އެމްއެންޔޫ ފޮތް މައުރަޒު 3000 އަށް ވުރެ ގިނަ ތަކެއްޗާއެކު ހުޅުވައިފި

ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން އިންތިޒާމުކޮށްގެން ބާއްވާ ފޮތް މައުރަޒު 2026 މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ. މި މައުރަޒު ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އިސްލާމީ ކަނ...

03 Sep 2026 | 16:57
N/A

N/A

ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން އިންތިޒާމުކޮށްގެން ބާއްވާ ފޮތް މައުރަޒު 2026 މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ.

މި މައުރަޒު ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އިސްލާމީ ކަންތައްތަކާއި އައުގާފާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ. އެ ރަސްމިއްޔާތުގައި އެމްއެންޔޫ ބުކް ރައިޓިންގ ގްރާންޓުގެ ދަށުން އާޝިއާ ލީލާ އަހްމަދު ލިޔުއްވި "Eid of Joy In Maldives" ފޮތް ވަޒީރު ވަނީ ނެރެދެއްވާފައެވެ.

މިފަހަރުގެ މައުރަޒުގައި 3000 އަށް ވުރެ ގިނަ ތަކެތި ދައްކާލާއިރު އޭގެ ތެރޭގައި ތަފާތު ދާއިރާތަކުގެ ފޮތްތަކާއި އިލްމު އުނގެނުމަށް ބޭނުންކުރާ ސާމާނު ހިމެނެއެވެ. ކުޑަކުދިންނަށް ޝައުގުވެރިވާ ފަދަ ގޭމްތައް ވެސް މައުރަޒުގެ ތެރެއިން ވަނީ ހަމަޖައްސާފައެވެ. ޖުމްލަ 42 ފަރާތަކުން ބައިވެރިވާ މި މައުރަޒުގެ ސްޓޯލްތައް ބެހިފައިވަނީ ތިން ސަރަހައްދަކަށެވެ. އެއީ އެމްއެންޔޫ ސެންޓްރަލް އެޑްމިނިސްޓްރޭޝަން ކޯޓްޔާޑާއި ފޯޔަރާއި ބީ ބްލޮކްގެ ތިން ވަނަ ފަންގިފިލާގައި ހުންނަ ޕީއީ ހޯލެވެ.

ފޮތް ލިޔާ ފަރާތްތަކާއި ވިއްކާ ފަރާތްތައް އަދި ގަންނަ ފަރާތްތައް އެއް ތަނަކުން ގުޅުވައިލަދޭ މި މައުރަޒުގެ މައިގަނޑު އެއް ބޭނުމަކީ ދިވެހި ލިޔުންތެރިންނަށް އެ ފަރާތްތަކުގެ ހުނަރު ދައްކާލެވޭނެ ފުރުސަތު ތަނަވަސްކޮށްދީ ފޮތް ކިޔުމުގެ އާދަ ފެތުރުމެވެ. ޝާއިއުނުކޮށް ހުރި އައު ފޮތްތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދެވޭނެ މާހައުލެއް ބިނާކުރުމާއި ލިޔުންތެރިންނަށް ފޮތް ވިއްކުމުގެ ފުރުސަތު ފަހިކޮށްދިނުމަކީ ވެސް މި މައުރަޒުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.

މައުރަޒުގައި ބައިވެރިވުމަށް މިފަހަރު ވެސް އެއްވެސް ފީއެއް ނެގެން ނެތް ކަމަށް އެމްއެންޔޫ އިން ބުނެފައިވެއެވެ. މި މައުރަޒު ކުރިއަށްދާނީ ސެޕްޓެމްބަރު 30 އިން އޮކްޓޫބަރު ފަސް ވަނަ ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހެއްގެ ހަވީރު 16:00 އިން ރޭގަނޑު 22:00 އަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް