެހިރާއްޖޭގެ ލޮބުވެތި އެންމެހާ ރައްޔިތުންނަށް އަރިސް ކޮށް، ދިވެހިންނަކީ މާތްވެގެންވާ އިސްލާމް ދީނުގައި ދެމިތިބޭ، ރާއްޖޭގެ މިނިވަންކަމާއި އަމިއްލަވަންތަ ކަން ޙިމާޔަތް ކޮށް ދަމަހައްޓާ، އެއްބަޔެއްވަންތަ އަދި އެއްބައިވަންތަ ބައެއްކަމުގައި އަރަހުށި ހުސް ޠާހިރުވަންތަ މާތް ﷲ މިންވަރުކުރެއްވުމަށްއެދި ދުއާކުރައްވާފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް