ނޮވެމްބަރު ތިނެއް ފަދަ ދުވަހަށް އަނެއްކާވެސް މިއޮތީ ފަހިވެފައިތަ؟

މީގެ 26 އަހަރު ކުރިން 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތިންވަނަ ދުވަހުގެ ފަތިހު، އުފަލާ ހިތްހަމަޖެހުމުގައި ނިދާފަތިބި ރައްޔިތުންނަށް ހޭލެވުނީ ދުވަހަކުވެސް ނީވޭފަދަ ބިރުވެރި ނާމާން އަޑުތަކެއް އިވެނ...

03 Nov 2014 | 06:25

މީގެ 26 އަހަރު ކުރިން 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތިންވަނަ ދުވަހުގެ ފަތިހު، އުފަލާ ހިތްހަމަޖެހުމުގައި ނިދާފަތިބި ރައްޔިތުންނަށް ހޭލެވުނީ ދުވަހަކުވެސް ނީވޭފަދަ ބިރުވެރި ނާމާން އަޑުތަކެއް އިވެން ފެށުމުންނެވެ.

އިވެން ފެށި އަޑުތަކުގެ ހަގީގަތް ހޯދުމަށް ރައްޔިތުން މަގުތަކަށް ނިކުތުމާއެކު ތަފާތު ގޮތްގޮތަށް ރަށުތެރެއިން ވާހަކަތައް އަޑުއިވެން ފެށިއެވެ. އެދުވަހު ހިނގާދިޔަ ހާދިސާއަށް ބަލާލާއިރު ދިވެހިންގެ ތެރޭގައި ތިބި ހާއިނުންތަކެއް ބަރުހަތިޔާރާއެކު ދިވެހިންނާ ކުރިމަތިލައި 19 ދިވެހިން ޝަހީދުކޮށްލައި، މުޅި މާލެއިން ކަރަންޓް ކަނޑާލާ ދިވެހިންނަށް ޖިސްމާނީ އެތައް އަނިޔާއެއްދީ ރައްޔިތުންގެ މުދާ ލޫޓްވާފައިވެއެވެ.

އެދުވަސް ދިވެހި ރައްޔިތުންގެ ހިތުން ދުވަހަކުވެސް ފިލައިގެން ނުދާނެއެވެ.

އެއީ އިއާދަނުކުރެވޭ ވަރުގެ ގެއްލުންތަކެއް ދިވެހިންނަށް ކުރިމަތި ކުރުވި ދުވަހެކެވެ. އެއީ ދިވެހިންގެ ހިތްތަކުން ދުވަހަކުވެސް ފިލައިގެން ނުދާނެ ދުވަހެކެވެ. އެއީ ދިވެހިންގެ ފަހުރުވެރި ނަސްރުގެ ދުވަހެވެ.

އެވާހަކަ ނުދައްކާ ހުއްޓަސް އެއީ ހަނދާނުން ފޮހެވޭނެ ދުވަހެއް ނޫނެވެ. އެކަމަކު އެފަދަ ދުވަހެއް އަލުން ނާދޭތޯ ކޮންމެ ރައްޔިތަކަށްވެސް ﷲ ގެ ހަޟުރަތުގައި އަބަދުވެސް ދުއާ ކުރެވެއެވެ.

މިއަދު އެ ދުވަހުގެ ވާހަކައެއް ނޫނެވެ. މިއަދުގެ ވާހަކަ އެވެ. އަލުން ނޮވެމްބަރު ތިނެއް ރާއްޖެއަށް އަތުވެދާނެ ކަމުގެ ބިރު އޮތް ވާހަކައެވެ.

އެދުވަހުވެސް މި މިނިވަން ފަސްގަނޑަށް ތަމަޅަ ޓައިގަރުންނަށް އެރުނީ ދިވެހިންގެ ތެރެއިން ބަޔަކު އެ ފުރުސަތު ފަހިކޮށްދިނުމުން ނެވެ. ސީދާ އޭރުގައި ކަންވީގޮތަށް ނޫނަސް މިއަދު އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުންނަށް ބޭރުގެ އަދުއްވުން ރާއްޖެ އަރައި އަމުރު މައުރޫފު ހިންގުމުގެ މަގު ފަހިވާގޮތަށް ވާހަކަ ދެއްކެ އެވެ.

ރާއްޖެއަށް މިއަދު އޮތީ ތަމަޅަ ޓައިގަރުންގެ ބިރެއް ނޫނެވެ. ހަމައެކަނި ސިފައިން ބަލިކޮށް ވަކި ބަޔަކަށް ވެރިކަން ހޯދައި ދިނުމަށް އެދުވަހު ކުރި މަސައްކަތުގެ ބިރެއްވެސް ނޫނެވެ. މިއަދު އޮތީ އަޅުގަނޑުމެންގެ އެކުވެރިކަމާއި ދީނީ އެއްބައިވަންތަކަމާއި ދިވެހި ފަސްގަނޑަށް ފެންބޮވައިގެންފައި ތިބި ބައެއްގެ ބިރުވެރި ކަމެވެ.

ސިޔާސީ ގޮތުން ތަފާތު ފިކުރުގެ މީހުން އުޅޭއިރު އެއްބަޔަކު އަނެއް ބަޔަކަށް ދޭ ބަހުގެ ހަމަލާތައް މިއަދު އިތުރުވެފައިވާއިރު އޭގެ ފައިދާ ބޭރުގެ ފަރާތްތަކުން ނަގަން މަސައްކަތް ކުރާކަން ފާހަގަކުރަން ޖެހެއެވެ.

އެބައެއްގެ ސިޔާސީ ފިކުރާ ގުޅޭގޮތަށް ވާހަކަތައް ބައްޓަންކޮށް ގައުމުގެ ތަރައްގީއަށް ބޭނުންވާ ކަންތައްތައް ކޮށްދީގެން ގައުމަށް ވެރިވެ ގަންނަން އުޅޭ ބޭރުގެ ފަރާތްތައް މަދެއް ނޫނެވެ. އެމީހުންގެ އެހީއާއި ނުލައި އަދި މިކުޑަ ރާއްޖޭގެ ތަރައްގީގެ މަގުގައި ކުރިޔަށް ދެވޭނެ ގޮތްތަކެއް ނެތެވެ. އެއީ ދުނިޔޭގައި ބާރުގަދަ ބޮޑެތި ގައުމުތަކެވެ. އެ ގައުމުތަކުން އެހީގެ ގޮތުގައި ދޭ މުދަލާއި ފައިސާގެ ބޮޑެތި އަދަދުތަކަކީ އަޅުގަނޑުމެންގެ ގައުމު ނުއަގުގައި ގަނެލުމަށް ކުރާ މަސައްކަތްކަން ދަންނަން ޖެހެއެވެ.

މިފަހަކަށް އައިސް ދީނީގޮތުން ބޮޑެތި ހިޔާލުތަފާތުވުންތަކެއް ރާއްޖޭގައި އުފެދިފައިވާއިރު އެކަމުގެ ފައިދާވެސް މުއްސަނދި ޑިމޮކްރަސީއަށް ދައުވާ ކުރާ ގައުމުތަކުން ދަނީ ނަގަމުންނެވެ. ބައެއް ގައުމުތަކާއި ޖަމާއަތްތަކުގެ ވެރިން ރާއްޖޭގައި އެހެން ދީންތަކަށް ފުރުސަތު އޮންނަން ޖެހޭކަމަށް ވިދާޅުވެފައިވާއިރު މިއީ އަޅުގަނޑުމެންގެ ތެރެއިން ބައެއްގެ އެހީތެރިކަމާއި އެކު ދައްކާ ވާހަކަތަކެއްކަން އެނގެ އެވެ.

އެއްވެސް ވާހަކައެއްގެ ތަފްސީލަށް ދާކަށް ނެތީމެވެ. މިފަދަ ކުދި ކުދި ކަންކަމަށް ނަޒަރު ހިންގާލުމުން ރާއްޖޭގެ ދީނީ އެއްބައިވަންތަކަމާއި އަމާންކަން ނަގާލަން ބޭރު ގައުމުތަކަށް އެހީތެރިވެދެވެނީ އަޅުގަނޑުމެންގެ ތެރެއިން ބަޔަކަށްކަން އެނގެއެވެ. މިފުރުސަތު ނޭނގިތިބެވެސް ނުވަތަ އެނގިތިބެވެސް މިދެވެނީ ދިވެހިންނަށެވެ.

މިއަދު ނޮވެމްބަރު ތިނެއްގައި ދިމާވިފަދަ ހާދިސާއެއް ދިމާވެއްޖެނަމަ އެދުވަހު އެމީހުން ރޭވިގޮތް ނާކާމިޔާބުކޮށްލި ޝަހީދު ހުސައިން އާދަމް ފަދަ ބޭފުޅުން އެބަތިބި ބާއެވެ! ގައުމު ބައިބައިވެ އެބަޔަކު ތާއީދު ކުރާ ބަޔަކު ކުރާ ކޮންމެ ކަމަކީ ގައުމަށް ގެއްލުންހުރި ކަމަށްވިޔަސް އެކަމަކަށް މިދަނީ ތާއީދު ކުރަމުންނެވެ. މިހެންވަމުންދާނަމަ ގައުމާ ދޭތެރޭ ނުވިސްނާ އެހެން ބަޔަކަށް ރާއްޖެއަށް އަތްގަދަ ކުރުމުގެ ފުރުސަތު ދެވުނީއެވެ. އޭރުން އަނެއްކާވެސް ތަފާތު ގޮތަކަށް ނޮވެމްބަރު ތިނެއް އައީ އެވެ.

އެފަދަ ދުވަހެއް އަލުން އެއްވެސް ސިފައެއްގައި ގެންނާކަށް ބޭނުމެއް ނޫނެވެ. އެހެން ނަމަވެސް އެއީ ދިވެހިންގެ ހިތްތަކުން ދުވަހަކުވެސް ފިލައިގެން ނުދާނެ ދުވަހެކެވެ. އެއީ ގައުމަށް ޣައްދާރުވި ހާއިނުންނާ ބާޣީންގެ އަތުން ދިވެހިން ނަސްރު ހޯދި ދިވެހިންގެ ފަހުރުވެރި ނަސްރުގެ ދުވަހެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް