އިޓާލިއަން ލީގުގައި ރޭ، ތާވަލުގެ އެއް ވަނައިގައި އޮތް ނަޕޯލީ އާ ދެކޮޅަށް ޔުވެންޓަސް ކުޅުނު މެޗު 1-0 އިން ކާމިޔާބުކޮށް ޔުވެންޓަސް، ނަޕޯލީ ފަހަތުގައި ވިއްދައިފިއެވެ.
މެޗުގެ ހަމައެކަނި ލަނޑު ނަޕޯލީއަށް ކުރިން ކުޅުނު ގޮންޒާލޯ ހިގުއައިން ކާމިޔާބު ކޮށްދިންއިރު، އެ ޓީމުން ނަޕޯލީއާ ހަމަހަމަ ކުރުމަށް މިހާރު ބޭނުން ވަނީ އެންމެ ޕޮއިންޓެކެވެ. ކުޅުނު 15 މެޗުން ނަޕޯލީއަށް 38 ޕޮއިންޓް ލިބިފައިވާއިރު، ޔުވެންޓަސް ދެ ވަނައިގައި އޮތީ ކުޅުނު 15 މެޗުން ހޯދި 37 ޕޮއިންޓާއެކުގައެވެ. މި ނަތީޖާގެ ސަބަބުން، އިންޓަމިލާން މިރޭ ޗިއޭވޯ އާ ދެކޮޅަށް ކުޅޭ މެޗުން އެ ޓީމު މޮޅުވެއްޖެ ނަމަ ނަޕޯލީ 2 ވަނައަށް އަދި ޔުވެންޓަސް 3 ވަނައަށް ވެއްޓި އިންޓައަށް އެއް ވަނަ ލިބޭނެއެވެ.
މިދިޔަ އަހަރުގެ ޖުލައި މަހުގައި ނަޕޯލީ ދޫކޮށް ޔުވެންޓަސްއަށް ބަދަލުވި ހިގުއައިންގެ ވާއަތަށް ލިބުނު އަނިޔާއަކާ ގުޅިގެން ސާޖަރީއެއް ހަދާފައިވުމާއެކު ރޭގެ މެޗުގައި އޭނާ ނުފެންނާނެ ކަމަށް ބެލެވުނު ނަމަވެސް، ޔުވެންޓަސްއިން މެޗު ފެށީ އޭނާ ހިމަނައިގެންނެވެ.
ކުރީގެ ކުލަބާ ދެކޮޅަށް މެޗުގެ ހަތަރު ވަނަ މިނިޓުގައި ހިގުއައިން ވަނީ ނުރައްކާތެރި ހަމަލާއެއް ފޮނުވާލާފައެވެ. އޭގެ 8 މިނިޓު ފަހުން، ޔުވެންޓަސްއިން އުފެއްދި އަވަސް ކައުންޓަރ އެޓޭކެއްގައި ޑަގްލަސް ކޮސްޓާ ބޯޅަ ހިފައިގެން އަރާ ޑައިބަލާއަށް ޖައްސާލުމުން އޭނާ ދިން ޕާހުން ހިގުއައިން ވަނީ ލަނޑު ޖަހާފައެވެ.
ލަނޑުގެ ފަހުން ނަޕޯލީން އެއްވަރު ކުރުމަށް ކުރި މަސައްކަތްތައް ނާކާމިޔާބު ވިއިރު، ޔުވެންޓަސްއަށް ލިބުނު ފުރުސަތުތަކުގައި އިތުރު ލަނޑެއް އެ ޓީމަށް ކާމިޔާބު ކުރެވޭގޮތެއްވެސް ނުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް