''އާހް.........'' ދަންވަރުގެ ހަމަހިމޭންކަމުގެ ތެރެއިން، ނޫރާގެ އަނގައިން ބޭރުވީ އާހްގެ އަޑު ހަމްޒާގެ ކަންފަތާ ހަމައަށް ސާފުކޮށް ފޯރައިފިއެވެ. ހަމްޒާގެ ހަށިގަނޑުގައިވާ ލޯލިތައް ކޮޅަށް ޖެހުނެވެ. ހިތަށް ލިބުނު ކުއްލި ސިހުމުގައި ހަމްޒާއަށް އިންތަނުން ތެދުވެވުނީ ބޭއިޚްތިޔާރުގައެވެ. ބަދިގެއާ ދިމާއަށް ހަމްޒާއަށް ދުއްވައިގަނެވުނެވެ. ބަދިގޭ ދޮރު ހުޅުވާލާފައި އޭނާ އެތެރެ ބަލާލިއެވެ. އޭރު ނޫރާ އެއްއަތުން އަނެއް އަތުގައި ހިފަހައްޓައިގެން ހުރެ އަތްތިލަ ތަޅުވަމުން ދިޔައެވެ. ދެލޯ މަރާލައިގެން ހުރި އިރު އެ މޫނުމަތިން ތަދާއި ވޭން ނިކަން ރަނގަޅަށް ފެންނަން ހުއްޓެވެ.
ނޫރާގެ މޫނުމަތީން ތަދާއި ވޭން ފެނުނުހިދު ހަމްޒާއަށް ތެޅިގަނެވުނެވެ. އަވަސް ފިޔަވަޅުތަކެއް އަޅަމުންގޮސް ހަމްޒާއަށް ހުއްޓެވުނީ ނޫރާގެ ނުހަނުގާތުގައެވެ. އޭރުވެސް ނޫރާ ހުރީ ވީތަދާ ނަގާދިލައިގެ ސަބަބުން ލޯ މަރާލައިގެންނެވެ. އެ ތަދަށް ކެތްތެރިވުމަށް އޭނާ މަސައްކަތް ކުރަމުންދަނީއެވެ.
''ނޫރާ....... '' ނޫރާގެ އަތުގައި ހަމްޒާއަށް ހިފަހައްޓާލެވުނީ ބޭއިޚްތިޔާރުގައެވެ. ނޫރާ އެތެރެއަށްލީ ނޭވާ ބޭރަށް ދޫކޮށްނުލާ އެތެރޭގައި ހިފެހެއްޓިއްޖެއެވެ. ދެލޯ ހުޅުވާލެވުނެވެ. ހަމްޒާގެ އަތުން ހިފަހައްޓާލާފައިވާ އޭނާގެ އަތްތިލަ މަޑުމަޑުން ތުރުތުރު އަޅަމުން ދިޔައެވެ. ހަމްޒާގެ މޫނަށް ނޫރާ ނަޒަރު ހުއްޓާލީ އޭނާ އެގޮތް ބޭނުންވެގެނެއް ނޫނެވެ. ދެމީހުން އެކަކު އަނެކަކުގެ މޫނަށް ބަލާލެވުނީ ލިބުނު ހައިރާންކަމުގައެވެ. ހަތަރުކަޅި ބައްދަލުވެއްޖެއެވެ. އެއް އިރެއްގައި އެއްވިންދެއް ޖަހަމުންދިޔަ ދެހިތަކަށް ނުހަނު ތަފާތު އަސަރުތަކެއް ކުރުވައިފިއިކަން ޔަޤީނެވެ. ހިނދުކޮޅަކަށް ނަމަވެސް ވަށައިގެން ވާ ހުރިހާ އެއްޗަކާ ކަމެއް ދެޒުވާނުން ހަނދާން ނެތުނެވެ. އެހެންނަމަވެސް އެއީ ހަމަ ދާދިކުޑަ ހިނދުކޮޅަކަށެވެ.
''ހަމްޒާ........ . '' ނޫރާގެ ދެއަތަށް ލެވުނުހާބާރެއްލާފައި ހަމްޒާގެ މޭގައި ދެއަތް އަޅާ ދުރަށް ކޮއްޕާލިއެވެ. ހަމްޒާ ހުރީ އެފަދަ ކަމަކަށް ވިސްނައިގެނެއް ނޫނެވެ. އެހެންކަމުން އޭނާ ގޮސް ޖެހުނީ ކައިރީގައި ހުރި ފާރުގައެވެ. ނިކަން ބާރަށެވެ. ޖެހުނު އަޑު އިވޭހާ ބާރަށް އޭނާގެ ބުރަކަށި ފާރުގައި ޖެހިއްޖެއެވެ. ވީތަދާ ލިބުނު ސިހުމުގައި ހަމްޒާ ހަމަހިމޭންވިއެވެ.
''ހަމްޒާ ނުޖެހޭނެ އަހަރެން ގައިގައި އަތްލާކަށް ...............'' ނޫރާއަށް ބުނެވުނީ އެވަރަށެވެ. ރޮވިއްޖެއެވެ. އަމިއްލަ ދުލުން އެހާ ރުޅިވެރިކަމާއެކު އެބަސްތައް ބޭރުކޮއްލެވުނީތީ ޚުދު ނޫރާ ހައިރާންވިއެވެ.
''ސޮރީ............'' ހަމްޒާ މަޑުމަޑުން ބުންޏެވެ. އޭނާ އެތަނުން ނުކުމެގެން ހިނގައްޖެއެވެ. އެހެނަސް އެ އަޑުގައި އެކުލެވިފައިވާ ޖަޒުބާތު ނޫރާގެ ޒަމީރު ހޭލައްވާލައިފިއެވެ. އޭނާއަށް ހަމަވިސްނުން ލިބިއްޖެއެވެ.
ނޫރާއަށް ކުރެވުނު ކަންތައް ރޭކާލީ ހަމްޒާ އެތަނުންދިޔަތާ މާ ފަހުންނެވެ. ކުއްލިއަކަށް ހަމްޒާ އެހާ ގާތުން ފެނި، ހަމްޒާގެ އަތް ނޫރާގެ އަތުގައި ބީހުނު ވަގުތު ނޫރާއަށް ވީގޮތެއް ޚުދު އޭނާއަކަށް ނޭނގުނެވެ. ހަމްޒާ ކޮއްޕާލެވުނީ ވެސް ގަސްދުގައެއް ނޫނެވެ. ނޫރާގެ ހިތަށް ތަދުވެއްޖެއެވެ. އަތްތިލައިން ނަގަމުންދިޔަ ދިލައަށްވުރެ ހަމްޒާއާ ދޭތެރޭގައި ކަންތައް ކުރެވުނު ގޮތުން ހިތަށްވީތަދާ އުނދަގޫ މާ ބޮޑުވެއްޖެއެވެ.
އަލުން ފެން ހޫނުކޮށް ބުއްފުޅި ތައްޔާރުކޮއްލުމަށްފަހު ނޫރާ ކޮޓަރިތެރެއަށް ވަނެވެ.
ކޮޓަރިއަށް ވަންނަން ދަމުން ސިޓިން ރޫމުތެރެ އޭނާ ބަލާލިއެވެ. ހަމްޒާ ކޮބައިތޯ ހޯދާލެވުނެވެ. ހަމްޒާ ފެންނާކަށް ނެތެވެ. ހަމްޒާ ގެންގުޅު ކަރުދާސްތައް ހަމަ ހުރިގޮތަށް އެބަހުއްޓެވެ. ލެޕްޓޮޕްވެސް ހަމަ އެހުރިތަނުގައި އެބަހުއްޓެވެ. ނޫރާ ދެރަވިއެވެ. ހަމްޒާ ފާރުގައި ޖެހުނީ ނުހަނު ބާރަށްކަން ނޫރާއަށް އެނގެއެވެ. ވީއިރު ހަމްޒާއަށް ވަރަށް ތަދުވާނެތާއެވެ. މިހެން ހިތަށް އެރުމާއެކު ނޫރާއަށް ކުރެވުނު ކަންތަކާ ލަދުގަނެ އަމިއްލަ ނަފުސު ދެކެ ރުޅިއާދެވުނެވެ.
ހުމައިރާއަށް ބުއްފުޅިދިނުމަށްފަހު ބޭސްދިނުމަށްފަހު އެނދުގައި ބާއްވާލިއެވެ. އެވަގުތު ކޮޓަރީގެ ދޮރުގައި މީހަކު ޓަކި ޖަހާލިއަޑު އިވުނެވެ. ނޫރާގެ ހިތް ތެޅިގަތެވެ. ސަބަބު ނޭނގޭ ކޮންމެވެސް އިހްސާސަކުން އޭނާ ފިނިވާގޮތް ވެއްޖެއެވެ.
''ނޫރާ........'' އިވުނީ ހުމޭޒާގެ އަޑެވެ. މިހާ ދަން ގަޑިއެއްގައި ހުމޭޒާ ގޮވާއަޑު އިވުމުން ނޫރާ އަދި ވަކިން ކަންބޮޑުވިއެވެ. ނޫރާ އަވަސް އަވަހަށް ދޮރު ހުޅުވާލިއެވެ.
''އަން....... މި އުނގުޅާލާ........ ވަރަށް އަވަހަށް ދިލަ މަޑުވާނެ........'' ހުމޭޒާ ދިއްކޮއްލީ ކުޑަކުޑަ ބޭސްފުޅިއެކެވެ. ވީގޮތް ދެނެގަންނާކަށް ނޫރާއަކަށް އުނދަގުލެއް ނުވިއެވެ. ނޫރާ ބޭސްފުޅީގައި ހިފުމުން ހުމޭޒާ ދިޔައީއެވެ. އިތުރު އެއްވެސް އެއްޗެކޭ ހުމޭޒާ ނުބުނެއެވެ. އެއްވެސް ސުވާލެއްވެސް އޭނާ ނުކުރެއެވެ.
''ހުމޭވެސް ހިތްހަމަނުޖެހުނީކަން ނޭނގެ......... ހަމްޒާ ހުރިހާ ވާހަކައެއް ކިޔާދިނީކަން ނޭނގެ......... '' ނޫރާ އެނދުގައި އިށީނދެ އިސްޖަހާލިއެވެ. އަތުގައި ބޭސް އުނގުޅަމުން ދިޔައިރު އޭނާއަށް ހަމްޒާގެ ރަނގަޅުކަމާމެދު ވިސްނާލެވުނެވެ. ހަމްޒާއާ ދޭތެރޭ ނޫރާއަށް އެހާ ގޯސްކޮށް ކަންތައް ކުރެވުމުންވެސް، މިވަގުތުވެސް ހަމްޒާއަށް މުހިއްމުވީ ނޫރާގެ ކަންތަކެވެ. ނޫރާގެ އަތުގައި އަޅާ ވޭނަށް ލުޔެއް ހޯދާދިނުމެވެ.
އެނދުގައި އޮށޯވެ ލޯމަރާލިޔަސް އޭނާގެ ލޮލަކަށް ނިންޖެއް ނައެވެ. ހިނގާދިޔަ ކަންތައް ތަކުރާރުކޮށް އޭނާއަށް ސިފަވަމުން ދިޔައެވެ. ހަމްޒާގެ މޫނާ އެ އަސަރުގަދަ ރީތި ދެލޯ ނޫރާގެ ހިތުގައި ވަޅުޖެހިފައިވާ އެތައް އިހްސާސަކާ ޝުއޫރެއް ހޭލައްވާލައިފިއެވެ. ވިސްނަން ބޭނުން ނޫނަސް ހަމްޒާއާ ދޭތެރޭ ވިސްނުނެވެ. ހަނދާން ކުރަން ބޭނުން ނޫނަސް ކުރީގެ ހަނދާންތައް އާވެއްޖެއެވެ. އެތައް ދުވަހަކަށްފަހު އެހާ ގާތުން ހަމްޒާ ފެނުމުން އެ ކުރުވި އިހްސާސަކީ ބަޔާން ކޮށްދިނުން ފަސޭހަ އިހްސާސެއް ނޫނެވެ. އެރޭ ބާކީ އޮތްބައި ނޫރާ ހޭދަކުރީ ޚިޔާލާ މާޒީގެ ހިރަފުސްފޮޅުމުގައެވެ. ވިސްނުމާ ފިކުރު ކުރުމުގެތެރޭގައެވެ.
*******
ލޯމަރާލައިގެން އޮތް ނޫރާއަށް އޭނާގެ ފޯނު ވައިބްރޭޓް ވާކަމުގެ އިހްސާސް ކުރެވުނެވެ.
''ސައިބޯ އެއްޗިހި ހުންނާނެ މޭޒުމަތީގަ...... އަހަރެން މިދަނީ ރައްޓެއްސަކާ ބައްދަލުކޮއްލަން ....... އާދެވޭނީ ތަންކޮޅެއްލަހުން...........'' ހުމޭޒާގެ މެސެޖެކެވެ. ހެނދުނު އަށެއްޖަހާ ބޮޑުވީއެވެ.
ކޮޓަރީ ދޮރު ކުޑަކޮށް ހުޅުވާލަމުން ނޫރާ ބޭރަށް ބޯދިއްކޮއްލިއެވެ. އެހެން ދުވަސްދުވަހާ ޚިލާފަށް މިއަދު ސިޓިންރޫމުތެރެ އޮތީ ނިއްވާލާފައެވެ. އެތަނުގައިވަނީ ހަމަހިމޭންކަމެވެ. އެހެން ދުވަސްދުވަހު ނޫރާ ބޭރަށް ނުކުންނަ އިރު ހަމްޒާ ސިޓިންރޫމު ތެރޭގައި އިނދެއެވެ. އެކަމަކު މިއަދު އެހެންދުވަސްދުވަހާ ތަފާތެވެ. ނޫރާ ކަންބޮޑުވިއެވެ. ހަމްޒާވެސް ބޭރަށް ދިޔައީބާވައެވެ. ނޫނެކެވެ. ހަމްޒާގެ ބޫޓާ ފައިވާންވެސް އެބަހުއްޓެވެ.
ހުމައިރާގެ އަތުގައި ހިފައިގެން ނޫރާ ބޭރަށް ނުކުތެވެ. ސިޓިންރޫމުގެ ބޮކި ދިއްލާލުމަށްފަހު ނޫރާ ބަދިގެއާ ދިމާއަށް ހިނގައިތެވެ. އާދައިގެމަތިން ހުމައިރާއަށް ކާންދޭށެވެ. ހުމައިރާއަށް ކާންދެމުންދިޔައިރުވެސް ނޫރާގެ ލޯ އަމާޒުވަމުންދިޔައީ ހަމްޒާގެ ކޮޓަރީ ދޮރަށެވެ. ހަމްޒާ ނުކުމެދާނެޔޭ ހީވާތީއެވެ. ނޫނެކެވެ. އެހެން ދުވަސްދުވަހު ހަމްޒާ ނުކުމެދާނެތީ ކަންބޮޑުވިޔަސް މިއަދު އޭނާ ކޮންބޮޑުވަނީ ހަމްޒާ ނުނިކުމެގެންނެވެ.
ވަގުތުތައް ފާއިތުވަމުންގޮސް މެންދުރާ ގާތްވެއްޖެއެވެ. އޭރު އެތައްފަހަރަކު ނޫރާ ކޮޓަރިން ބޭރަށް ނުކުމެއްޖެއެވެ. ހަމްޒާ ކޮބައިތޯ ބެލިއްޖެއެވެ. ހަމްޒާގެ ކޮޓަރި ތެރެއިން އެއްވެސް އަލިކަމެއް ފެނޭތޯ އޭނާ ބަލާތާ އެތައްއިރެއް ވީއެވެ. ވަގުތުތައް ފާއިތުވަމުން ދިޔަވަރަކަށް ނޫރާގެ ކަންބޮޑުވުން އިތުރުވަމުންދިޔައެވެ.
މިފަހަރުވެސް ނޫރާ ކޮޓަރިން ނުކުތީ ހަމްޒާ ނުކުމެއްޖެތޯ ބަލާލާށެވެ. އެހެންނަމަވެސް ނޫރާއަށް ލިބުނީ ހައިރާންކަމާ މާޔޫސްކަމެވެ. މިހާ ލަސްވަންދެން ހަމްޒާ ނުތެދުވެ އޮތްދުވަހަކާ އަދި ދިމައެއް ނުވެއެވެ. ހަމްޒާއަށް ކޮންމެވެސް ކަމެއްވީބާވައޭ ހިތަށްއެރުމާއެކު ނޫރާގެ ހިތް ތެޅިލިއެވެ.
ސިޓިންރޫމު ތެރެއަށް ދޫކޮއްލުމުން ހުމައިރާ ނުހަނު އުފަލުން ދެކޮޅަށް ދުވަންފެށިއެވެ. ނޫރާ ސޯފާގައި އިށީދެލިއެވެ. ހަމްޒާ އިންނަ ތަނުގައެވެ. ލެޕްޓޮޕް ކުރިމަތީގައެވެ. އެއީ މީގެ ކުރިން ނޫރާ ކުރިކަމެއް ނޫނެވެ. އެގޭގައި އުޅުނަސް ސިޓިންރޫމު ތެރޭގައި އޭނާ ނީނދެއެވެ. ހުމޭޒާއާ ވާހަކަ ދައްކަންވެސް އޭނާ އިންނަނީ އޭނާގެ ކޮޓަރީގައި ނުވަތަ ބަދިގޭގައެވެ. ހަމްޒާ ސިޓިންރޫމު ތެރޭގައި އުޅޭތީ ނޫރާ އެތަނަށް ވަންނަން ބޭނުން ނުވަނީއެވެ.
ޚިޔާލާ ފިކުރުގެ ތެރޭގައި އިން ނޫރާއަށް ޚިޔާލީ ދުނިޔޭން ނިކުމެވުނީ ހުމައިރާ ދުވެފައި އައިސް ނޫރާގެ އުނގުތެރެއަށް ވަދެ ބައްދައިގަތުމުންނެވެ. ހުމައިރާ ނަގާ އުނގުތެރެއަށް ލަމުން ނޫރާ ނުހަނު ލޯބިން ހުމައިރާގެ ބޮލުގައި ފިރުމާލިއެވެ. އެވަގުތު ހުމައިރާ ކުރިއައް ފައިދިއްކޮށް ކުރިމަތީގައި ހުރި ލެޕްޓޮޕްގެ ކީބޯޑު މަތީގައި ފައިން ޖަހައިފިއެވެ. އެފަދަކަމެއް ހުމައިރާ ކޮއްފާނެކަމަށް ނޫރާ އިނީ ވިސްނައިގެންނެއް ނޫނެވެ.
''ހޯހޯ......'' ހުމައިރާގެ ފައިގާ ހިފަހައްޓާލި ނޫރާގެ އަތުގެ ހަރަކާތް ހުއްޓުނެވެ. ލެޕްޓޮޕްގެ ސްކްރީނުން ފެންނަންއިން ނޫރާގެ ފޮޓޯ ފެނުމުންނެވެ. އެއީ މީގެ ދެތިންއަހަރެއްހާ ދުވަސްކުރިން ހަމްޒާ ނެގި ފޮޓޯއެކެވެ. ނޫރާ ފިހާރައިގައި އިން ދުވަހަކު ހަމްޒާގެ ފޯނުން އޭނާ ނެގި ފޮޓޯއެކެވެ. އެދުވަސްމަތިން ނޫރާ ހަނދާންވިއެވެ. ދާދި ދެންމެއަކު ވީކަމެއް ފަދައިންނެވެ.
''އެންމެ ފޮޓޯއެކޭ ޕްލީސް.......'' ނޫރާ ލަދުން އުޅެން ފެށުމުން ހަމްޒާ އާދޭހުގެ ރާގެއްގައި ބުނެލިއެވެ. ނޫރާ އިސްޖަހާލިއެވެ. ލަދުގަތްވަރުންނެވެ.
''އާނ ވަރަށް ރީތި......... ތިހެން ލަދުން އިންނައިރު އަހަންނަށް ވަރަށް ކަމުދޭ.........'' ފޮޓޯއެއް ނެގުމަށްފަހު ހަމްޒާ ސިއްރުސިއްރުން ބުނެލި ލަފުޒުތައް ނޫރާގެ ކަންފަތުގައި ގުގުމާލިއެވެ.
''މި ފޮޓޯ އަހަރެންގެ ލެޕްޓޮޕާ ފޯނުގެ ސްކްރީނަށް ލާނީ........ އޭރުން ބަލާލަން ބޭނުން ކޮންމެ ވަގުތުތަކު އަހަންނަށް ނޫރާ ފެންނާނެއެއްނު........'' ހަމްޒާ ފޯނުން އެ ފޮޓޯ ނޫރާއަށް ދައްކާލަމުން ހިނިތުންވެލިއެވެ.
''މަންމީ...........'' ހުމައިރާގެ ތުއްތުއަޑުން ގޮވާލިއެވެ. ނޫރާ އިންތަނުން ތެދުވިއެވެ. ހުމައިރާ އުރާލައިގެން އޭނާ ހިނގައިގަތީ ކޮޓަރިއާ ދިމާއަށެވެ. ވަގުތުތައް ފާއިތުވަމުންގޮސް މެންދުރު ފަސް ވެއްޖެއެވެ. ހުމައިރާ ނިންދަވާލުމަށްފަހު ނޫރާ ނަމާދުކޮއްލިއެވެ. ކޮޓަރީ ދޮރު ހުޅުވާލުމަށްފަހު އޭނާ ބޭރަށް ނުކުތެވެ. ބަދިގެ ތެރެއަށް ވަދެ ނޫރާ ހުމައިރާއަށް ކާންދޭން ތަރުކާރީކޮޅެއް ކައްކަން އުނދާލިއެވެ. އެވަގުތު ރޭގެ ހަނދާންތައް އަނެއްކާވެސް އޭނާގެ ހިތާ ސިކުނޑިއަށް އުނދަގޫކުރަން ފެށައިފިއެވެ. ހަމްޒާ މަތިން ނުވިސްނާ ހުރެވޭގޮތެއް ނުވިއެވެ. އެތައް އެތައް ގޮތަކުން ނޫރާގެ ހިތުގައި ފެވި ފަނޑުވެފައިވާ ހަމްޒާގެ ހަނދާންތައް އާވާންފެށިއެވެ. ހަމްޒާއަށް ޓަކައި އެ ހިތުގައި ރައްކާކުރެވުނު އިހްސާސްތައް ނޫރާގެ އިޒުނައަކާނުލާ ހޭލައިފިއެވެ.
ނޫރާއަށް ބޭއިޚްތިޔާރުގައި ބަލާލެވުނީ ރޭގައި އޭނާ ހަމްޒާ ކޮއްޕާލުމުން ގޮސް ޖެހުނު ތަނަށެވެ. އެވަގުތު ނޫރާގެ ހިތް ތެޅިގަތެވެ. ދުވެފައި ކަހަލަގޮތަކަށް ގޮސް ހުއްޓެވުނީ އެ ފާރުކައިރީގައެވެ. އެތަނުގައި ކޮންމެވެސް އެއްޗެއް އަޅުވަން ޖަހާފައި ހުރި އިސްކުރެއް އެބަހުއްޓެވެ. އެންމެ އިސްކުރެއް ނޫނެވެ. އެތަނުން އެއް އިސްކުރުގެ ބޯ ވަނީ ކަޑައިގެންގޮސް އިސްކުރާ ވަކިވެފައެވެ. އެހެންކަމުން އެ އިސްކުރުގެ ކޮޅު ހުރީ ނުހަނު ތޫނުކޮށެވެ. އިންޗިއެއްހާވަރަށް ނުކުމެފައި ހުރި އެ އިސްކުރުގައި ލޭގެ ނިޝާންވެސް ކޮންމެވެސް ވަރަކަށް އެބަހުއްޓެވެ. އެހެންވީމާ ހަމްޒާގެ ބުރަކަށި ޖެހުނީ އެ އިސްކުރު ނުކުމެފައި ހުރިތަނުގައެވެ. ނޫރާގެ ހިތަށް ތޫނު ތަދެއް އިހްސާސްވިއެވެ.
ހަމްޒާގެ ކޮޓަރިއާ ދިމާއަށް އޭނާ މަޑުމަޑުން ހިނގައިގަތެވެ.
ދޮރުކައިރީ ނޫރާ ހުންނަތާ ކިތަންމެ އިރެކެވެ. ޓަކި ޖަހާލަން އެތައްފަހަރަކު އަތް ހިއްލާވެސް ލެވިއްޖެއެވެ. އެހެނަސް ޓަކިޖަހާލާނެ ހިތްވަރެއް އޭނާއަކަށް ނުލިބުނެވެ. އެގޮތަށް އެތައް އިރަކު ހުރުމަށްފަހު އޭނާ ކުރިއަށް ޖެހިލިއެވެ. އާ ހިތްވަރަކާއެކު އަތް ގެނިއެވެ. އަތުން ދެފަހަރަކު ދޮރުފަތުގައި ޖަހާލުމުންވެސް ހަބަރެއް ނުވިއެވެ. ނޫރާ ކަންބޮޑުވެ ހާސްވާގޮތް ވެއްޖެއެވެ. އޭނާ އެންމެފަހުން ނިކަން ބާރަށް ދޮރުފަތުގައި ދެތިން ފަހަރަކު ޖަހައިފިއެވެ. ނޭވާ ހަމަޔަކަށް އަޅުވަން މަސައްކަތް ކުރަމުން ނޫރާ ދެލޯ މަރާލީ އެތެރޭން އަޑެއްބަޑެއް ނީވުމުންނެވެ.
ލޯ މަރާލައިގެން އިރުކޮޅަކު ހުރުމަށްފަހު ނޫރާ ލޯ ހުޅުވާލިއެވެ. އެވަގުތު ކޮޓަރީގެ ދޮރު ހުޅުވުނެވެ. ކުރިމަތީގައި ހުރީ ހަމްޒާއެވެ. ނިދަންލާ ކަހަލަ ދޫ ހަރުވާޅަކާއެކު އޭނާ ހުރީ ހުސްގަޔާއެވެ.
''ކަމަކުތަ.........'' ހަމްޒާ އަނެއްފަރާތަށް އެބުރި ނޫރާއަށް ފުރަގަސްދެމުން އަހާލިއެވެ. ގަޔަށް އެއްޗެއްނުލާ ހުއްޓާ ނޫރާއަށް ފެނުމުން އޭނާ ކަންބޮޑުވީހެން ހީވެއެވެ. ނޫނީ ނޫރާއާ ހަތަރުކަޅި ހަމަކުރަން އޭނާ ބޭނުން ނުވަނީއެވެ.
ނޫރާއަށް ބަލާލެވުނީ ހަމްޒާގެ ބުރަކައްޓަށެވެ. އެއްފަޅީގައި ނޫފާގެންފައިހުރި ތަނެއް ނޫރާގެ ލޮލުގައި އަޅައިގަތެވެ. އެތަނުގެ މެދުގައި ކޮންމެވެސް އެއްޗަކުން ޒަޚަމްވެ ލޭހިލިފައިވާ ކުޑަކުޑަ ތަންކޮޅެއްވެސް ހުއްޓެވެ. އެއީ ނޫރާ ކޮއްޕާލުމުން ހަމްޒާގެ ބުރަކަށި ފާރުގައި ޖެހުނު ތަނެވެ. ނޫރާ ދެރަވިއެވެ. ހަމްޒާގެ ބުރަކަށީގައި ހުރި ޒަޚަމް ފެނުމާއެކު ނޫރާ އަށް ވީގޮތެއް ޚުދު އޭނާއަކަށް ނޭނގުނެވެ. އަތް ހިއްލާލެވުނީ ބޭއިޚްތިޔާރުގައެވެ.
ނުނިމޭ... ވާހަކައިގެ އާ ބައެއް، ތިނެއް ޖުލައިގައި ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް