އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ މެންޗެސްޓާ ސިޓީ އާއި އާސެނަލް މުހިންމުކަން ބޮޑު މެޗަކަށް ނުކުންނައިރު، އާސެނަލްއިން ފަހަތަށް ޖެހި، ޑިފެންސިވް ގޭމެއް ކުޅުމަކީ ނުކުރާނެކަމެއްކަމަށް އާސެނަލްގެ ކޯޗު އުނައި އެމެރީ ބުނެފިއެވެ.
އާސެނަލްއިން އެތިހާދު ސްޓޭޑިއަމްގައި ސިޓީއާ ދެކޮޅަށް ނުކުންނައިރު، އެ ޓީމުން ރަނގަޅު ނަތީޖާއެއް ނެރުމަކީ ސަޕޯޓަރުންގެ ވަރަށް ބޮޑު އެދުމަކަށް ވާނެއެވެ. އަނެއްކޮޅުން މިހާތަނަށް ގާޑިއޯލާއާ ދެކޮޅަށް މޮޅެއް ހޯދިފައިނުވާތީ އެމެރީއަށް ވެސް މިއީ ރަނގަޅު ނަތީޖާއެއް ނެރުން މުހިންމު މެޗަކަށް ވާނެއެވެ.
އަނެއްކޮޅުން ސިޓީން މި މެޗަށް މި ނުކުންނަނީ ނިއުކާސަލް އަތުން 2-1 އިން ހައިރާން ކުރަނިވި ގޮތަކަށް ވީ ބައްޔާއެކު ތާވަލުގެ އެއް ވަނައިގައި އޮތް ލިވަޕޫލްއަށްވުރެ 5 ޕޮއިންޓް މަދުން ލިބިގެން އޮވެއެވެ. އެހެންކަމުން، ފާއިތުވި އަހަރުގެ ޗެމްޕިއަނުން މިރޭ ލީގުގެ ގަދަބާރުތަކުގެ ތެރޭގައި ހިމެނޭ ޓީމަކާ ދެކޮޅަށް މޮޅުވުން ކޮންމެހެން ވެސް މުހިންމު މެޗަކަށް ނުކުންނައިރު، މިރޭގެ މެޗު އިތުރަށް ފޯރިގަދަވެގެން ދާނެއެވެ.
ސިޓީ ބަލިކުރުމަށް ކްރިސްޓަލް ޕެލެސް އިން ވެސް ޑިފެންސިވް ސްޓައިލްއަކަށް މެޗު ކުޅެފައިވީ ނަމަވެސް، މިރޭގެ މެޗުން ރަނގަޅު ނަތީޖާއެއް ނެރުމަށް ޑިފެންސިވް ގޭމެއް ކުޅުވުމުގެ ވިސްނުމެއް ނެތްކަމަށް، މެޗާ ބެހޭގޮތުން ވާހަކަދައްކަމުން އާސެނަލްގެ ކޯޗު އެމެރީ ވަނީ ބުނެފައެވެ.
ސިޓީން ކޮންމެ މެޗެއްގައި ވެސް ކުޅެނީ އެ މީހުންގެ ސްޓައިލަށް ކަމަށާއި، މެޗުގައި ކުޅޭނެ ގޮތެއް ކަނޑައެޅުމުގައި އިދިކޮޅުގައި އޮންނަ ޓީމަކީ ކޮން ޓީމެއްކަން ދެނެގަންނަން ޖެހޭ ކަމަށް އެމެރީ ބުނެފައިވެއެވެ. އަދި ސިޓީގެ މައްޗަށް މެޗުގައި އާސެނަލްގެ ކުޅުނުގެ ވައްޓަފާޅި ގަދަކުރުމަކީ އުނދަގޫ ކަމެއްކަމަށް ވެސް އެމެރީ ބުންޏެވެ.
މިރޭގެ މެޗާ ކުރިމަތިލާއިރު، އާސެނަލް އޮތީ 5 ވަނައިގައެވެ. އެ ޓީމާ ގަދަ 4 ގެ ޖާގައަކާ ދެމެދު 3 ޕޮއިންޓްގެ ފަރަގެއް އޮތް ނަމަވެސް، އާސެން ވެންގާ އަށް ފަހު އާސެނަލްގެ ކުޅުން މި ސީޒަންގައި ރަނގަޅު ކަމަށް ފާހަގަ ކުރެވެއެވެ.
މެންޗެސްޓާ ސިޓީ އާއި އާސެނަލް، ސިޓީގެ އެތިހާދު ސްޓޭޑިއަމްގައި މިރޭ ކުޅޭ މެޗު ފެށޭނީ ރާއްޖެ ގަޑިން 21:30 ގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް