ރޯހިންޔާ ދަރިކޮޅަށް ދެމުންދާ އަނިޔާތައް ސައުދީން ކުށްވެރިކޮށްފި

މިޔަންމާގައި ރޯހިންޔާގެ ދަރިކޮޅަށް ދެމުން އަންނަ ލާއިންސާނީ ހަމަލާތައް، ސައުދީ އަރަބިއްޔާއިން އދ އަށް ކަނޑައަޅާފައިވާ މިޝަން އިން ކުށްވެރިކޮށްފި އެވެ. މިކަމާއި ބެހޭގޮތުން އެ މިޝަނުން ކޮށްފައިވާ ޓްވީޓެ...

02 Sep 2017 | 23:02

މިޔަންމާގައި ރޯހިންޔާގެ ދަރިކޮޅަށް ދެމުން އަންނަ ލާއިންސާނީ ހަމަލާތައް، ސައުދީ އަރަބިއްޔާއިން އދ އަށް ކަނޑައަޅާފައިވާ މިޝަން އިން ކުށްވެރިކޮށްފި އެވެ.

މިކަމާއި ބެހޭގޮތުން އެ މިޝަނުން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ކިންގްޑަމް އޮފް ސައުދީ އަރަބިއްޔާ އަކީ މުސްލިމް އުއްމަތުގެ ލީޑަރުގެ ގޮތުގައި މަސައްކަތްކުރާއިރު މިޔަންމާގެ މުސްލިމުންނަށް ދެމުން އަންނަ އިންސާނިއްޔަތާއި ހިލާފު ހަމަލާތައް ކުށްވެރިކުރާ ކަމަށެވެ.

މީގެ އިތުރުން ރޯހިންޔާ ދަރިކޮޅަށް ދެމުންދާ ހަމަލާތަކާއި ދެކޮޅަށް އދ ގެ ސެކިއުރިޓީ ކައުންސިލްގައި އަޑު އުފުލުމަށް އެ ކައުންސިލްގެ މެމްބަރު ގައުމުތަކުގެ ކިބައިން އެދެމުން އަންނަ ކަމަށާއި ރޯހިންޔާ ދަރިޮޅަށް ދެމުންދާ އަނިޔާތަކާއި ގުޅިގެން އެކަންކަމުގެ ކަންބޮޑުވުން އދ ގެ ސެކްރެޓަރީ ޖެނެރަލާއި ހިއްސާކޮށްފައިވާނޭ ކަމުގައިވެސް ސައުދީ މިޝަނުން ބުނެފައި ވެ އެވެ.

ސައުދީ މިޝަނުން އިތުރަށް ބުނެފައިވަނީ ރޯހިންޔާ ދަރިކޮޅުގެ މުސްލިމުންނަށް ދިމާވެފައިވާ ހާލަތަށް ހައްލއް ހޯދުމަށް ސައުދީން ކުރަމުން އަންނަ މަސައްކަތް މެދުކެނޑުމެއްނެތި ކުރިއަށްގެންދާނެ ކަމަށެވެ.

ރޯހިންޔާ ދަރިކޮޅަށް ދެމުން އަންނަ އަނިޔާތަކުގައި އެތައް މުސްލިމުންނެއް މަރާފައިވާއިރު ފާއިތުވި ހަފްތާއެއްހާ ދުވަހުގެ ތެރޭގައި މުސްލިމުންނަށް ނިސްބަތްވާ 2600 އަށްވުރެ ގިނަ ގޭގައި އަލިފާން ރޯކޮށް އަންދާލާފައިވާކަމަށް އެގައުމުގެ ސަރުކާރުން ވަނީ ބުނެފަ އެވެ.

މެދުކެނޑުމެއްނެތި ދެމުން އަންނަ ލާއިންސާނީ ހަމަލާތައް ފާއިތުވި މަހެއްހާ ދުވަހުގެތެރޭގައި ހައްދުފަހަނައަޅާފައިވާއިރު ރޯހިންޔާ ދަރިކޮޅުގެ 58 ހާހަށްވުރެ ގިނަ މުސްލިމުން މިޔަންމާ ދޫކޮށް ބަންގްލަދޭޝަށް ހިޖުރަކޮށްފައިވާކަމަށް އދގެ ރެފިއުޖީ އޭޖެންސީ ޔޫއެންއެޗްސީއާރުން ހާމަކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް