ސައުދީ ރަސްގެފާނުގެ މެހެމާނުންގެ ގޮތުގައި ކޮންމެ އަހަރަކު ހައްޖުގެ އަޅުކަން އަދާކުރުމަށް، ދައުވަތުދީ ހުރިހާ ހަރަދަކާއެކު ކޮންމެ އަހަރަކު ހައްޖުވެރިން ހައްޖަށް ގެންދަން ފަށާފައިވަނީ 1996 ވަނަ އަހަރު ފަހުދު ރަސްގެފާނުގެ ރަސްކަމުގަ އެވެ.
މި އަހަރާއި ހަމައަށް ސައުދީ ރަސްގެފާނުގެ މެހެމާނުންގެ ގޮތުގައި 83 ގައުމަކުން 42 ހާހަށްވުރެ ގިނަ ހައްޖުވެރިންނަށް ހައްޖު ވުމުގެ ފުރުސަތު ދީފައިވާކަމަށް ސައުދީ އަރަބިއްޔާއިން ވަނީ ހާމަކޮށްފަ އެވެ.
އެގޮތުން މި އަހަރު އެކަނިވެސް ފަސް ހާހަށްވުރެ ގިނަ ހައްޖުވެރިން، ރަސްގެފާނުގެ މެހެމާނުންގެ ގޮތުގައި ހައްޖުވެފައިވާއިރު މި އަހަރު ރަސްގެފާނުގެ މެހެމާނުންގެ ގޮތުގައި ހައްޖުވި ހައްޖުވެރިންގެ ގޮތުގައި ހިމެނެނީ ފަލަސްތީނާއި މިސްރާއި ސޫދާނު އަދި ޤަތަރަށް ނިސްބަތްވާ ހައްޖުވެރިންނެވެ.
ރަސްގެފާނުގެ ދައުވަތަށް ހައްޖަށް ގެންދެވޭ މީހުންގެ އިންތިޒާމްތައް ހަމަޖައްސަމުންގެންދަނީ ސައުދީގެ އިސްލާމިކް މިނިސްޓްރީންނެވެ. ރަސްގެފާނުގެ މެހެމާނުންގެ ގޮތުގައި ގެންދާ ފަރާތްތަކުގެ ހައްޖު ވިސާ އާއި ޓިކެޓާއި ހުރުމާއި ކެއުމާއި ދަތުރުފަތުރުގެ އެންމެހާ ހަރަދުތައް ހަމަޖައްސަނީ ސައުދީންނެވެ.
މި ހައްޖުވެރިންނަށް ލިބޭ އިތުރު އިނާޔަތާއި ހަދިޔާގެ ތެރޭގައި ޒަމްޒަމް ފެނާއި ކަދުރާއި މޯބައިލް ފޯނެއްގެ އިތުރުން ސިމްކާޑެއް ހިމެނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް