ވާހަކަ: އަބަދުވެސް އިންތިޒާރު ކުރާނަން – ދެވަނަ ބައި

ކުރީގެ އަދަދާއި ގުޅޭ... "ކޮންމެ ކަމެއް އޮތީ މާދަން.... " ނާޝިދު ވާހަކަ ބަދަލުކޮށްލުމުގެ ނިޔަތުގައި ހަމަޖެހޭގޮތް ދައްކާލަމުން ބުނެލިއެވެ. "ނެތް އަދި މާބޮޑު ކަމެއް... ކިހިނެއްވީ؟" ހުމޭދާ ސުވާލުކޮށްލިއެވ...

31 Aug 2023 | 06:12

ކުރީގެ އަދަދާއި ގުޅޭ...

"ކޮންމެ ކަމެއް އޮތީ މާދަން.... " ނާޝިދު ވާހަކަ ބަދަލުކޮށްލުމުގެ ނިޔަތުގައި ހަމަޖެހޭގޮތް ދައްކާލަމުން ބުނެލިއެވެ.

"ނެތް އަދި މާބޮޑު ކަމެއް... ކިހިނެއްވީ؟" ހުމޭދާ ސުވާލުކޮށްލިއެވެ.

"ހިނގާ މާދަން ހަވީރު ދިމާވެލަން... "ހުމޭދާ ދޭނެ ޖަވާބަކަށް އިންތިޒާރު ކުރަމުން ނާޝިދު ބުނެލިއެވެ.

"އާން.. އޯކޭވާނެ... ކޮންތާކުން ދިމާވާނީ...." ހުމޭދާ ސުވާލުކޮށްލިއެވެ.

"ފަހެއްޖަހާއިރު އުނދޯލިތައް އެލުވާފައި ހުންނަ ދިމާލުން އަތިރިމައްޗަށްދާނީ.... " ނާޝިދު ދާންވީ ތަނާއި ގަޑި ހަމަޖައްސާލިއެވެ.

"އޯކޭ... ނާޝިދު، ވަރަށް ކޯލްތައް އެބަ މިސްވޭ އިނގޭ... ވިޝްކުރަން ގުޅާކުދިން ކަންނޭނގެ ހަމަ.." ހުމޭދާ މަޖާ ރާގަކަށް ބުނެލިއެވެ.

"އޯކޭ ދެން ފޯނުބޭއްވީ އިނގޭ.. މާދަން ދިމާވާން ހަނދާންކުރާތި.." ނާޝިދު ފޯނު ކަނޑާލިއެވެ.

ނާޝިދު ފޯނުބޭއްވުމާއެކު ރާއިދު ގުޅިއެވެ. ރާއިދު ބޭނުންވީ މިރޭ ކަންތައްވީގޮތް ސާފުކޮށްލުމަށެވެ.

"ކޮބާ ކިހިނެތް ކަންތައްތައް ދިޔައީ.. ހުމޭއަށް ވިޝްކޮށްފިންތަ.... " ރާއިދު ބޭނުންވީ ނާޝިދު ހުމޭދާއަށް ލޯބި ހުށަހެޅިތޯ ސާފުކުރާށެވެ.

"އާން... ވިޝްކޮށްފިން.. އެކަމު ސަކަރާތޭ.... ނުކުރެނު ލޯބިވާ ވާހަކަ ބުނާކަށް... " ނާޝިދު ބުނެލިއެވެ.

"ސާބަސް އިނގޭ...  ތަންކޮޅެއް ހިތްވަރުގަދަކޮށްބަލަ... ބުނީމައެއްނު ވާގޮތެއްވެސް އިނގޭނީ.... ލަސްކުރަންޏާ ވަގުތު ފާއިތުވެގެން ހިނގާދާނެ އިނގޭ... " މަޖާ ރާގަކަށް ރާއިދު ބުނެލިއެވެ.

"އިނގޭ ތިކަން.. އެކަމަކު މިރޭ ވީގޮތުން.... ފުރަތަމަ ވިޝްކުރާ މީހަކަށްވާން ހުރީ.... އެކަމަކު އޮށޯވެލިތަނާ ނިދުނީއޭ... ވިޝްކުރެވުނީ ދެމިނިޓްލަހުން... ވިޝްކުރަން ގުޅިއިރު ހުމޭގެ ފޯނު އެންގޭޖް... އެހެންވެ ގުޅާފަ ވިޝްކޮށްލާފަ ބޭއްވީ... ނުކެރުނު ބުނާކަށް... މާދަމާ ހުމޭ އާއި ދިމާވެލަން މިއުޅެނީ.... " ނާޝިދު ވީގޮތް ކިޔާދިނެވެ.

"އެހެންވިއްޔާ މާދަމާ ތިކަން ކޮޅެއްގެ ޖައްސާތި... މަވެސް ނިދުމުގެ ކުރިން ކިހިނެތްތޯ ކަންތައް ދިޔައީ ބަލާލަންވެގެން މި ގުޅާލީ..." ރާއިދު ފޯނު ބާއްވަމުން ބުނެލިއެވެ.

ނާޝިދު ފޯނު ބޭއްވުމަށްފަހު ފާހާނާއަށް ވަދެ ފެންވަރާލައިގެން ނިދާ ހެދުމަށް ބަދަލުކޮށްލައިގެން އައިސް އެނދުގައި އޮށޯތެވެ. ނަމަވެސް ހުމޭދާގެ ޚިޔާލުތަކުން ނިދޭނެގޮތެއް ނުވެއެވެ. ޚިޔާލުތައް މާގިނަވާން ފެށުމުން ނާޝިދު ގަސްދުކުރީ ފިލްމެއް ބަލާލުމަށެވެ. ތެދުވެގެން ގޮސް ލެޕްޓޮޕް ހިފައިގެން އައިސް ފިލްމެއް އަޅުވާލިއެވެ. ނާޝިދަކީ އަބަދުވެސް ލޯބީގެ ފިލްމުތަކަށް ލޯބިކުރާ މީހަކަށްވާތީ، ޔޫޓިއުބުން ހިންދީ ފިލްމު އާޝިޤީ 2 ސާޗްކޮށްލައިގެން ބަލަން ފެށިއެވެ. ފިލްމު ނިމުނުއިރު ނާޝިދަށްވަނީ ވަރަށް އަސަރުކޮށްފައެވެ. ޚާއްޞަކޮށް ފިލްމުގެ ފަހު މަންޒަރުތަކުން ވަރަށް އަސަރު ކުރުވިއެވެ. ބަނޑުހައި ވެފައިހުރުމާއެކު ބަދިގެއަށްގޮސް ކާއެއްޗެއް ކާލުމަށްޓަކައި ކޮޓަރިން ނިކުމެގެން ގޮސް ފުރިޖް ހުޅުވާލިއެވެ. ދަންވަރުގެ ވަގުތު ކަމުގައިވާތީ، ގޭތެރޭގައި ހޭލާއުޅޭ އެކަކުވެސް ނެތެވެ. ފުރިޖުން ޖޫސްތައްޓެއް އަޅައިގެން ބޯލުމަށްފަހު ނާޝިދު ކޮޓަރިއަށް އައިސް ނިދޭތޯ މަސައްކަތް ކުރިއެވެ.

ނާޝިދު އަނެއްކާވެސް ވިސްނާލިއެވެ. ބާރަޖެހިއިރު ހުމޭދާއަށް އުފަންދުވަހުގެ ތަހުނިޔާ ކިޔަން އެގުޅީ ކާކުބާއެވެ. އަނެއްކާ ހުމޭދާދެކެ ލޯބިވާ އެހެން ކުއްޖަކުވެސް ހުންނަނީބާއެވެ. ހުމޭދާއާމެދު ވިސްނަން އޮއްވާ މަޑުމަޑުން ނާޝިދުގެ ދެލޯމެރެމުން ދިޔައެވެ.

ވިލިނގިލީގެ އިރުމަތީފަރާތު އަތިރިމަތީގައި ނާޝިދު މަޑުކޮށްލައިގެން ހުރީ ހުމޭދާގެ އިންތިޒާރުގައެވެ. ދުވަހަކީ ބަންދު ދުވަހެއް ކަމުގައިވާތީ، މޫދަށް އެރި މަޖާކޮށްލުމަށްޓަކައި ވަރަށް ގިނަ މީހުންނާއި ކުދިން އަތިރިމަތީގައާއި މޫދުގައި ސަރަކާތްގަނެ މަޖާކުރަމުންދެއެވެ. މި މަންޒަރުތައް ބަލަން އެއްވެސް ފޫހިކަމެއްނެތި ވަގުތުތައް ގުނަމުންދިޔަ ނާޝިދު ސިހިގެންދިޔައީ ފަހަތުން މީހަކު އައިސް ނާޝިދުގެ މޫނުގައި އަތް އެޅުމުންނެވެ. ހަމަ އެވަގުތުވެސް އެއީ ހުމޭދާކަން ނާޝިދަށް ފާހަގަ ކުރެވުނީ، އެމީރުވަސްދުވާ ގުޑްގާރލް ސެންޓްގެ މީހުރު ވަހުންނެވެ.

"ތީ ހުމޭ.... ތި ސެންޓް ނާޝިދަކަށް އޮޅުވައެއް ނުލެވޭނެ..." ނާޝިދުގެ މޫނުގައިވާ ހުމޭދާގެ މަޑުމަޑު އަތުގައި އަތްލަމުން ބުނެލިއެވެ.

ހުމޭދާ ނާޝިދުގެ މޫނުން އަތް ނެގުމަށްފަހު ކުރިމައްޗަށް އައިސް ހުޓުނެވެ. ރަތްކުލައިގެ ހެދުމެއްގައި ހުމޭދާ ފެންނަނީ ވަރަށް ފުރިހަމަ ކޮށެވެ. އެވަގުތު ނާޝިދު ހުމޭދާގެ ދެއަތުގައި ހިފަހައްޓާލިއެވެ. ހުމޭދާ ނާޝިދުގެ އަތްފޮޅުވާލުމަށްފަހު، ދުއްވައިގަތެވެ. ނާޝިދުވެސް ހުމޭދާގެ ފަހަތުން ދުއްވައިގަތެވެ. ވަކިހިސާބަކަށް ދެވުނުތަނާ ހުމޭދާ ވަރުބަލިވާން ފެށުމާއެކު ދުވުން މަޑުކޮށްލިއެވެ. ނާޝިދު ދިޔަގޮތަށްގޮސް ހުމޭދާ ނާޝިދުގެ އަތްދަނޑި މައްޗަށް އުފުލާލިއެވެ.

"އައި ލަވް ޔޫ... " ނާޝިދުގެ އަތްދަނޑިމަތީގައި އޮތް ހުމޭދާގެ މޫނަށް ބަލާލުމަށްފަހު ނާޝިދު ބުނެލިއެވެ.

ނާޝިދުގެ މި ޖުމްލައިން ހުމޭދާ ވަރަށްބޮޑަށް ރަކިވިއެވެ. ރަކިވެގެންގޮސް ހުމޭދާގެ މޫނުވަނީ ރަތްވެފައެވެ.

"އަހަރެން ބަހައްޓަބަލަ...." ހުމޭދާ ރަކި ހިނުތުންވުމަކާއެކު ބުނެލިއެވެ.

"ނާޝިދު ބޭނުންވަނީ މުޅި ޢުމުރަށް ހުމޭ ނާޝިދުގެ އަތުތެރޭގައި ބާއްވަން" ނާޝިދު ހީނލާފައި ބުނެލިއެވެ.

މިހެން ބުނުމަށްފަހު، ނާޝިދު، ހުމޭދާ ގޮނޑުދޮށުގެ އެ ހިތްގައިމު ދޮންވެލިގަނޑުމަތީ ބެހެއްޓުމަށްފަހު ހުމޭދާގެ އަތުގާ ހިފާ ގަޔާ ކައިރުކޮށްލިއެވެ.

"އަހަރެން ހުމޭދެކެ ވަރަށް ލޯބިވޭ... ހުމޭ އަހަންނާ ގުޅެން ބޭނުންތަ؟.... ވަރަށް އުފަލުގައި އަހަރެން ހުމޭ ގެންގުޅޭނަން" ހުމޭދާގެ ދަތްދޮޅީގައި ހިފާލަމުން ނާޝިދު ބުނެލިއެވެ.

އެވަގުތު ހިނިތުންވެލުމަށްފަހު ހުމޭދާ ބޯޖަހައިލީ އެކަމަށް އެއްބަސްވުމުގެ ގޮތުންނެވެ. އޭރު ނާޝިދުގެ ބާރުގަދަ ދެއަތްވަނީ ހުމޭދާގެ އުނަގަނޑުގައި އަޅުވާލާފައެވެ. ހުމޭދާ ރަކިވެފައި ހުރިވަރުން މަސައްކަތް ކުރަމުން ދިޔައީ ނާޝިދުގެ އަތް ފޮޅުވާލުމަށްފަހު ދުއްވައި ގަނެވޭތޯއެވެ. ނާޝިދު މަސައްކަތްކުރަމުން ގެންދިޔައީ، ނާޝިދުގެ ފިރިހެންވަންތަ ހަށިގަނޑާ ބޮޑަށް ހުމޭދާ ގާތްކުރެވޭތޯއެވެ. ނާޝިދުގެ މޫނު މަޑުމަޑުން ހުމޭދާގެ މޫނާ ގާތްކުރަމުން ގެންދިޔައެވެ. ހުމޭދާގެ އުނަގަނޑުގައި އަޅުވާލާފައިވާ ނާޝިދުގެ އަތް ފޮޅުވާލުމަށްފަހު ހުމޭދާ ދުއްވައިގަތެވެ. ހުމޭދާގެ ފަހަތުން ނާޝިދުވެސް ދުއްވައިގަތެވެ. އަނެއްކާވެސް ނާޝިދުގޮސް ހުމޭދާގެ ފަހަތުން އުނަގަނޑުގައި ހިފާލިއެވެ. އެވަގުތު މަޑުމަޑު މިޔުޒިކެއްގެ އަޑު ނާޝިދުގެ ކަންފަތަށް އިވިއިވި ހުއްޓެވެ.

"ހުމޭ އަހަރެން ދެކެ ލޯބިވޭތަ.. ؟ ނާޝިދުގެ ހަށިގަނޑާއި ހުމޭދާ ކައިރިކޮށްލަމުން ހުމޭދާގެ ކަންފަތް ދޮށުގައި ނާޝިދު ބުނެލިއެވެ.

އެވަގުތު ކުއްލިއަކަށް އިވުނު އަޑަކާގުޅިގެން ނާޝިދަށް ބަލާލެވުނީ މޫދާ ދިމާއަށެވެ. މޫދުގެ ވަކި ހިސާބަކުން ކޮންމެވެސް ވަރަކަށް ރާޅުބާނީތައް ބޮޑުވަމުން އަންނަތަން ނާޝިދަށް ފެނުނެވެ. އެއީ ވައިމަޑު ވަގުތެއް ކަމުގައިވީނަމަވެސް އަތިމަތީގައި ހުރި ބައެއް ގަސްތަކުގެ ގޮފިތައް އާދަޔާ ޚިލާފަށް ބާރަށް ހެލެމުންދާކަން ނާޝިދަށް ފާހަގަ ކުރެވުނެވެ.

"ހުމޭ... ވިއްސާރަވަނީތަ.... ކުއްލިއަކަށް މޫދުގައި ހާދަ ބާނީތައް ގިނަވެއްޖެއޭ؟" މޫދާ ދިމާއަށް ބަލާލުމަށްފަހު މަޑުމަޑުން ނާޝިދުގެ ގަޔާ ހުމޭދާ ދުރުކޮށްލަމުން ނާޝިދު ބުނެލިއެވެ.

ހުމޭދާ އެވަގުތު މޫދާދިމާއަށް ބަލާލުމަށް އެނބުރިލި ވަގުތު ނާޝިދުގެ ކަންފަތް ކައިރިން ބާރު ވައިރޯޅިއެއް ދިޔަ ކަމުގެ އިޙްސާސް ނާޝިދަށް ކުރެވުމާއި ގުޅިގެން ސިހިފައި ކުއްލިއަކަށް ދެފަރާތް ހޯދާލިއެވެ.


ނުނިމޭ... ވާހަކައިގެ އާ ބައެއް، ތިނެއް ސެޕްޓެމްބަރު ވާ އާދީއްތަ ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް