ރިލްވާން ވަނީ ބޯ ބުރިކޮށް، ކަނޑު ފައްތާފައި: ހެކިވެރިއެއް

ވީނުވީއެއް ނޭނގި ގެއްލިފައިވާ، މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ވަނީ ދޯންޏަކަށް އަރުވައިގެން ކަނޑުމައްޗަށް ގެންގޮސް، ކަރު ބުރިކޮށްލައި، ކަނޑު ފައްތާފައި ކަމަށް، ސިއްރު ހެކިވެރިޔަކު ބުނެފައ...

03 Sep 2019 | 04:55

ވީނުވީއެއް ނޭނގި ގެއްލިފައިވާ، މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ވަނީ ދޯންޏަކަށް އަރުވައިގެން ކަނޑުމައްޗަށް ގެންގޮސް، ކަރު ބުރިކޮށްލައި، ކަނޑު ފައްތާފައި ކަމަށް، ސިއްރު ހެކިވެރިޔަކު ބުނެފައިވާކަމަށް، މަރުތައް ބަލާ ކޮމިޝަނުން އެކުލަވާލި ރިޕޯޓުން ހާމަވެއްޖެއެވެ.

މަރުތައް ބަލާ ކޮމިޝަނުން އާންމުކޮށްފައިވާ ރިޕޯޓުގައިވާ ގޮތުން ހުޅުމާލެއިން ރިލްވާން ރަހީނުކޮށް، ޑިންގީއަކަށް އަރުވައިގެން ވަނީ ގެންގޮސްފައެވެ. އަދި އެއަށްފަހު އޭނާ އެރުވީ އއ. އުކުޅަހު ދޯންޏަކަށެވެ. އެ ދޯނީގެ ވެރިޔަކީ އއ އުކުޅަސް، މާވަޑިއާގެ މުހަންމަދު ރާޝިދު ކަމަށް ވެއެވެ.

"މި ދޯންޏަށް އެރުވުމަށްފަހު ރިލްވާންގެ ކަރު ބުރިކޮށްލީ އެވެ. ބޯ ބުރިކޮށްލުމަށްފަހު، އެ މީހުން ރިލްވާނުގެ ހަށިގަނޑު ކަނޑު ފެއްތީއެވެ." ހެކިވެރިޔާ ބުނެފައިވާ ކަމަށް މަރު ކޮމިޝަނުން އެކުލަވާލި ރިޕޯޓްގައިވެއެވެ.

މަރުތައް ތަހުޤީގުކުރުމަށް ރައީސް އެކުލަވައިލެއްވި ރިޔާސީ ކޮމިޝަނުން އާދީއްތަ ދުވަހު ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައިފައެވެ. އެ ބައްދަލުވުމުގައި އެ ކޮމިޝަންގެ ރައީސް، ހުސްނުއްސުއޫދު ވަނީ ފަހުގެ ތާރީހެއްގެ ރާއްޖޭގައި ހިނގާފައިވާ މަރުތަކާ ގުޅޭގޮތުން މިހާތަނަށް ހޯދިފައިވާ މައުލޫމާތުތައް ހިއްސާކޮށްފައެވެ.

މިނިވަން ނޫހުގެ ނޫސްވެރިޔާ، ރިލްވާން، ވީނުވިއެއް ނޭނގި ގެއްލިފައިވަނީ މީގެ ފަސް އަހަރު ކުރިން އެގޮސްޓް 7، 2014 ގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް