ފިލައިގެން އުޅޭ ފަސް ބިދޭސީއަކު ހޯދައިދިން ފަރާތަކަށް ފައިސާގެ އިނާމެއް !

ފިލައިގެން އުޅޭ ބިދޭސީންތަކެއް ހޯދައިދިން ފަރާތަކަށް ފައިސާގެ އިނާމެއް ދިނުމަށް އައްޑޫ ސިޓީގެ ކޮންސްޓްރަކްޝަން ކުންފުންޏަކުން ނިންމައިފި އެވެ. އައްޑޫގައި ހިންގަމުން އަންނަ ނޫހެއްކަމުގައިވާ އައްޑޫލައިވ...

03 Sep 2017 | 09:35

ފިލައިގެން އުޅޭ ބިދޭސީންތަކެއް ހޯދައިދިން ފަރާތަކަށް ފައިސާގެ އިނާމެއް ދިނުމަށް އައްޑޫ ސިޓީގެ ކޮންސްޓްރަކްޝަން ކުންފުންޏަކުން ނިންމައިފި އެވެ.

އައްޑޫގައި ހިންގަމުން އަންނަ ނޫހެއްކަމުގައިވާ އައްޑޫލައިވަށް ދިން އިންޓަވިއުއެއްގައި އެ ކުންފުނީގެ މީހަކު ބުނެފައިވަނީ އެކި ދުވަސްމަތިން ކުންފުނީގައި މަސައްކަތް ކުރާ ފަސް ބިދޭސީން ފިލާފައިވާ ކަމަށާއި މީގެ ސަބަބުން މަސައްކަތްތަކަށް ވަރަށް ބޮޑަށް ބުރޫ އަރާފައިވާ ކަމަށެވެ.

"ފިލި ބިދޭސީންގެ ފޮޓޯ ވެސް ކުންފުނިން ވަނީ އާންމުކޮށްފަ އެވެ. އެ މީހުންނާ ބެހޭ މައުލޫމާތެއް ލިބިފައިވާ ނަމަ 9807774 އަށް ގުޅައި ހިއްސާ ކުރަން ކުންފުނިން އެދެ އެވެ." އައްޑޫލައިވަށް ދީފައިވާ އިންޓަވިއުއެއްގައި އޭނާ ބުނެފައި ވެ އެވެ.

އޭނާ ބުނެފައިވަނީ މި މައްސަލަ ފުލުހުންނަށް ވެސް ރިޕޯޓްކޮށްފައިވާ ކަމަށާއި ފިލި ބިދޭސީން މިހާރު ތިބީ ހުޅުމާލޭގައި ކަމަށް މައުލޫމާތު ލިބޭ ކަމަށާއި ބިދޭސީންތަކެއް ފިލައިގެން ދިޔައީ އެ މީހުންނަށް ބޮޑު މުސާރަ ދޭނެ ކަމަށް ބުނެ، ގަވައިދާ ހިލާފަށް މަސައްކަތް ކުރުވާ ކުންފުނިތަކެއްގެ ބަހަށް ހެއްލިގެން ކަމަށެވެ.

"އެ މީހުން ހޯދަން އުޅެގެން އަޅުގަނޑުމެން އަތުން މިހާތަނަށް ވެސް ވެސް ވަރަށް ގިނަ ފައިސާތަކެއް ހަރަދުވެއްޖެ. ހުޅުމީދޫގައި އެ މީހުން ތިބި ކަމަށް މައުލޫމާތު ލިބިގެން އެ ރަށް ވެސް ބެލިއްޖެ. އަދި ފުވައްމުލަކުގައި ތިބި ކަމަށް ބުނާތީ އެ ރަށް ވެސް ބެލި ފަހުން މިހާރު މައުލޫމާތު ލިބެނީ ހުޅުމާލޭގައި އެ ފަސް މީހުން މަސައްކަތް ކުރަމުންދާ ކަމަށް،" އައްޑޫލައިވަށް ދިން އިންޓަވިއުގައި ބުނެފައި ވެ އެވެ..

އެ އިންޓަވިއުގައި އޭނާ އިތުރަށް ބުނެފައިވަނީ އެ ކުންފުނިން އެ މީހުންނާ ދޭތެރޭ ކަންތައް ކޮށްދެމުންދިޔައީ ވަރަށް ރަނގަޅަށް ކަމަށެވެ. ދެން ބޭނުން ވަނީ އެ މީހުން ހޯދައި، ރާއްޖޭން ޑިޕޯޓް ކުރެވޭނެ ގޮތެއް ހަދަން ކަމަށެވެ. މީގެ އިތުރުން ބިދޭސީން ލައްވައި ގަވައިދާ ހިލާފަށް މަސައްކަތް ކުރުވާ ކުންފުނިތައް އުޅޭތީ ގަވައިދާއި ގާނޫނާ އެއްގޮތަށް މަސައްކަތް ކުރާ ކުންފުނިތަކަށް ވަރަށް ބޮޑެތި ދަތިތަކާއި ހުރަސްތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށްވެސް އޭނާ ބުނެފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް