އިރާގުގެ ވެރިރަށް ބަގްދާދުގެ އިންޖީނުގެއަކަށް ހަތިޔާރުއެޅި ބަޔަކު ވަދެ ޖާނުންފިދާވުމުގެ ހަމަލާއެއްދީ ހަތް މީހަކު މަރާލައި އެ އިންޖީނުގެ ހުއްޓުމަކަށް ގެނެސްފި އެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި އިރާގުގެ ގަޑިން މިއަދު މެންދަމު 03:00 ހާއިރު އެ ހަމަލާ ދީފައިވަނީ އަތު ބޮމުގެ ހަމަލާތަކެއް ދީގެން އެ އިންޖީނުގެ އެތެރެއަށްވަދެގެންނެވެ. އެ ހަމަލާ ދިނުމުގައި ބައިވެރިވެފައިވަނީ ތިން މީހަކު ކަމަށް އިރާގުގެ ސަލާމަތީ ބާރުތަކުން ބުނެފައި ވެ އެވެ.
ހަމަލާ ދިން ވަގުތު ޑިއުޓީގައިހުރި ރައީދު ޚާލިދު ނަމަކަށްކިޔާ މީހަކު މީޑިއާއަށް މައުލޫމާތުދެމުން ބުނެފައިވަނީ ހަތިޔާރު އެޅި ބަޔަކު އިންޖީނުގެ ތެރެއަށްވަނީ ކުޑަދޮރުތަކުން އަތުބޮން އުކުމަށްފަހުގައި ކަމަށެވެ. އަދި އެ ހަމަލާފައި އޭނާއަށް އެކިވަރުގެ އަނިޔާ ލިބިފައިވާކަމަށް އެ އިންޓަވިއުގައި ބުނެފައި ވެ އެވެ.
އިރާގުގެ ސަލާމަތީ ބާރުތަކުން އެ އިންޖީނުގޭގެ ކޮންޓްރޯލް އަނބުރާ ހޯދާފައިވާއިރު އެ ހަމަލާ ދިނުމުގައި ހަރަކާތްތެރިވި ތިން މީހުންގެ ތެރެއިން ދެމީހަކު މަރާލާފައިވާއިރު އެކަކުވަނީ އޭނާގެ ޖާނު ގޮއްވާލައިގެން އަމިއްލައަށް މަރުވެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް