ކޯލިޝަންގެ އެއްބަސްވުމާ އެއްގޮތަށް އަދާލަތު ޕާޓީއިން ވާދަ ކުރަން ޝައުގުވެރިވާ 13 ދާއިރާ، އެހެން ޕާޓީތަކާއި ހިއްސާކޮށްފި އެވެ.
ކޯލިޝަންގެ މަޝްވަރާ ކޮމެޓީ ކަމަށްވާ 1819 ކޮމެޓީގެ 20 ވަނަ ބައްދަލުވުމުގައި ނިންމާފައި ވަނީ އަދާލަތު ޕާޓީ އިން ވާދަ ކުރާނީ 13 ދާއިރާއަށް ކަމަށެވެ. އަދި އެބައްދަލުވުމުގައި ނިންމާފައިވާ ގޮތުގެ މަތިން ކޯލިޝަން ސަރުކާރުގައި އެމްޑީޕީ ހިއްސާވަނީ 40 ޕަސަންޓު ކަމަށެވެ. އަދި ޖުމްހޫރީ ޕާޓީއިން 25 ޕަސަންޓު، އަދާލަތު ޕާޓީ 15 ޕަސަންޓު އަދި ރައީސް މައުމޫން އަބްދުލް ގައްޔޫމް 20 ޕަސަންޓް ކަމަށެވެ. ސަރުކާރުގެ ވުޒާރާ ތަކާއި މަގާމް ތަކަށް މީހުން އައްޔަން ކުރުމާއި މަޖިލިސް އިންތިޚާބާއި، ކައުންސިލް އިންތިޚާބު ތަކުގައި ޕާޓީ ތަކުން ވާދަ ކުރާނޭ ދާއިރާތައް ނިންމާނީ މި ހަމައިގެ މަތިންނެވެ.
އެގޮތުގެ މަތިން 2019 ވަނަ އަހަރު ބާއަވާ މަޖިލިސް އިންތިޚާބުގައި އެމްޑީޕީ ވާދަ ކުރާނީ 35 ދާއިރާއަށެވެ. އަދި ޖުމްހޫރީ ޕާޓީ ވާދަ ކުރާނީ 22 ދާއިރާއަށެވެ. އަދާލަތު ޕާޓީއަށް 13 ދާއިރާ ލިބޭއިރު މައުމޫންއަށް ލިބޭނީ 17 ދާއިރާ އެވެ.
އާދަލަތުން ޝައުގުވެރިވާ ދާއިރާތައް
- ކެލާ ދާއިރާ
- ވައިކަރަދޫ ދާއިރާ
- ކުޅުދުއްފުށީ އުތުރު ދާއިރާ
- މަކުނުދޫ ދާއިރާ
- އިނގުރައިދޫ ދާއިރާ
- ކާށިދޫ ދާއިރާ
- މަހިބަދޫ ދާއިރާ
- މުލަކު ދާއިރާ
- ނިލަންދޫ ދާއިރާ
- ގަމު ދާއިރާ
- ފުވައްމުލައް ދެކުނު ދާއިރާ
- ފޭދޫ ދާއިރާ
- މާފަންނު ދެކުނު ދާއިރާ
މި ބައްދަލު ވުމުގައި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވެފައި ވަނީ މީގެ ކުރިން މަޖިލިސް އިންތިޚާބަށް ދާއިރާތައް ބަހާނެ ގޮތަކާއި މެދު އެއްބަސްވެފައި ނުވާނެ ކަމަށާއި އެހެން ޕާޓީ ތަކުން ދައްކާ އެއްބަސްވުމަކީ އެއްބަސްވުމެއް ނޫން ކަމަށެވެ.
މީގެ އިތުރުން ރައީސް މުހައްމަދު ނަޝީދު ވިދާޅުވި ގޮތުގައި އެމްޑީޕީއިން ކުރިމަތިލާން ޖެހޭނީ 35 ދާއިރާއަށް ކަމަށް އަދާލަތު ޕާޓީ އާއި ރައީސް މައުމޫން އަބްދުލްގައްޔޫމް ދެކުނު ކަމުގައި ވިޔަސް އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އެއީ އެމްޑީޕީއަށް ހައްގު މިންވަރު ނޫން ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހަށް ރައީސް ނަޝީދު މީގެކުރިން ހުށަހަޅުއްވާފައިވަނީ މަޖިލިސް އިންތިޚާބުގައި 61 ދާއިރާއަށް ކުރިމަތި ލުމަށެވެ. އަދި މިކަން އެހެން ޕާޓީ ތަކަށް ހުށަހެޅުމުން އެކަމަށް ހަމައެކަނި ތާއީދު ކުރީ ޖުމްހޫރީ ޕާޓީންނެވެ. އެހެންވެ، ކޯލިޝަންއާއެކު މަޖިލިސް އިންތިޚާބުގައި މަސައްކަތް ނުކުރެވޭނެ ކަމަށް ނިންމައި، ރޭ އެމްޑީޕީގެ ގައުމީ މަޖިލީހުން ވަނީ ހުރިހާ ދާއިރާއަކަށް ކުރިމަތިލާން ފާސްކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް