އައިއެސް ޖަމާއަތުގެ ލީޑަރު އަބޫ ބަކްރް އަލް ބަގްދާދީ މަރާލެވިފައިވާކަމަށް ރަޝިޔާއިން ބުނި ނަމަވެސް ބަގްދާދީ މަރުވިކަން ގަބޫލުނުކުރާކަމަށް އެމެރިކާ މިލިޓަރީގެ އިސް ކޮމާންޑަރެއް ކަމުގައިވާ ލެފްޓިނެންޓް ޖެނެރަލް ސްޓެފެން ޓައުންސެންޑް ބުނެފި އެވެ.
ސްޓެފެން މިހެން ބުނެފައިވާއިރު ރަޝިޔާއިން ދިން ވައިގެ ހަމަލާއެއްގައި ބަގްދާދީ މަރާލެވިފައިވާކަމަށް މީގެ މަސްތަކެއް ކުރިން ރަޝިޔާއިން ވަނީ ބުނެފަ އެވެ. އެކަންގަބޫލުނުކުރާކަމަށް ސްޓެފެން ބުނެފައިވަނީ މީޑިއާއަށް ދިން އިންޓަވިއުއެއްގަ އެވެ.
ސްޓެފެންގެ އެ ވާހަކަ ބިނާކޮށްފައިވަނީ އެއްވެސް ހެއްކަކާނުލާ ނަމަވެސް އޭނާ ބުނެފައިވަނީ ބަގްދާދީ މަރާލެވިފައިވާކަމުގެ ހެއްކެއްވެސް ދެއްކިފައިނުވާކަމަށެވެ. އަދި ބަގްދާދީ ދުނިޔޭގައި ހުރިކަމުގެ ބައެއް ސިގްނަލްތައް އިންޓެލިޖެންސަށް ލިބެމުން އަންނަ ކަމަށެވެ.
ސްޓެފެންގެ މި ވާހަކަތަކަށް ރައްދުދެމުން ރަޝިޔާގެ އޮފިޝަލަކު ބުނެފައިވަނީ ރަޝިޔާއިން މަހެއްހާދުވަސްކުރިން ސީރިޔާގެ ރާޤާއަށް ދިން ވައިގެ ހަމަލާގައި ބަގްދާދީ މަރުވުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށެވެ.
ސްޓެފެން އިތުރަށް ބުނެފައިވަނީ ސީރިޔާ އަދި އިރާގުގައި އައިއެސްގެ ބާރު ދަށްކުރެވިފައިވާއިރު ބަގްދާދީ ހޯދުމުގެ މަސައްކަތް ކުރެވެމުން އަންނަ ކަމަށާއި ބަގްދާދީ ފެނިއްޖެނަމަ އޭނާ ހައްޔަރުކުރުމުގެ ބަދަލުގައި މަރާލުމުގެ ފުރުސަތު ބޮޑު ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް