ސައުދީ ނޫސްވެރިޔާ މަރާލަން އޯޑަރު ކޮށްފައިވަނީ އެންމެ މަތިން: އުރުދުޣާން

ތުރުކީގެ އިސްތާންބޫލްގައި ހުންނަ ސައުދީ ކޮންސިއުލޭޓް ތެރޭގައި މަރާލާފައިވާ ސައުދީ ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީ މަރާލަން އޯޑަރު ކޮށްފައިވަނީ އެންމެ މަތިން ކަމުގައި ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣ...

03 Nov 2018 | 04:05

ތުރުކީގެ އިސްތާންބޫލްގައި ހުންނަ ސައުދީ ކޮންސިއުލޭޓް ތެރޭގައި މަރާލާފައިވާ ސައުދީ ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީ މަރާލަން އޯޑަރު ކޮށްފައިވަނީ އެންމެ މަތިން ކަމުގައި ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާން ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވެފައިވަނީ އިއްޔެ ވޮޝިންޓަން ޕޯސްޓަށް ދެއްވާފައިވާ އިންޓަވިއުއެއްގައެވެ. މަރާލާފައިވާ ނޫސްވެރިޔާއަކީވެސް އެ ނޫހަށް ލިޔަމުންދިޔަ ނޫސްވެރިއެކެވެ.

އެ އިންޓަވިއުގައި އުރުދުޣާން ވިދާޅުވެފައިވަނީ ޚާޝުގްޖީ މަރާލަން އޯޑަރު ކުރެއްވީ ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އަލް ސައުދުކަމުގައި ގަބޫލުފުޅު ނުކުރެއްވޭކަމަށެވެ. ނަމަވެސް ވަލީ އަހުދު އެކަން ކޮށްފާނެކަމާއިމެދު އުރުދުޣާން އެއްޗެއް ވިދާޅެއް ނުވެއެވެ. ބައިނަލްއަގްވާމީ މަސްރަހުގައި މި މައްސަލއިގެ ތުހުމަތުވެސް ގިނަ ބަޔަކު ކުރަނީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން (އެމްބީއެސް) އަށެވެ.

އުރުދުޣާން މިހެން ވިދާޅުވެފައިވާއިރު ޚާޝޫގްޖީ މަރާލަން އޯޑަރު ކުރީ އެމްބީއެސް ކަމުގައި ސިފަވާގޮތަށް އުރުދުޣާންގެ އެޑްވައިޒަރަކު ވާހަކަ ދައްކާފައިވެއެވެ.

ނޫސްވެރިޔާ ޚާޝުގްޖީ އަކީ ސައުދީއަށް ނިސްބަތްވާ ނޫސްވެރިއެކެވެ. އޭނާ އެ ގައުމު ދޫކޮށް 2017 ވަނަ އަހަރު އެމެރިކާއަށް ދިރިއުޅުން ބަދަލުކުރީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ސައުދީގައި ނެތްކަމަށް ބުނެއެވެ. އޮކްޓޯބަރު މަހުގެ ދެވަނަ ދުވަހު، ތުރުކީގެ އިސްތާންބޫލްގައި ހުންނަ ސައުދީ ކޮންސިއުލޭޓަށް އޭނާ ދިޔައީ، އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ތުރުކީގެ ރައްޔިތެއް ކަމުގައިވާ ޚަދީޖާ އާއި ކައިވެނި ކުރުމަށް ސައުދީ ކޮންސިއުލޭޓުން ހޯދަން ޖެހޭ ލިޔެކިޔުމެއް ބަލައެވެ.

ކޮންސިއުލޭޓަށް ދިޔަފަހުން ޚާޝުގްޖީގެ ހަބަރެއް ނުވެއެވެ. ސައުދީން ފުރަތަމަ ބުނީ އޭނާ ކުރަން އައި ކަން ވުމުން އޭނާ ކޮންސިއުލޭޓް ދޫކޮށް ދިޔައީ ކަމަށެވެ. ފަހުން ބުނެފައިވަނީ ކޮންސިއުލޭޓް ތެރޭގައި ތިބި ބަޔަކާ ހިނގި ތަޅާފޮޅުމެއްގައި ޚާޝުގްޖީ މަރުވީ ކަމަށެވެ. ފަހުން ބުނެފައިވަނީ ޚާޝުގްޖީގެ މަރަކީ ރާވައިގެން ހިންގާފައިވާކަމެއް ކަމަށެވެ. ނަމަވެސް އޭނާގެ ހަށިގަނޑު ވީތަން އަދިވެސް ސައުދީން ބުނެފައެއް ނުވެއެވެ. ސައުދީން ވަނީ އެ މައްސަލައިގާ 18 މީހަކު ހައްޔަރުކޮށްފައެވެ. އޭގެ ތެރޭގައި އެމްބީއެސްގެ އަރިސް ތިން ބޭފުޅަކު ހިމެނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް