ކޮންމެ އަންހެން ކުއްޖަކުވެސް ފުރާވަރުގެ އުމުރުގައި ހުވަފެންތަކެއް ދެކޭނެއެވެ. އެގޮތުން އަހަރެންވެސް ހުވަފެންތަކެއް ދުށީމެވެ. އަހަރެންގެ ލޯބިވެރިޔާ ހުދު ކުލައިގެ އަހެއްގައި އަހަރެންގެ ގާތަށް އަންނާނެ ކަމަށް އުއްމީދުކުރީމެވެ. އުޑުން ތަރިތައް ބާލަދޭނެ މީހެއްގެ އިންތިޒާރުގައި ހުރީމެވެ. ހުދު އަހެއްގައި ނޫނަސް ހުދު ކާރެއްގައި އައި ޒުވާން ފިރިހެންކުއްޖަކު އަހަރެންގެ ހިތް ފަތަހަކުރިއެވެ. އުޑުން ތަރިތައްވެސް ބާލަ ދިނެވެ.
އަހަރެންގެ ހުވަފެންތަކުގައި ކުލަޖެހުނީ ކަމަށް ޔަގީންކޮށް ޒަވާޖީ ހަޔާތުގައި ގޮށް ޖަހާލީމެވެ. މުޅި އުމުރަށް އެކުގައި އުޅޭނެ ކަމުގެ ވަޢުދާއި އަހުދު ވަމުންނެވެ. މާމުއި ހަނދުގެ ދުވަސްތަކަކީ އަހަރެންގެ ހަޔާތަށް އައި އުފާވެރި ދުވަސްތަކެކެވެ. ހަނދުވަރުގެ އަލީގައި މާމުއިގެ ފޮނިކަމުގައި ޚާއްސަ މީރުކަމެއް ހުންނާނެތާއެވެ.
އެހެނަސް އެ ފޮނި މީރުކަން ހިތި އެއްޗަކަށް ބަދަލުވާން މާގިނަ ދުވަހެއް ނުނަގައެވެ. އާދައިގެ މަތިން ފިރިމީހާ ދިއައީ ޑިއުޓީއަށެވެ. އެހެނަސް ދިޔައީ ހަނދާންނެތިގެން ފޯނު ގޭގަ ބާއްވާފައެވެ. ޑިއުޓީއަށް ދިޔަތާ ގަޑިއެއްހާއިރު ފަހުން ވައިބަރ އިން މެސެޖެއް އައެވެ. އަހަންނަކީ ފިރިމީހާ އަށް ޝައްކުކޮށް ފޮނު ބަލާމީހެއް ނޫނެވެ. ޝައްކުކުރަންޖެހޭ ސަބަބެއް ވެސް ނެތެވެ. އެހެނަސް މުހިއްމު މެސެޖަކަށް ވެދާނެތީ ފޯނު ބަލާލީމެވެ. 'ޑިއުޓީގަ ތަ؟' މެސެޖްގައި އޮތެވެ. އަހަރެން އަޅާނުލީމެވެ. އެހެނަސް ދެން އައި މެސެޖުން އަހަރެންގެ ހަޔާތް ބަދަލުވެއްޖެއެވެ.
' ލޯބީ ޑިއުޓީގަ މާ ބިޒީއީތަ؟ "
އަހަރެން ސިއްސައިގެން ދިއައެވެ. ކައިވެންޏަށް ހަ މަސްވީއިރު އަހަރެން ފިރިމީހާއަށް ޝައްކުކުރަންޖެހޭ އެއްވެސް ކަމެއް އޭނާ ނުދައްކައެވެ. ފޯނުގައި ލޮކް ކޯޑެއް ވެސް ނެތީ އިޚްލާސްތެރިކަމުން ކަމަށް އަހަރެން ހީކުރީމެވެ. އެހެނަސް އަހަރެންގެ ދުނިޔެ މުޅިން ބަނީވިއެވެ. އެއީ ކޮން ނަމްބަރެއްތޯ ބަލާލީމެވެ. އިތުރު މެސެޖެއް ނެތެވެ. އެރޭ ހަތަރުދަމު އަހަރެން ރުއީމެވެ. ނުރޯންވީ ސަބަބެއް ނެތެވެ. ފުރާނައަށް ވުރެ ބޮޑަށް އަހަރެން ލޯބިވާ ފިރިމީހާ އަހަންނަށް ބޭވަފާތެރިވީއެވެ.
ދަންވަރު ޑިއުޓީ ނިންމާލުމަށް ފަހު ހެނދުނު އަހަރެންގެ ވަފާތެރިކަމަށް ހީކުރި ބޭވަފާތެރި ފިރިމީހާ ގެއަށް އައެވެ. އަހަރެން ހިތަށް އެރިއެވެ. މީ އޮޅިގެން ކުއްޖަކު ފޮނުވި މެސަޖަކަށްވެ މިކަން ނިމޭނެ ނަމައެވެ. އަހަރެންގެ ދުޢާއަކީ އެއީއެވެ. އެހެނަސް ކަންތައްވީ މުޅިން އެހެންގޮތަކަށެވެ.
ފިރިމީހާ އާއި ސުވާލުކުރުމުން، އޭނާ ހައިރާންވިއެވެ. ހާސްވިއެވެ. އަހަރެން އިތުރަށް އެނގެން ބޭނުންވިއެވެ. އެހަނަސް އެރޭ އަހަންނަށް އެނގުނީ ފިރިމީހާގެ އަސްލު ސޫރަ އެވެ. ފުރަތަމަ ފަހަރަށް އަހަންނަށް އަނިޔާކުރިއެވެ. އެރޭގެ ފަހުން އަހަރެންގެ ދިރިއުޅުން ބަރުބާދުވީއެވެ. އަހަންނަށް އަނިޔާ ކުރުމަކީ އާންމުކަމަށް ވުމުން އޭގެ މަސްތަކެއް ފަހުން އަހަރެން މިހާރު މިހިރީ މިނިވަން ވެގެންނެވެ. ލޯބިވާ ކުރީގެ ފިރިމީހާ އެވެ. އަހަރެން އަދިވެސް ކަލާދެކެ ލޯބިވެއެވެ. އެހެނަސް ބޭވަފާތެރި އަނިޔާވެރިއަކާއެކީ ދިރިނުއުޅެވޭނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް