ސައުތު އެފްރިކަން އެއަރވޭސްގެ ސީދާ ދަތުރުތައް އައްޑޫއަށް ފަށައިފި

ސައުތު އެފްރިކަން އެއަރވޭސްގެ ސީދާ ދަތުރުތައް އައްޑޫއަށް ފަށައިފި އެވެ. އެފްރިކާގެ ޖޮހެނަސްބަރގުން އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓަށް ކުރާ މި ދަތުރުތައް މިއަދު ވަނީ ފަށާފައެވެ. އެގޮތުން އެއަރބަސް 330 ...

02 Dec 2018 | 11:07

ސައުތު އެފްރިކަން އެއަރވޭސްގެ ސީދާ ދަތުރުތައް އައްޑޫއަށް ފަށައިފި އެވެ.

އެފްރިކާގެ ޖޮހެނަސްބަރގުން އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓަށް ކުރާ މި ދަތުރުތައް މިއަދު ވަނީ ފަށާފައެވެ. އެގޮތުން އެއަރބަސް 330 މަރުކައިގެ މަތިންދާބޯޓް މިއަދު ވަނީ ގަން އިންޓރޏޭޝަނަލް އެއާޕޯޓުގައި ޖައްސާފައެވެ.

ދެކުނު އެފްރިކާއާ ރާއްޖެއާ ދެމެދު ހަފްތާއަކު 3 ފްލައިޓް ދަތުރު ކުރުމަށްވަނީ ހަމަޖެހިފައެވެ. މިއިން ކޮންމެ ފްލައިޓެއްގައި މަދުވެގެން 300 ޖާގަ ހުންނާނެ ކަމަށް މައުލޫމާތު ލިބެއެވެ. ދެކުނު އެފްރިކާއާ ރާއްޖެއާ ދެމެދު ސީދާ ދަތުރުތައް ފެށުމުން، ކުރިން ދެކުނު އެފްރިކާއިން ރާއްޖެއަށް އަންނަން ހޭދަވި 12 ގަޑިއިރު، 7 ގަޑިއިރަށް ކުޑަވެގެންދާނެއެވެ.

ރާއްޖެ އާއި ދެކުނު އެފްރިކާ އާއި ދެމެދު ކުރެވޭ ސީދާ ދަތުރުތައް އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އައްޑޫ ސިޓީގެ މޭޔަރާއި، ސިވިލް އޭވިއޭޝަން މިނިސްޓަރ އައިޝަތު ނަހުލާގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ގިނަ އަދަދެއްގެ ފަރާތްތަކުން ވަނީ ބައިވެރިވެފައެވެ.

"މި އޮޕަރޭޝަން ހިނގައިގެން ދިއުމަކީ އޭވިއޭޝަން ދާއިރާއަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް. ރާއްޖޭގެ ދެކުނު ހާއްސަކޮށް ބަލާއިރު އިގްތިސާދީ ގޮތުން ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް. އައްޑޫ ސިޓީ ހިމެނޭ ދެކުނު ސަރަހައްދުގައި ސީޕްލޭން ދަތުރުތަކަށްވެސް އަޅުގަނޑުމެން ވާނީ މުސްތަގްބަލުގައި ޕްލޭންކޮށް އެކަން ކުރިޔަށް ގެންދާނެ ގޮތެއް ރާވާފައި" ނަހުލާ ވިދާޅުވި އެވެ.

މި ދަތުރުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމާއި އެކްސްޕޯޓް ގެ ހާލަތު ކުރިއަރާނެކަމަށް ބެލެވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް