މަތީގައިވާ ފޮޓޯއިން އެ ފެންނަނީ ޕާކިސްތާނުގެ ރައްޔިތެއް ކަމުގައިވާ ހަޖް ނޫރް އެވެ. މިއަދު އުމުރަކީ 98 އަހަރެވެ. މި އަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށްގޮސް އެހުރީ މައްކާގަ އެވެ. މިއީ ސައުދީ ގެޒެޓަށް އޭނާ ދީފައިވާ އިންޓަވިއުއެއްގެ ތަރުޖަމާ އެވެ.
ހައްޖަށް އައުމަށް ދެކެމުންދިޔަ ހުވަފެނުގެ ވާހަކަ ސައުދީ ގެޒެޓާއި ހިއްސާ ކުރަމުން އޭނާ ބުނެފައިވެ އެވެ. ހައްޖުގެ އަޅުކަން އަދާކުރެވުނީ އޭނާގެ ފިރިހެން ދަރި 45 އަހަރުވާންދެން މެދުކެނޑުމެއްނެތި ބުރަ މަސައްކަތްކޮށް ރައްކާކުރި ފައިސާއިންނެވެ.
ނޫރު ބުނެފައިވަނީ އުމުރުން 20 އަހަރުގައި ކައިވެނި ކުރިނަމަވެސް ދަރިއަކު ލިބުނީ އުމުރު 60 އާ ގާތްވި ފަހުން ކަމަށެވެ. ދަރި ބޮޑު ބައްޕަ ދެކެމުންދިޔަ ހުވަފެން ދަރިއަށް އެނގުމުން އެ ހުވަފެން ސީދާކޮށްދޭނެކަމަށް ދަރި ވައުދުވި ކަމަށް ނޫރު ބުނެފައި ވެ އެވެ.
"އަހަރެންގެ ހުވަފެން ހަގީގަތަކަށް ހަދައިދިނީ އަހަރެންގެ ފިރިހެން ދަރިފުޅު، އެ ހުރިހާ ދުވަހަކު ބުރަ މަސައްކަތުން އަހަރެންގެ ހުވަފެން ހަގީގަތަކަށް ހަދައިދިނުމަށް ފައިސާ ރައްކާކުރި" ސައުދީ ގެޒެޓަށް ދީފައިވާ އިންޓަވިއުގައި ނޫރު ބުނެފައި ވެ އެވެ.
ލޮލުން ކަރުނަ އޮހޭ ހާލު ސައުދީ ގެޒެޓަށް އިންޓަވިއު ދެމުން ނޫރު ބުނީ އޭނާގެ އަންހެނުން ނިޔާވީ މީގެ ފަސް އަހަރު ކުރިން ކަމަށާއި ހައްޖަށް އައުމަކީ އޭނާގެ އަންހެނުންވެސް ދެކެމުން އައި ހުވަފެނެއް ކަމަށެވެ. ހައްޖުގެ އަޅުކަން ކުރިއަށްގެންދިޔައިރު އޭނާގެ އަންހެނުންނަށްޓަކައި ހުއްޓުމެއްނެތި ދުއާ ކުރި ކަމަށާއި މާތް ﷲގެ ވާގިފުޅާއެކު އިތުރަށް ފައިސާ ލިބިއްޖެނަމަ އަދި ދުނިޔޭގައި ހުރެއްޖެނަމަ އަންހެނުންނަށްޓަކައި ހައްޖުވާނޭ ކަމުގައިވެސް ނޫރް ބުނެފައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް