ރާއްޖޭ ޓީވީގެ 3 ނޫސްވެރިން ދޫކޮއްލުމަށް ކޯޓުން އަމުރު ކޮއްފި

ފުލުހުން ރޭ ހައްޔަރުކުރި ރާއްޖެ ޓީވީގެ 3 ނޫސްވެރިން ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ. ރާއްޖެ ޓީވީގެ ސީއީއޯ ޙުސައިން ފިޔާޒު މޫސާ އާއި މުޙައްމަދު ވިޝާމް (ސަމްޕަތު) އާއި ލީވ...

03 Nov 2015 | 13:10

ފުލުހުން ރޭ ހައްޔަރުކުރި ރާއްޖެ ޓީވީގެ 3 ނޫސްވެރިން ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

ރާއްޖެ ޓީވީގެ ސީއީއޯ ޙުސައިން ފިޔާޒު މޫސާ އާއި މުޙައްމަދު ވިޝާމް (ސަމްޕަތު) އާއި ލީވާން ޢަލީ ނަޞީރު ފުލުހުން ހައްޔަރު ކޮއްފައިވަނީ މުލީއާގެ ކައިރިން ފެނުނު އައިއީޑީ ނުގޮވާ ގޮތް ހަދަން މާފަންނު ސްޓޭޑިއަމަށް ގެންގޮސް އެ ސަރަހައްދު ބަންދުކޮށްގެން އުޅުނު ވަގުތު އެތަނުންނެވެ.

އެ 3 މީހުންގެ ބަންދަށް ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް މިއަދު ގެންދިއުމުން، އެކޯޓުން ބުނެފައިވަނީ އެ 3 މީހުން ބަންދުގައި ބައިތިއްބަންޖެހޭ ސަބަބެއް ނެތް ކަމަށެވެ.

އެ ނޫސްވެރިންނަށް އަނިޔާ ކޮއްފައިވާކަމަށް އެ ނޫސްވެރިންގެ ވަކީލު ވިދާޅުވެފައިވާތީ އެކަމަށް ރައްދު ދެއްވާ ފުލުހުން ވިދާޅުވީ އެއްވެސް މީހަކަށް އަނިޔާ ކޮއްފައި ނުވާނެކަމަށާއި އެނޫސްވެރިން ޑޮކްޓަރަށްވެސް ދައްކާފައިވާނެ ކަމަށެވެ. އަދި ޑޮކްޓަރުގެ ރިޕޯރޓުންވެސް އެމީހުންނަށް އެއްވެސް އަނިޔާއެއް ލިބިފައިނުވާކަން އެނގޭ ކަމަށެވެ.

އަދި އެތަނުން އެކަކު ހައްޔަރު ކުރީ ފުލުހެއްގެ ގައިގާ ޖަހާ މާރާމާރީ ހިންގުމުން ކަމަށާއި އަނެއް ދެމީހުން ހައްޔަރު ކުރީ ފުލުހުންގެ ވާޖިބަށް ހުރަސް އެޅުމުން ކަމަށްވެސް ފުލުހުން ވިދޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް