މިރޭ 10:30 ހާއިރު މާލެ އަތޮޅުގައި ހިމެނޭ ރިސޯޓެއް ކަމުގައިވާ ގިލި ލަންކަންފުށީގައި ރޯވި އަލިފާން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ޓީމްތަކާއި އެ ރިސޯޓްގެ މުވައްޒަފުން އަދި ކައިރި ރިސޯޓުތަކުގެ ފަޔަރ ޓީމްތަކުގެ އެހީގައި ނިއްވާލައިފިއެވެ.
އެ ރިސޯޓްގެ މޫދު ކޮޓަރިތަކަކުން ފެށުނު މި އަލިފާނުގެ ހާދިސާ ބޮޑުވެ އަލިފާން ރަށު ތެރެއަށް ފެތުރިގެން ދިޔައިރު މޫދު ކޮޓަރިތަކުގެ ބޮޑުބައެއް ވަނީ އެއްކޮށް އަނދާ ހުލިވެފައެވެ.
އެމްއެންޑީއެފުން ހާމަކޮށްފައިވާގޮތުގައި ފަޔަރ ދެ ޓީމެއް ވަނީ އެ ރިސޯޓަށް ގޮސް އަލިފާން ނިއްވުމުގައި ހަރަކާތްތެރިވެފައެވެ.
މި ހާދިސާގެ އެންމެ ފަހުގެ މައުލޫމާތު ދުވަހާއި ހިއްސާކުރަމުން އެ ރިސޯޓްގެ މާކެޓިން މެނޭޖަރ ޓެމީ ގޭން ވިދާޅުވީ އަލިފާން އެއްކޮށް ކޮންޓްރޯލް ކުރެވުނީ މިރޭ 03:30 ހާއިރު ކަމަށެވެ. ތިން މުވައްޒަފަކަށް ދުމުގެ އަސަރުކޮށް ހާލު ދެރަވުމުގެ ސަބަބުން އޭޑީކޭއަށް ގެންދެވި ފަރުވާ ދެމުން އަންނަ ކަމަށާއި ނަމަވެސް އެ ތިން މުވައްޒަފުންގެ ހާލުވެސް މިހާރު ރަނގަޅުވަމުން އަންނަ ކަމުގައި އޭނާ ވިދާޅުވިއެވެ.
ޓެމީ އިތުރަށް ވިދާޅުވީ ރިސޯޓްގެ ހުރިހާ ގެސްޓުން އެހެން ރިސޯޓްތަކަށް ގެންގޮސް ރިސޯޓުން ގެސްޓުން ހުސްކޮށްފައިވާކަމަށާއި އެއްވެސް ގެސްޓަކަށް އަނިޔާއެއް ލިބިފައިނުވާކަމަށެވެ. އަދި ރިސޯޓަށް ލިބުނު ގެއްލުމުގެ ތަފްސީލު އަދި އެނގުން އަވަސް ކަމަށާއި ނަމަވެސް ތަފްސީލް ލިބޭ ވަރަކުން ހާމަކުރައްވާނެކަމުގައި އޭނާ ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް