އިނގިރޭސި ވިލާތުގެ މިއުޒިކް ބޭންޑެއް ކަމަށްވާ ކޯލްޑް ޕްލޭ މިއުޒިކު ގްރޫޕު ރޫޅާލުމަށް ނިންމައިފިއެވެ.
އެ ބޭންޑް (ގްރޫޕު) ރޫޅާލުމަށް ނިންމާފައިވަނީ ކޯލްޑްޕްލޭއިން ޑިސެމްބަރު މަހު 4 ވަނަ ދުވަހު ނެރުމަށް ހަމަޖެހިފައިވާ އެމީހުންގެ 7 ވަނަ އަލްބަމް ރިލީޒް ކުރުމާއެކުއެވެ.
ފަގީރުންނަށް އެހީވުމުގެ ގޮތުން 2005 އަހަރު ބޭއްވި "ލައިވް 8" މިއުޒިކް ކޮންސަޓުން ދިވެހިންގެ އެތައް ބައެއްގެ މަޤުބޫލުކަންވެސް ހޯދާފައިވާ ކޯލްޑްޕްލޭގެ މެމްބަރުން ބުނެފައިވަނީ ހެރީ ޕޮޓަރ ސީރީޒްވެސް ނިންމާލާފައިވަނީ 7 ވަނަ ފޮތުން ކަމަށާއި އެހެންވެ އެބޭންޑުވެސް 7 ވަނަ އަލްބަމުން ނިންމާލަން މިހާރު ހުރިހާކަމެއް ނިންމާފައިވާ ކަމަށެވެ.
ލަންޑަން ޔުނިވަރސިޓީ ކޮލެޖުން ބައްދަލުވެ މިއުޒިކް ބޭންޑެއް އުފެއްދުމުގެ ޚީޔާލު އައިސް، އެންމެ ފަހުން އެ ހުވަފެން ހަޤީޣަތަކަށް ހަދާފައިވާ ކޯލްޑް ޕްލޭއިން ކުރަން ބޭނުންވި ހުރިހާ ކަމެއް މިހާރު ޙާޞިލުވެފައިވާކަމަށްވެސް ވަނީ ބުނެފައެވެ.
އެކި ޤައުމުތަކުގެ ނިކަމެތިންނަށް އެތައް ޚިދުމަތްތަކެއް ކޮށްދެމުން އަންނަ ކޯލްޑްޕްލޭ ރޫޅާލާކަމުގެ ވާހަކަތައް މީގެކުރިން ފެންމަތިވެފައިވީ ނަމަވެސް، އެބޭންޑުން އެކަން ކަށަވަރު ކޮއްދިން މިއީ ފުރަތަމަ ފަހަރެވެ.
ފުރަތަމަ އަލްބަމް "ޕެރަޝޫޓްސް" ނެރުނުތާ 15 އަހަރު ފަހުން ބޭންޑްގެ މެންބަރުން އެކަކު އަނެކަކާ ވަކިވުމަށް ނިންމުމަށް އިޝާރާތްކޮށް މިދިޔަ އަހަރު ޑިސެމްބަރު ގައި އިއުލާން ކުރި ހަތް ވަނަ އަލްބަމްގައި ހިމެނޭ އެއް ލަވަ ކަމަށްވާ "އެމޭޒިން ޑޭ" ވަނީ މިދިޔަ ސެޕްޓެމްބަރު މަހު އެމެރިކާގެ ނިއު ޔޯކްގައި އޮތް އިޖުތިމާއީ "ގްލޯބަލް ސިޓިޒަން" ކޮންސެޓުގައި ލައިވްކޮށް ކިޔައިފައެވެ.
ބޭންޑެއްގެ ގޮތުގައި ކޯލްޑްޕްލޭ 1996 ގައި އުފެދި، 2008 ގައި ނެރުނު "ވިވަ ލަ ވީޑާ" އަލްބަމް ވެގެން ދިޔައީ 1996 ގެ ފަހުން އެމެރިކާގެ މިއުޒިކް ޗާޓުތަކުގައި އެއް ވަނައަށް އެރި ހަމައެކަނި އިނގިރޭސި ވިލާތުގެ ބޭންޑަށެވެ.
އެ ބޭންޑުގެ 80 މިލިއަން އަލްބަމް ވިކިފައިވާއިރު، ކޯލްޑްޕްލޭއަށް ވަނީ މާކިއުރީ އިނާމާއި 8 ފަހަރަށްބްރިޓް އެވޯޑާއި 5 އެމްޓީވީ އެވޯޑާއި 7 ގްރެމީ އެވޯޑު ލިބިފައެވެ.
ކޯލްޑްޕްލޭ މިދިޔަ އަހަރު ނެރުނު ހަ ވަނަ އަލްބަމް "ގޯސްޓް ސްޓޯރީސް" ވަނީ އައިޓިއުންސް ޗާޓުގައި 100 ގައުމެއްގައި ކުރި ހޯދައިފައެވެ. އަދި 2011 ގައި ނެރުނު ފަސް ވަނަ އަލްބަމް "މައިލޯ ޒައިލޮޓޯ" ވަނީ 34 ގައުމެއްގެ ޗާޓުތަކުގައި ކުރިހޯދައިފަ އެވެ.
ބޭންޑްގެ ސޯޝަލް ވިއުގާގައި މިހާރު އަންނަަނީ ހަތް ވަނަ އަލްބަމް "އަ ހެޑް ފުލް އޮފް ޑްރީމްސް"ގެ ކަވަރު އާޓް ކަމަށް ބެލެވޭ ކުރެހުމެއް ވެސް ބޭނުން ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް