''ކަމަކުތަ.........'' ހަމްޒާ އަނެއްފަރާތަށް އެބުރި، ނޫރާއަށް ފުރަގަސްދެމުން އަހާލިއެވެ. ގަޔަށް އެއްޗެއްނުލާ ހުއްޓާ ނޫރާއަށް ފެނުމުން އޭނާ ކަންބޮޑުވީހެން ހީވެއެވެ. ނޫނީ ނޫރާއާ ހަތަރުކަޅި ހަމަކުރަން އޭނާ ބޭނުން ނުވަނީއެވެ.
ނޫރާއަށް ބަލާލެވުނީ ހަމްޒާގެ ބުރަކައްޓަށެވެ. އެއްފަޅީގައި ނޫފާގެންފައިހުރި ތަނެއް ނޫރާގެ ލޮލުގައި އަޅައިގަތެވެ. އެތަނުގެ މެދުގައި ކޮންމެވެސް އެއްޗަކުން ޒަޚަމްވެ، ލޭހިލިފައިވާ ކުޑަކުޑަ ތަންކޮޅެއްވެސް ހުއްޓެވެ. އެއީ ނޫރާ ކޮއްޕާލުމުން ހަމްޒާގެ ބުރަކަށި ފާރުގައި ޖެހުނު ތަނެވެ. ނޫރާ ދެރަވިއެވެ. ހަމްޒާގެ ބުރަކަށީގައި ހުރި ޒަޚަމް ފެނުމާއެކު ނޫރާ އަށް ވީގޮތެއް ޚުދު އޭނާއަކަށް ނޭނގުނެވެ. އަތް ހިއްލާލެވުނީ ބޭއިޚްތިޔާރުގައެވެ.
''ކަމަކުތަ ނޫރާ ތި އައީ........'' ހަމްޒާގެ ބުރަކައްޓާދިމާއަށް ނަޒަރު ހުއްޓާލައިގެން ހުރި ނޫރާގެ ކަންފަތުގައި ހަމްޒާގެ އަޑުޖެހުނެވެ. ހަމްޒާގެ އަޑުގައި ނިދީގެ އެއްވެސް އަސަރެއްނެތެވެ. އެ އަޑުގައި ހުރީ މާޔޫސްކަމާ ހިތްދަތިކަމެވެ.
ހަމްޒާގެ ބުރަކައްޓާ ދިމާއަށް ނޫރާ ދިއްކޮއްލި އަތް ވަގުތުން ތިރިކޮށްލެވުނެވެ. ހަމްޒާ ކުރި ސުވާލު އޭނާއަށް އަޑުއިވިއްޖެއެވެ. އެހެނަސް، އެ ސުވާލަށް ދޭނެ ޖަވާބެއް ނޫރާއަކަށް ނޭގުނެވެ. ދޭނީވެސް ކޮން ޖަވާބެއްހެއްޔެވެ. އޭނާ އެތަނަށް އައީ ކޮންކަމަކު ހެއްޔެވެ. އެއްވެސް ކަމަކު ނޫނެވެ. ނޫނެކެވެ. އޭނާއައީ ހަމްޒާ އަށް ވީގޮތެއް ބަލާށެވެ. އެކަމަކު އެހެން ބުނާކަށް ނޫރާއަކަށް ނުކެރުނެވެ. ނޫރާގެ ދެލޯ އަދިވެސް ހުއްޓިފައިވަނީ ހަމްޒާގެ ބުރަކަށީގައި ހުރި ޒަޚަމަށެވެ. އެ ޒަޚަމުން އޭނާގެ ނަޒަރު ވަކިކޮށެއް ނުލެވުނެވެ.
''ވަރަށް ތަދުވޭތަ؟........''މަޑުމަޑުން ނޫރާއަށް އަހާލެވުނެވެ. އެހެން އަހާލެވުނީތީ ޚުދު އޭނާވެސް ހައިރާންވިއެވެ. އެއީ އޭނާ ހިތާހިތުން އެތައްފަހަރަކު ތަކުރާރު ކުރި ސުވާލެކެވެ. ދުލާ ހަމައަށް އެ ސުވާލު ގެނެވުނީވެސް ނުހަނު ހިތްވަރު ކޮށްގެންނެވެ.
''ކޮންތާކަށް؟.........'' ހަމްޒާ ހަމަ އެހުރިގޮތަށް ހުރެ ޖަވާބު ދިނެވެ. ނޫރާ އެބުނި އެއްޗެއް ހަމްޒާއަށް ހަމަ ނޭނގެނީ ހެއްޔެވެ. ނޫނީ އެނގޭ ކަމަށް ހަދަން ބޭނުން ނުވަނީ ހެއްޔެވެ. ނޫރާ ވިސްނާލިއެވެ.
''ހަމްޒާގެ ބުރަކައްޓަށް........'' އަނެއްކާވެސް ހިތްވަރުކޮށްފައި ނޫރާ ވާހަކަދެއްކިއެވެ. ނުހަނު މަޑުމަޑުންނެވެ.
ހަމްޒާއަށް ދެލޯމަރާލެވުނެވެ. ނޫރާ އޭނާގާތު އެ ސުވާލުކޮއްލުމުން އޭނާގެ ހިތަށް ނުހަނު ފުން އަސަރެއް ކޮށްފިއެވެ. ހަމްޒާ ދޭން ބޭނުންވާ ކިތަންމެ ޖަވާބެއް އެބަހުއްޓެވެ. އެކަމަކު އޭނާއަށް އެއްވެސް އެއްޗެއް ބުނުމުގެ ހައްޤެއް މިހާރު ނެތްކަމަށް ޤަބޫލުކުރެވޭތީ ނޫރާ ކުރި ސުވާލަށް ޖަވާބު ދޭކަށް އޭނާ ބޭނުމެއް ނުވިއެވެ. ރޭގައި ހަމްޒާއާ ނޫރާ ވާހަކަ ދެއްކިގޮތުން އޭނާގެ ހިތަށްވަނީ ނުހަނު ވޭންލިބިފައެވެ. ނޫރާއަށް އެކަން ނޭނގުނަސްމެއެވެ.
ހަމްޒާގެ ޖަވާބެއް ނުލިބުމުން ނޫރާ ކަންބޮޑުވާގޮތްވިއެވެ. ހަމްޒާގެ ރާގާ ޢަމަލުތައް މިއަދު ހުރިގޮތުން ނޫރާ ދެކެ ހަމްޒާ ފޫހިވެފައި ނުވަތަ ހިތްހަމަ ނުޖެހިފައި ހުރިހެން ނޫރާއަށް ހީވަނީއެވެ. އެކަން ހަމަރަނގަޅަށް އިހްސާސްވެސް ވިއެވެ. ހަމްޒާ ނޫރާއާ ދިމާއަށް ބަލާލާނެކަމަށް ކުރެވުނު ހީވެސް ވީ ކުށްހީއަކަށެވެ. އެހެންކަމުން ނޫރާ އިންތިހާއަށް މާޔޫސްވާގޮތް ވިއެވެ. އިސްޖަހާލެވުނެވެ. ދެން ކުރަންވީ ކަމެއް ދައްކަންވީ އެއްވެސް ވާހަކައެއް އޭނާގެ ސިނކުޑިއަކަށް ނައެވެ.
ހަމަހިމޭން ކަމާއެކު ވަގުތުތައް ފާއިތުވަމުން ދިޔައެވެ. އެކަކުވެސް ވާހަކައެއް ނުދައްކައެވެ. އެ ފުން ހަމަހިމޭން ކަމުގެ ސަބަބުން ނޫރާއަށް އިންތިހާއަށް އުނދަގޫވަމުން ދިޔައެވެ. ހިތް ނުތަނަވަސްވަމުން ދިޔަވަރަކަށް އުދާސްކަން މޫނުމައްޗަށް ވެރިވަމުން ދިޔައެވެ. އެނބުރި ދާންވެސް އެތައް ފަހަރަކު އޭނާ ހިތަށް އަރައިފިއެވެ. އެހެނަސް ހަމްޒާ ހަމަ އެހުރިގޮތަށް ހުރުމުން ނޫރާއަށް އެނބުރި ދާކަށްވެސް ނުކެރުނެވެ.
''ވަރަށް ތަދުވޭދޯ ބުރަކައްޓަށް.........'' ކެތް ނުވެގެން ނޫރާ އަނެއްކާވެސް ކުރިން ބުނި ޖުމުލަ ތަކުރާރު ކޮއްލިއެވެ.
''ނުވޭ.........'' ވަގުތުން ހަމްޒާ ޖަވާބު ދިނެވެ. އެހެނަސް އޭނާ ދިނީ ނޫރާ ހީކުރިފަދަ ޖަވާބެއް ނޫނެވެ. ހަމްޒާގެ ޖަވާބު ނިކަން ކުރެވެ.
''ދޮގު.......'' ނޫރާއަށް ބުނެވުނީ ބޭއިޚްތިޔާރުގައެވެ. އެވަގުތު ހަމްޒާ އެނބުރިލިއެވެ. އަދި ނޫރާއާ ނުހަނު ގާތަށް ޖެހިލިއެވެ. ހަމްޒާގެ މޫނަށް ނޫރާއަށް ނަޒަރު ހުއްޓާލެވުނެވެ. އޭރު ހަމްޒާގެ ދެލޮލުން ފާއްދާލާފައިހުރި ކަރުނަ ނޫރާއަށް ފެނުނެވެ. ނޫރާގެ ހިތް ކުދިކުދިވިކަހަލައެވެ. އެ ދެލޮލުން ކަރުނަ ފެނުނު މިއީ ފުރަތަމަ ފަހަރެވެ.
''އަހަރެންމީ ދޮގު ހަދާ މީހެއްނޫން.........'' ނޫރާގެ މޫނުން ނަޒަރު ވަކިކޮއްލަމުން ހަމްޒާ ކުރިއަށް ޖެހިލިއެވެ.
''ނޫރާއަށް ތި ފެނުނީ އަހަރެންގެ ބުރަކަށީގަ ހުރި ކުޑަކުޑަ ޒަޚަމެއްނު....... އެޔަށްވުރެ މާ ފުން އެތަކެއް ޒަޚަމެއް އަހަރެންގެ ހިތުގައި އެބަހުރި....... އެ ޒަޚަމްތަކުން އޮހޮރޭ ލެޔާ އަޅާ ވޭން އެނގޭނީ އަހަންނަށް އެކަނި....... ސަބަބަކީ އެ ޒަޚަމްތައް އެހެން އެއްވެސް މީހަކަށް ނުފެންނާތީ....... ކޮންމެ ދުވަހަކު އެތައް ފަހަރަކު އެ ޒަޚަމްތަކުން ލޭ ހިލޭ...... އެތައް ރިހުމަކާއި ވޭނެއް އެ ޒަޚަމްތަކުގައި އަޅާ........އެކަމަކު އެ ހުރިހާ ވޭނެއް ތަހައްމަލު ކުރަމުން މިދަނީ އަހަރެން އެކަނި މާއެކަނި.......... އެހެން އެއްވެސް މީހަކަށް އެ ޒަޚަމްތައް ނުފެންނަހާލު ބޭރުފުށުން ހިނިތުންވުން ދައްކައިގެން........ ހިތުގައި ހިލަ ބަނދެގެން އަހަރެން ދިރިއުޅެމުންމިދަނީ........... އަދިވެސް...........'' ހަމްޒާއަށް ވާހަކަ ކުރިއަށް ނުގެންދެވިގެން ހުއްޓާލިއެވެ. އޭނާ ހުރީ ދުރުބަލަހައްޓައިގެންނެވެ. ނޫރާގެ މޫނަށް ބަލަންހުރެ ވާހަކަދެއްކުން ފަސޭހަ ނުވާނެތީހެން ހީވެއެވެ.
ހަމްޒާގެ އަޑުގައި ވަނީ އިންތިހާވޭނާ ހިތްދަތިކަމެވެ. ލޮލުގެ އެސްފިޔަތައް ތެންމަމުން އޮހޮރުނު ކަރުނަތިކި އޭނާގެ ތުނިކޮށް ކޮށާފައިވާ ތުނބުޅީގެ ތެރެއަށް ފޭދިގެން ދިޔަތަން ހަމަ ރަނގަޅަށް ނޫރާއަށް ފެނުނެވެ. ހަމްޒާގެ އަރުތެރެ ވަނީ ކިފައެވެ. ކޮށްފައިވާ އަސަރާ ލޯބީގެ ޖަޒުބާތުގެ ސަބަބުން އޭނާގެ އިހްސާސްތަކަށް އަމިއްލަ ބާރު ފޯރުވުން އުނދަގޫ ވެއްޖެއެވެ.
''ނޫރާ ހީކުރީ އެހެންމީހުން ފަދައިން އަހަރެންވެސް މީ ދޮގު ހަދާ މީހެއްކަމަށްތަ؟ .......... ނޫރާއާ ދިމާއަށް އަހަރެން އެއްވެސް އެއްޗެއް ބުނާކަށް ބޭނުމެއް ނޫން.........މިވަރަށްވެސް އެއްޗެއް ބުނާކަށް ބޭނުމެއްނޫން.......... އަދިވެސް.......... ދެންވެސް ........... އަދި ފަހުންވެސް........ އެއީ އަދިވެސް ........'' ހަމްޒާއަކަށް ވާހަކައެއް ނުދެއްކުނެވެ. އޭނާއަށް ހަމަ ރަނގަޅަށްވެސް ރޮވިއްޖެއެވެ. ނުރޯން މަސައްކަތް ކުރަމުން ދިޔަ ނަމަވެސް އޭނާދެލޯ ފުރިގެން ބަންޑުންވެއްޖެއެވެ.
''ސޮރީ........އަހަންނަށް ނޫރާ ދެރަވާވަރު ކަމެއް ކުރެވިފަ އޮތިއްޔާ........'' ނޫރާއަށް ފުރަގަސްދެމުން ހަމްޒާ ބުނެލިއެވެ. އެ އަޑުގައި ހުރި ޖަޒުބާތު ނޫރާއަށް ފާހަގަކުރެވުނެވެ. އަސަރު އިހްސާސް ކުރެވުނެވެ. ހިލައިގެ ބުދެއް ފަދައިން ހުއްޓިގެން ހުރި ނޫރާގެ ހިތް ފޮތިފޮތި ވެއްޖެއެވެ. ހަމްޒާގެ ބަސްތައް ތީރު ތަކެއްފަދައިން އެ ހިތަށް ހަމަލާދީފިއެވެ. ނަތީޖާއެއްގެ ގޮތުން އެ ރީތި އެސްފިޔަތަށް ކަރުނައިން ތެމިއްޖެއެވެ. ހަމްޒާ ރޯތަން ފެނުމުން ނޫރާގެ ހިތަށް އިންތިހާއަށް ތަދުވެއްޖެއެވެ. ކެތްކުރަން ދަތިވާ ވަރަށެވެ. އެ ހިތުގައި ހަމްޒާއަށްޓަކައި އުފެދިފައިވާ ލޯބި ބަޔާން ނުކުރެވުނަސް އެ ލޯބީގައި އަދިވެސް ދިރުން އެބަހުއްޓެވެ. އެއީ ނޫރާއަށް ހީވާހީވުމެއް ނޫނެވެ. ސިއްރު ކުރެވިފައިވާ ހަޤީގަތެކެވެ.
''ނޫރާ ކީއްވެ އަހަންނަށް މި އަނިޔާ ދިނީ؟........ އަހަރެންގެ ކުށަކީ ކޮބާ؟..........'' ހަމްޒާ ދެލޯ ފޮހެލަމުން ވާހަކަދެއްކޭތޯ އެނެއްކާވެސް މަސައްކަތް ކުރިއެވެ. އޭނާ ހުރީ ހަމަ ރަނގަޅަށްވެސް ޖަޒުބާތުގައި ޖެހިފައެވެ. އެ ޖަޒުބާތުގެ މައްޗަށް ބާރު ފޯރުވޭވަރަށްވުރެ އޭނާ ވަނީ ބަލިކަށިވެފައެފައެވެ. ވާނީވެސް އެހެންތާއެވެ. އެތައް ދުވަހަކު ސިކުނޑީގައި ބޮޑިވަމުން ދިޔަ އުދާސްތައް ނޫރާގެ ކުރިމައްޗަށް ބަންޑުން ކޮއްލަން ފުރުސަތު ލިބުނީއެވެ. ހަމްޒާ ކުރިމައްޗަށް ނޫރާ އައިހިނދު، ގަދަކަމުން ހިތުގައި އޮބަހައްޓަމުންދިޔަ އިހްސާސްތައް މިއަދު ހަމްޒާގެ މައްޗަށް ގަދަވެގެންފިއެވެ.
"އަހަރެން........ގެ ކުށަކީ ނޫރާދެކެ އިންތިހާއަށް ލޯބިވުންތަ؟..........'' ހިތަށް ކޮއްފައިވާ އަސަރާއެކު ހަމްޒާ ވާހަކަ ދެއްކިއެވެ. އެ އަޑުގައި އެކުލެވިފައިވާ ވޭން ކިތަންމެ ރަނގަޅަކަށްވެސް ނޫރާގެ ހިތަށް އަސަރު ކުރުވައިފިއެވެ.
ހަމްޒާ އަދިވެސް ނޫރާ ދެކެ ކިހާ ލޯބި ވޭހެއްޔެވެ. ނޫރާގެ ހިތާހިތުން ސުވާލުކޮއްލިއެވެ. އެ ލޯތްބަކީ ސުވާލެއް އުފެދޭވަރަށްވުރެ މާ ތެދުވެރި ލޯތްބެކެވެ. ލޮލަށް ޖަމާވި ކަރުނަތިކި ވެއްޓުނަ ނުދޭން ނޫރާ އެތައް މަސައްކަތެއް ކުރިއެވެ. އެހެނަސް، ކަރުނަތިކި އޭނާގެ ރީތި ދެލޯ ދޫކޮށް ކޯތާފަތް މައްޗަށް ވެއްޓިއްޖެއެވެ. ހަމްޒާ ފުރަގަސް ދީގެން ނެތްނަމަ އެމަންޒަރު ހަމްޒާއަށް ފެނުނީހެވެ.
ހަމްޒާ ކުރިއަށް ފިޔަވަޅެއް އެޅިއެވެ. ކޮޓަރީގެ ބޮކި ދިއްލާލަމުން ކޮޓަރި ތެރެއަށް އޭނާ ވަނެވެ. އެނދުގެ އެއްކޮޅުގައި ގުޅައަކަށް އޮތް ޓީޝާޓެއް އޭނާ ނެގިއެވެ. ޓީޝާޓު ގަޔަށް ވައްޓާލުމަށްފަހު ޓީޝާޓުގެ އަތްކުރިން ދެލޯ ފޮހެލިއެވެ. އެސްފިޔަތައް ތަޅުވާލަމުން ފުން ނޭވާއެއް ބޭރުކޮއްލިއެވެ. އަމިއްލަ ނަފުސު ހަމަޔަކަށް އަޅުވަން މަސައްކަތް ކުރަމުން އޭނާ އެނބުރިލިއެވެ. އަދި މަޑުމަޑުން ނޫރާއާ ދިމާއަށް އައިސް ސީދާ ނޫރާގެ ކުރިމަތީގައި ހުއްޓުނެވެ. ނޫރާއާ ނުހަނު ގާތުގައެވެ. ހަމްޒާގެ ހޫނު ނޭވާ ނޫރާގެ މޫނަށް އެޅޭހާ ގާތުގައެވެ. ހަމްޒާގެ ޓީޝާޓުން ދުވި މީރުވަސް ނޫރާގެ ނޭފަތުގައި ޖެހުމާއެކު ހިއްސުތަކާ ކުޅެލައިފިކަން ޔަގީނެވެ. އެހާ ގާތުގައި ހަމްޒާ ހުއްޓުމުން ނޫރާއަށް ހީވީ ދުނިޔެ އެނބުރިގަތް ހެނެވެ. އޭނާ މުޅިން އަވަދިވާވަރުވެއްޖެއެވެ. އެހެނަސް އަތެއްފަޔަކަށް ހަމަ ހަރަކާތެއްވެސް ނުނެގެސް އޭނާ އެބަހުއްޓެވެ. ހިތް ތެޅޭވަރުން ހީވަނީ ހިތް ހުއްޓިދާނެހެއްނެވެ.
''ނޫރާ.......'' ހަމްޒާ ނުހަނު ލޯބިން ގޮވާލިއެވެ. އެ ހިތްގައިމު ފިރިހެންވަންތަ އަޑުގެ ޖާދޫގައި ނޫރާގެ ހަށިގަނޑު ތުރުތުރު އަޅާލިއެވެ. ރާޅު ބާންޏެއް އެ ހަށިގަނޑުގެ އެއްކޮޅުން އަނެއްކޮޅަށް ދުވެލައިފިއެވެ.
''އަހަރެންގެ އެއްވެސް ސުވާލަކަށް ނޫރާ ޖަވާބެއް ނުދެމެންނު؟..........'' ހަމްޒާ މިފަހަރު ވާހަކަދެއްކީ އާދައިގެ ރާގެއްގައެވެ. ނޫރާގެ މޫނަށް ބަލާލަމުން އޭނާ ނޭފަތް ދަމާލިއެވެ. ރުއިމުގެ ސަބުން އޭނާގެ ދެލޯ ހުރީ ރަތްވެފައެވެ. އެހެނަސް އެ ދެލޯ ހާދަހާ ހިތްގައިމެވެ. ނޫރާ އެ ދެލޮލަށް ބަލާލެވުނީ ބޭއިޚްތިޔާރުގައެވެ.
''ސޮރީ.......'' ތެޅެމުން ދިޔަ ހިތުގެ ވިންދު ހަމަޔަކަށް އަޅުވަން މަސައްކަތް ކުރަމުން ނޫރާއަށް ބުނެވުނީ އެންމެ ލަފުޒެކެވެ. ހަމްޒާ އެހާ ގާތުގައި ހުރުމުން ނޫރާއަށް ކުރެވެމުން ދިޔައީ މުޅިން ތަފާތު އިހްސާސެއްކަމުން ވާހަކަ ދެއްކުން އޭނާއަކަށް ފަސޭހައެއް ނުވިއެވެ.
''ތީ ޖަވާބެއް ނޫން ނޫރާ.............'' ހަމްޒާ ނޫރާގެ މޫނަށް ބަލާލަމުން ބުނެލިއެވެ. ނޫރާގެ ހިތް ހީވަނީ މޭފަޅާލާފައި ބޭރަށް ނުކުމެދާނެހެންނެވެ. ކަންބޮޑުވުމުގެ ސަބަބުން އޭނާގެ ދެފައިން ވަރުދޫވާހެންވެސް އެބަހީއެވެ. އަތްފައި ފިނިވެއްޖެއެވެ. ބޮލަށް އެނބުރުން އަރާހެން ހީވަނީއެވެ.
''އަހަންނަކަށް ނޭނގެ........'' އިސްއުފުލާލަމުން ހަމްޒާގެ މޫނަށް ނޫރާއަށް ބަލާލެވުނެވެ. އެ ދެލޮލުގައި ވާ އަސަރުތައް ނޫރާގެ ޖިސްމުގައި ވަރުގަދަ ތޫފާނެއް އުފައްދައިފިއެވެ. އެއީ ހަމަ އެ ދެލޮލެވެ. އެ އަސަރުގަދަ ބެލުމެވެ. އެ ހިތްގައިމުކަމެވެ. އެއްވެސް ތަފާތެއް ނެތެވެ. އެ ދެލޮލުން ނޫރާއަށް މިއަދުވެސް ފެންނަނީ ކުރިންވެސް ނޫރާއަށް ފެނުނު އަސަރުތަކެވެ. އެ ލޯތްބެވެ.
''ނޫރާއަށް ހުރިހާކަމެއްވެސް އެނގޭނެ.......... މިއަދު އަހަރެން ކުރި ސުވާލުތަކަށް ކޮންމެވެސް ޖަވާބެއް ބޭނުން........ އެތައް ދުވަހެއް، އެތައް ރެޔެއް ވޭނާ ކެކުޅުމުގައި އެއްވެސް ޝަކުވާއެއް ނެތި އަހަރެން ހޭދަކޮށްފީން......އެކަމަކު ދެން............'' ހަމްޒާގެ ރީތި އަޑު ނޫރާގެ ހިތުގައި ތޫފާނެއް އުފަންކުރުވައިފިއެވެ.
ހަމްޒާ ކުރި ކޮންމެ ސުވާލެއްގެ ޖަވާބު ދޭން ނޫރާ ބޭނުމެވެ. އެހެނަސް އެއީ ކިހިނެތް ވާނެ ކަމެއްހެއްޔެވެ. އެހާ ހިތްވަރެއް ނޫރާގެ ކިބަޔަކު ނެތެވެ. އެކަން ހަމްޒާއަށް ނޭނގެނީ ކީއްވެބާއެވެ. ނޫރާ ހިންދިރުވާލީ ގަދަކަމުންނެވެ.
ކުއްލިއަކަށް ހަމްޒާ ކޮއްލި އަވަސް ހަރަކާތަކާއެކު ނޫރާގެ އަތުގައި ހިފަހައްޓައިފިއެވެ. ނުހަނު ބާރަށެވެ. ގުޑުމެއްވެސް އަރުވާނުލެވޭހާ ބާރަށެވެ. އެފަދަ ކަމެއް ހަމްޒާ ކޮށްފާނެ ކަމަކަށް ނޫރާ ހިޔެއް ނުކުރެއެވެ.
''ހަމްޒާ.........'' ނޫރާއަށް ބުނެވުނެވެ. ހަމްޒާގެ އަތުތެރެއިން އަތް ދަމައިގަންނަން ނޫރާ މަސައްކަތް ކުރިއެވެ. އެކަމަކު ހަމްޒާ ހިފަހައްޓާފައިވާލެއް ބާރުކަމުން ހަމަ އެންމެ ހަރަކާތެއްވެސް އެ އަތަށް ނުގެނެވުނެވެ.
''އަހަރެން ދާންވެއްޖެ.........'' ނޫރާ އިސްޖަހާލިއެވެ. ވަގުތުން ހަމްޒާ ނޫރާގެ އަތުން ދޫކޮއްލިއެވެ.
''އާނ ........ އަވަހަށް ދޭ........މިފަހަރުދެން އަހަރެން ނޫރާއެއް ނުހުއްޓުވާނަން............ ދެން މިއަދަށް ފަހު......... ނޫރާއަކަށް އަހަރެން ނުފެންނާނެ....... މީ ނޫރާއަށް އަހަރެން ފެންނާނެ އެންމެ ފަހު ދުވަސްކަމަށް ހީކޮށްލާ.......... އަދި އަހަރެންވެސް ނޫރާ ހޯދާކަށްދެން މަސައްކަތެއް ނުކުރާނަން.........'' ހަމްޒާ އެނބުރި ނޫރާއަށް ފުރަގަސް ދިނެވެ. މާޔޫސްކަމާއެކުގައެވެ.
ނުނިމޭ... ވާހަކައިގެ އާ ބައެއް، އަށެއް ޖުލައި، އަންގާރަ ދުވަހު ގެނެސްދެވޭނެ، އިންތިޒާރުކޮށްލައްވާ...
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް