ބިދޭސީ ޓީޗަރުންގެ ބަދަލުގައި ދިވެހި ޓީޗަރުން ހޯދަން މިނިސްޓްރީ އޮފް އެޑިއުކޭޝަނުން އިއުލާނު ކޮށްފިއެވެ.
އެ މިނިސްޓްރީން މިދިޔަ އާދީއްތަ ދުވަހު ކުރި އިއުލާނުގައި ބުނެފައިވަނީ މި މަޤާމުތަކަކީ ސިވިލް ސަރވިސް ކޮމިޝަންގެ ނަމްބަރ 15/2017 (20 ނޮވެމްބަރ 2017) ސަރރކިއުލަރގެ ދަށުން ބިދޭސީން ތިބި މަޤާމުތަކަށް ދިވެހިންނަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުމުގެ ގޮތުން ކުރެވޭ އިޢުލާނެއް ކަމަށެވެ.
މިނިސްޓްރީން ރިއާޔަތްކުރައްވާފައިވާ ސާކިއުލާއަކީ ކޮންޓްރެކްޓް އެމްޕްލޯއިމަންޓްގެ ދަށުން ބިދޭސީންނަށް ވަޒީފާ ހަމަޖެއްސުމާއި، ބިދޭސީން ތިބި މަޤާމުތަކަށް ޝަރުތުހަމަވާ ދިވެހިން ކުރިމަތިލުމުން އެ ފަރާތްތަކަށް ވަޒީފާ ހަމަޖެއްސުމުގެ އުޞޫލެވެ.
އެގޮތުން އެޑިއުކޭޝަން މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައި 1611 ބިދޭސީ ޓީޗަރުންގެ ބަދަލުގައި ދިވެހި ޓީޗަރުން ހޯދަން އިއުލާނުކޮށްފައިވާއިރު އަސާސީ މުސާރައިގެ ގޮތުގައި 7070 އާއި 10640 އާއި ދެމެދުގެ މުސާރައެއް ހިމަނާފައިވެއެވެ. އަދި ސާވިސް އެލަވަންސްގެ ގޮތުގައި 2500 ރުފިޔާ ހިމަނާފައިވެއެވެ.
ގެޒެޓު ކޮށްފައިވާ މި އިއުލާނުގައިވާގޮތުން މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2018 ނޮވެމްބަރ 25 ވާ އާދީއްތަދުވަހުގެ 13:00 ގެ ކުރިން، މަޤާމް އޮތް ސްކޫލަކަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް މަޤާމް އޮތް އޮފީހަކަށް ހުށައެޅިދާނެކަމުގައިވެސް އެ އިއުލާނުގައި ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް