ދެހާސް ހަރަތު ވަނަ އަހަރުގެ ޑިސެމްބަރު މަހު ދިވެހިރާއްޖެއަށް ދިމާވި ސުނާމީ ކާރިސާގައި ލިބުނު ގެއްލުންތައް ފޫބެއްދުމަށް އަމިއްލަ ފަރުދުންނަށް ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކުރި ލޯނުތަކުގެ ފައިސާ ސަރުކާރުން ދައްކައި ޚަލާސްކޮށްފިއެވެ.
ސަރުކާރަށް ދޫކުރި ލޯނުގެ ތެރެއިން 455 ލޯނަކަށް ނުދައްކާ ހުރި 30.4 މިލިއަން ރުފިޔާގެ ތެރެއިން، 2.15 މިލިއަން ރުފިޔާ މިއަދު ވަނީ ދައްކައިފައި ކަމަށް ބީއެމްއެލް އިން މައުލޫމާތު ދެއެވެ. މި ލޯނުތަކަށް މިހާތަނަށް ނުދައްކާ ހުރި ފައިސާ ދެއްކުމާއެކު ބީއެމްއެލް އިން ވަނީ ނުދައްކާ ބާކީ ހުރި 2.15 މިލިއަން ރުފިޔާ މައާފްކޮށްދީފައެވެ. މިއާއެކު މި ލޯނުތައް މިވަނީ ޚަލާސްކުރެވިފައެވެ.
އަދި މީގެ އިތުރުން މޯލްޑިވްސް ނެޝަނަލް ޗެމްބަރ އޮފް ކޮމާސް އާއި މޯލްޑިވްސް އެސޯސިއޭޝަން ފޯރ ޓުއަރިޒަމް އިންޑަސްޓްރީ (މަޓީ) ގެ ފަރާތުން ސުނާމީ އާ ގުޅިގެން އަމިއްލަ ފަރުދުންނަށް ދޫކުރި ލޯނުތަކުގެ ތެރެއިން މިހާތަނަށް ނުދައްކައި ހުރި 49.9 މިލިއަން ރުފިޔާގެ ލޯނު އެ އިދާރާތަކުންވެސް ވަނީ މައާފްކޮށްދީފައެވެ. މިގޮތުން 144 ފަރާތަކަށް ދޫކޮށްފައިވާ ލޯނު ވަނީ މައާފްކޮށްދީފައި ކަމަށް ބީއެމްއެލް އިން ބުނެއެވެ.
މިއާއެކު ސުނާމީ ކާރިސާ އާ ގުޅިގެން ދޫކޮށްފައިވާ ލޯނުތަކުގެ ތެރެއިން ބޭންކަށް ފައިސާ ނުދައްކާ ހުރި އެއްވެސް ލޯނެއް މިހާރު ނެތްކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް