އެ އަޑާއެކު، ކުއްލިއަކަށް ނާޝިދުގެ ލޯހުޅުވުނެވެ. ދެކޮޅު ހޯދާ ބަލާލިއެވެ. ނާޝިދު އޮތީ އެދުމަތީގައެވެ. އެއީ ނާޝިދަށް ފެނުނު ހުވަފެނެއްކަން އެނގުނީ އެވަގުތެވެ. ނާޝިދަށް ނިދުނީ ހުމޭދާއާއި ދޭތެރޭގައި ވިސްނަން އޮއްވައެވެ. އެއީ ކޮންފަދަ ހިތްގައިމު ހުވަފެނެއް ހެއްޔެވެ. ނަމަވެސް އެބާރު ވައިރޯޅިން އެދިނީ ކޮންކަހަލަ ސިންގްނަލެއްބާއެވެ. ނާޝިދު އެ ހުވަފެނާމެދު ކުޑަކޮން ވިސްނާލަން އޮތުމަށްފަހު ގަޑިބަލާލިއެވެ. އޭރު ފަތިސްވެއްޖެއެވެ. އަވަސް އަވަހަށްގޮސް ފެންވަރާލައިގެން ފަތިސް ނަމާދުކޮށްލިއެވެ. ނާޝިދަކީ ބަރާބަރަށް ހުރިހާ ނަމާދެއްކުރާ ދީނުގެ ކަންކަމަށް ޝައުޤުވެރިކަން ހުންނަ ކުއްޖެކެވެ. ފަތިސްނަމާދަށްފަހު ނާޝިދުގެ މިލްކަކަށް ހުމޭދާވޭތޯ ފުރަތަމަ ފަހަރަށް ދުޢާކޮށްލިއެވެ.
ހަވީރުގެ ހިތްފަސޭހަ ވަގުތެވެ. ވިލިނގިލީގެ އިރުމަތީ ފަރާތު އަތިރިމަތީގައި ހުރި ޖޯލިފަތިން ޖޯއްޔެއްގައި އޮށޯވެލައިގެން ނާޝިދު އޮތީ ނޫކުލައިގެ އުޑާދިމާއަށް ބަލަހައްޓައިގެންނެވެ. ނާޝިދު އިންތިޒާރު ކުރަމުން އެގެންދަނީ ހުމޭދާއަށެވެ. އެވަގުތު ސިހިގެންދިޔައީ ފޯނު ރިންގުވާން ފެށުމުންނެވެ. ނާޝިދު ފޯނާ ދިމާއަށް ބަލާލިއެވެ. ފޯނުކުރަނީ ހުމޭދާ އެވެ.
"ހެލޯ..... ހުމޭ ކޮބާ.... " ނާޝިދު ބުނެލިއެވެ.
"ނާޝިދު... މިގެއަށް އަންނަންވީނު... އުފަންދުވަސްވީމަ ކުޑަ ސަޔެއް ހަދާލައިގެން މިއުޅެނީ... ނާޝިދަށް ސައިދޭން ވާނެއެއްނު... އާދެބަލަ މިގެއަށް... "
"އޯކޭ... އެކަމަކު ގޮތެއްގެމަތިން ދާނީ... " ނާޝިދު މަޖާ ރާގަކަށް ބުނެލިއެވެ.
"ހޫން... ހޫން.. ދެން އާދެބަލަ... ރާއިދުވެސް އެބަ އާދެޔޭ..." މަންމަ އެބަހުރި ވަރަށް ބައިވަރު ހެދިކާ ހަދާލާފަ... ނާޝިދުގެ ފެވަރިޓް ރިހަފޮޅި ވެސް އެބަހުރި.. އަވަހަށް އާދޭ... " ހުމޭދާ ބުނެލިއެވެ.
"ފަސްވަރަކަށް މިނިޓް ތެރޭގައި ދާނަން.. އެކަމު ހުމޭ ޖެހޭނެ މިރޭ ނާޝިދާ މީޓްކޮށްލަން.... އުފަންދުވަހުގެ ހަދިޔާ ދޭންޖެހޭނެއެއްނު... އޯކޭތަ..؟" ނާޝިދު އުއްމީދާއެކު ބުނެލިއެވެ.
"ތި ހަދިޔާ ހިފައިގެން އާދެބަލަ.... " ހުމޭދާ އަވަސް އަވަހަށް ބުނެލިއެވެ.
"ނޫނޭ... ތިހާ ފަސޭހައިން ހަދިޔާއެއް ނުދެވޭނެ... މިރޭ ބައްދަލުވީމަ ލިބޭނީ... މިދަނީ އިނގޭ... " ނާޝިދު ޖޯލިން ތެދުވެ ހިނގައިގަންނަމުން ބުނެލިއެވެ.
ޖެހޭ މަޑުމަޑު ވައިރޯޅިން ނާޝިދުގެ ހިތަށް ފިނިކަމެއް ލިއްބައިދެމުން ދިޔައެވެ. ނާޝިދު އޮތީ ރަށުގެ އިރުމަތީ ފަރާތުގައި ހުރި ޖޯލިފަތީގައި އޮށޯވެލައިގެންނެވެ. ރެއަކީ ސާދަވިލޭ ކަމުގައިވާތީ، މުޅި ހިސާބުވަނީ ރިހިހަނދުވަރުން ޖަރީވެފައެވެ. އަދި ގަސްތަކުގެ ސަބަބުން ޖޯލިފައްޗަށްވަނީ ކޮކާހަނދުވަރު އެޅިފައެވެ. މި މަންޒަރު ފެންނަލެއް ވަރަށްވެސް ފުރިހަމަ އެވެ. ހުމޭދާގެ ހިޔާލުގައި، ސާދަވިލޭރޭގެ ފުރިހަމަ ހަނދަށް ބަލަހައްޓައިގެން އޮއްވާ ނާޝިދު ސިހިގެން ދިޔައީ މީހެއްގެ ފިޔަވަޅުގެ އަޑަށެވެ. ފިޔަވަޅުގެ އަޑު އިވުނު ދިމާއަށް ނާޝިދު ބަލާލިއެވެ. އޭރު ކުރިމަތީގައިހުރީ ހުމޭދާ އެވެ. ހެވިފައެވެ. އުޑުމަތިން ފެންނަމުން އެދާ ސާދަވިލޭރޭގެ ހަނދަށްވުރެ ހުމޭދާ މާފުރިހަމަ ކަމަށް ނާޝިދު ޤަބޫލު ކުރިއެވެ. ހުދުކުލައިގެ ހެދުމެއްގައި ހުމޭދާ ހުރިއިރު އޭނާ ވަރަށް ފުރިހަމަ އެވެ.
"ހުމޭ.... އާދޭ މިތާ އިށީންނަށް..." ޖޯތްޔަށް އިޝާރާތް ކުރަމުން ނާޝިދު ބުނެލިއެވެ.
"ކޮބާ މަގޭ ގިފްޓް... ގިފްޓް ހޯދާށޭ މިއައީ.. " ޖޯލީގައި އިށީންނަމުން މަޖާ ރާގަކަށް ހުމޭދާ ބުނެލިއެވެ.
"ގިފްޓް އެބައޮތޭ... ބަލާބަލަ އެހަރަ ފުރިހަމަ ހަނދެއް... ދެން މޫދާ ދިމާއަށް ބަލާލަބަލަ... ހަނދުވަރުގެ އަލި މޫދަށް އެޅިފަ އޮންނައިރު ކިހާ ރީތި ދޯ... " މޫދާ ދިމާއަށް ބަލަންއިނދެ ނާޝިދު ވާހަކަ ދެއްކިއެވެ.
"ހާދަ ފިލްމީ ވެގެން ތިއުޅެނީ މިރޭ... އަނެއްކާ ކިހިނެތްވީ.... " ހުމޭދާ ހެމުން ހެމުން ބުނެލިއެވެ.
"ފިލްމީއެއް ނޫނޭ.... ހުމޭވެސް ބަލާބަލަ... ރާޅުޖަހާ ހިސާބަށް ހަނދުވަރުގެ އަލި އެޅިފައޮންނައިރު ކިހާރީތި... ހީވަނީ ރިހިން ޖަރީކޮށްފަ އޮންނަހެން.... ހިނގާބަލަ ދޮންވެލިގަނޑުމަތީ ހިނގާލަންދާން... " ނާޝިދު ޖޯލިން ތެދުވަމުން ބުނެލިއެވެ.
ނާޝިދު ޖޯލިން ތެދުވުމާއެކު ހުމޭދާ ނާޝިދަށް ބަލާލިއެވެ. ލައިގެންހުރި ބްރައުންކުލައިގެ އަތްދިގު ގަމީހާއި އައިސްބްލޫ ޖިންސުގައި ނާޝިދު މިރޭ ފެންނަލެއް ވަރަށް ފުރިހަމަ އެވެ. ކުޑަކޮށް ދިގުވެފައިވާ އިސްތަށިގަނޑު މުށިކުލައިން ހައިލައިޓްކޮށްފައި ހުރިއިރު ހަނދުވަރުގެ އަލިން އެ ބޯ އިސްތަށިގަނޑަށް ވިދުމެއް އައިސްފައިވެއެވެ. ހެވިފައިހުރިއިރު އެއްކޮލުގައި އެވާ އަޑިކޮޅުގެ ސަބަބުން އެހިނިތުންވުމަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދެއެވެ. ނާޝިދުގެ މޫނަށް ބަލާލި ކޮންމެ މީހަކަށްވެސް މިރޭ އެމޫނަށް ވެރިވެފައިވާ އުފާވެރިކަން ފާހަގަވާނެއެވެ.
"މިރޭ ހާދަ އުފާވެފަ ހުރިހެން އެބަހީވެއޭ... އަނެއްކާ ކިހިނެތްވީ...؟" ހުމޭދާ ތެދުވަމުން ސުވާލެއް ކޮށްލިއެވެ.
"ހޫން.... ކީއްވެކަން ބުނަންވީތަ... ؟ ދެން އާދެބަލަ ހިނގާލަންދާން.... " ނާޝިދު ހިނގާގަންނަމުން ބުނެލިއެވެ.
ހުމޭދާވެސް ނާޝިދާއެކު ގޮނޑުދޮށަށް ފައިބައިގެން ހިނގަން ފެށިއެވެ. ދެމީހުން ގޮނޑުދޮށުގައި މަޑުމަޑުން ހިނގަމުން ކުރިއަށް ދިޔައެވެ. ނާޝިދު ހުރީ ވާހަކަ ފަށާނެ ހިސާބެއް ނޭގިފައެވެ. މިރޭ ކޮންމެހެންވެސް ހުމޭދާއަށް ލޯބި ހުށަހެޅުމަށް ނާޝިދު ބޭނުންވެއެވެ. މަޑުމަޑުން ހިނގަމުންގޮސް އެންމެ ފަހުން ނާޝިދު ވާހަކަ ދައްކަން ފެށިއެވެ.
"އަނެއްކާވެސް އަހަރެއް ފުރުނީދޯ... އަހަރެއް ފުރުނީމަ ދެން އަލަށް ކޮންކަމެއް ކުރަން ނިންމަނީ....؟" ނާޝިދު ވާހަކަ ދައްކަން ފެށިއެވެ.
"ކިހިނެތްވީ...؟ ކޮންމެ އަހަރެއް ފެށޭއިރު އާ ކަމެއް ކުރަންޖެހޭނެތަ.. ! ކޮބާތަ ހުމޭއަށް ދޭންބުނި ހަދިޔާ... " ހުމޭދާ މަޖާވެލާފައި ބުނެލިއެވެ.
"މިއޮތީ ޖީބުގަ... މިއީ ވަރަށް ޚާއްޞަ ހަދިޔާއެކޭ..." ޖީބުގައި އަތްޖައްސާލަމުން ހިނިތުންވެލާފައި ސަމާސާ ރާގަކަށް ނާޝިދު ބުނެލިއެވެ.
އެވަގުތު ހުމޭދާގެ ފޯނު ރިންގވާން ފެށިއެވެ.
"މަންމަ އެގުޅަނީ.. " ފޯނާއި ދިމާއަށް ބަލާލަމުން ހުމޭދާ ބުނެލިއެވެ.
"ލަސްވީ ކަންނޭގެ ދޯ... ހިނގާދަމާ..." ނާޝިދުވެސް ހުމޭދާގެ ފޯނަށް ބަލާލަމުން ބުނެލިއެވެ.
"މިރޭ ނާޝިދު މާތަފާތުހެން ހީވަނީ... މާ އުފާވެފަ... ކިހިނެތްވީ އަނެއްކާ، ހުމޭ ކައިރީގަވެސް ބުނެބަލަ.....! " ގެއާއި ދިމާއަށް ހިނގާގަންނަމުން ހުމޭދާ ބުނެލިއެވެ.
"ބުނަންވީތަ...؟ އެކަމަކު ރުޅި ނާންނާތި އިނގޭ.... " ނާޝިދު މަޖާ ރާގަކަށް ބުނެލިއެވެ.
"ކީއްވެ ރުޅިއަންނަންވީ... ! ނާޝިދު ތިހާ އުފާވެފަ ހުއްޓަ އަދި ފެނުނު ހަނދާނެއް ނުވޭ... ! ބުނެބަލަ ދެން... !" ހުމޭދާ ބުނެލިއެވެ.
ދެމީހުން ވާހަކަ ދައްކަމުންގޮސް ހުމޭދާމެންގެއާ އަރާހަމަވުމުން ނާޝިދު އޭނާގެ ޖީބުގައިވާ ކުޑަކުޑަ ގިފްޓް ނަގާ ހުމޭދާއަށް ދިއްކޮލިއެވެ.
"އުފާވެރި އުފަންދުވަހަކަށް އެދެން... މިއީ އަހަރެން ހުމޭއަށްދޭ ގިފްޓެއް..... އުއްމީދު ކުރަން ގަބޫލު ކުރާނެ ކަމަށް..." ގިފްޓް ދިއްކޮށްލަމުން ނާޝިދު ބުނެލިއެވެ.
"އައްދެ... ހާދަ ސީރިއަސްއެއް ތިވީ..... ނާޝިދުދޭ ކޮންމެ ގިފްޓެއްވެސް ހުމޭ ގަބޫލުކުރާނަމޭ..." ގިފްޓްގައި ހިފަމުން ހުމޭދާ ބުނެލިއެވެ.
"އެހެންތަ..! ވަރަށް އުފާވެއްޖެ.. ގިފްޓް ތެރޭގައި އޮންނާނެ މެސެޖެއްވެސް... ބަލާފަ ޚަބަރެއްވާތި... ދެން ދަނީ އިނގޭ.." ހިނިތުންވެހުރެ ނާޝިދު ބުނެލިއެވެ.
"އަނެއްކާ ކޮންކަހަލަ މެސެޖެއް..... އުފަންދުވަހު ވަރަށް މެސެޖްތައް ލިބޭއެބަ.... ނާޝިދުގެ މެސެޖަކަށްވެސް ރޭގަ ވަރަށް އިންތިޒާރު ކުރިން.. އެކަމަކު ވިޝްކުރަން ގުޅާލީވެސް ބާރަޖަހާ ދިޔަފަހުން ވިއްޔަ... " ހުމޭދާ ޝަކުވާ ކޮށްލިއެވެ.
"ސޮރީއޭ ލަހުން ވިޝްކުރެވުނީމަ.... ކާކުތަ ފުރަތަމަ ވިޝްކުރީ... އަނެއްކާ މާ ޚާއްޞަ ކުއްޖެއްތަ...؟" ނާޝިދު އޮޅުން ފިލުވަން ބޭނުންވިއެވެ.
"ރޭގަވެސް ތިޔަ ސުވާލު ކުރީމެއްނު.... ހުމޭ ޖަވާބުދިން ހަނދާންވެސްވޭ... ކްލާސް ކުއްޖެއް އެއީ... ބަރާބަރު ބާރަޖެހި އިރު ގުޅާލައިފި.... ހުމޭގެ މާ ޚާއްޞަ ކުއްޖެއް ނުހުރެއޭ... މިހާ ދުވަސްވީ އިރު ނާޝިދުއަށްވެސް އެނގޭނެ ކަމަށް ހުމޭ ހީކުރީ... " ހުމޭދާ ހީނލާފައި ޖަވާބު ދިނެވެ.
އަނެއްކާވެސް ފޯނު ރިންގވާން ފެށިއެވެ. ހުމޭދާ ފޯނު ނެގުމަށްފަހު ވާހަކަ ދެއްކިއެވެ.
"މަންމާ.... މިހިރީ ބޭރު ދޮރުކައިރީގައޭ... މިވަންނަނީ އެތެރެއަށް.... " ހުމޭދާ ފޯނު ކަނޑާލުމަށްފަހު ފޯނު ހޭންޑްބޭގަށް ލިޔެއެވެ.
"ދަނީ އިނގޭ... ގިފްޓް ބަލާފަ މެސެޖެއް ކޮށްލާތި... " ހިނިތުންވެލާފައި ނާޝިދު ބުނެލިއެވެ.
ހުމޭދާ އެތެރެއަށް ވަނުން ނާޝިދު ގެއަށްދާން ހިނގައިގަތެވެ. އެވަގުތު މަގުގެ އަނެއް ފަރާތުގައި ހުރި ގަސްތަކުގެ ތެރެއިން ބާރު އަޑެއް އިވުމާގުޅިގެން ނާޝިދު ސިހިފައި އެދިމާއަށް ބަލާލިއެވެ. ނާޝިދަށް ފެނުނީ އެތަނުގައި ހުރި ބޮޑު ނިކަގަހުން ކަޅުކުލައިގެ ބޮޑު ދޫންޏެއް އުދުއްސައިގަން މަންޒަރެވެ. އިވުނީ އެދޫނި އުދުއްސައިގަންނަން ފިޔަގަނޑު ޖަހާލި އަޑެވެ.
ނުނިމޭ... ވާހަކައިގެ އާ ބައެއް، ފަހެއް ސެޕްޓެމްބަރު ވާ އަންގާރަ ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ....
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް