ތޫފާން އޯޗީގެ މިހާރުގެ ހާލަތަށް ބަލައިލުމެއް

ރާއްޖޭގެ އިރު އުތުރުން ލަންކާ ސަރަހައްދުގައި އުފެދުނު "ޑިޕްރެޝަނެއް"  ތޫފާނަކަށް ބަދަލުވެފައިވާއިރު މި ސަރަހައްދުގައި ތޫފާން ގިންތި ކުރާ މިނުންނަމަ މި ތޫފާން މިވަނީ ހަތަރުވަނަ ސްޓޭޖްގައި އެވެ. އެއީ "ވ...

02 Dec 2017 | 02:34

ރާއްޖޭގެ އިރު އުތުރުން ލަންކާ ސަރަހައްދުގައި އުފެދުނު "ޑިޕްރެޝަނެއް"  ތޫފާނަކަށް ބަދަލުވެފައިވާއިރު މި ސަރަހައްދުގައި ތޫފާން ގިންތި ކުރާ މިނުންނަމަ މި ތޫފާން މިވަނީ ހަތަރުވަނަ ސްޓޭޖްގައި އެވެ. އެއީ "ވެރީ ސިވިއަރ ސައިކްލޯނިކް ސްޓޯމް" ދަރަޖަ އެވެ.

މި ސްޓޭޖަށް މި ތޫފާން ދަތުރުކޮށްފައިވަނީ "ޑިޕްރެޝަނަކުން"، "ސައިކްލޯނިކް ސްޓޯމް" އަކަށް އަދި އެއަށްފަހު "ސިވިއަރ ސައިކްލޯނިކް ސްޓޯމަކަށް" އަދި އެއަށްފަހު "ވެރީ ސިވިއަރ ސައިކްލޯނިކް ސްޓޯމް" އަކަށެވެ.

މި ތޫފާނާއި ބެހޭ އެންމެ ފަހުގެ އަދި އެންމެ ތަފްސީލީ މައުލޫމާތުތައް ހާމަކުރަމުން އަންނަނީ އިންޑިއާގައި ގާއިމް ކޮށްފައިވާ "އިންޑިއަން މީޓިއޮރޮލޮލިކަލް ޑިޕާޓްމެންޓް" (އާރުސީއެމްސީ – ރީޖަނަލް ސްޕެޝަލައިޒްޑް މީޓިއޮރޮލޮޖިކަލް ސެންޓަރ ފޮރ ޓްރޮޕިކަލް ސައިކްލޯންސް އޯވަރ ނޯތު އިންޑިއަން އޯޝަން) އިންނެވެ.

އެ ސެންޓަރުން ތަފްސީލީ ރިޕޯޓެއް އެންމެ ފަހުން އާންމުކޮށްފައިވަނީ ރޭ 10:00ގައި އެވެ. ތަފްސީލީ އެ ރިޕޯޓަށް ބަލާއިރު ބުނެފައިވަނީ ތޫފާން އޯޗީ، މަލިކުގެ މަތިން ގޮސް އިރު އަރަބި ކަނޑުގެ އިރު ދެކުނަށް ދަތުރު ކުރަމުން އަންނަ ކަމަށެވެ. އަދި އެ ތޫފާން ފާއިތުވި ހަ ގަޑިއިރުގެ ތެރޭގައި ދަތުރުކުރަމުން އަންނަނީ ގަޑިއަކު ހަ މޭލު ބާރުމިނުގައި ކަމަށެވެ.

ކުރިއަށް އޮތް 24 ގަޑިއިރު ތޫފާނުގެ ބާރު އިތުރަށް ގަދަވާނެ ކަމަށް ބުނެފައިވާއިރު ތޫފާނުގެ ބާރު އެއްކޮށް ދަށްވެ "ޑިޕްރެޝަން" އަކަށް ބަދަލުވާނެ ކަމަށް ނިމުތު ކޮށްފައިވަނީ އަންނަ އަންގާރަ ދުވަހަށެވެ.

ތޫފާން އޯޗީ މިހާރުވެސް ދަތުރުކުރަމުން އަންނަ މިސްރާބަށް ކުރިއަށް އޮތް 24 ގަޑިއިރު ދަތުރުކުރާނެ ކަމަށް ބުނެފައިވާއިރު ޖެހިގެން އަންނަ 48 ގަޑިއިރުގެ ތެރޭގައި ތޫފާނުގެ މިސްރާބަށް ބަދަލެއް އަތުވެދާނެ ކަމުގައި ނިމުތު ކޮށްފައި ވެ އެވެ. ނަމަވެސް އެ ބަދަލު އައި ނަމަވެސް އަނބުރާ ރާއްޖެއާއި ދިމާއަށް ނާންނާނެ އެވެ.

ތޫފާން އޯޗީއާއި ގުޅިގެން އާރުސީއެމްސީން ވަނީ ހަތަރު އިންޒާރަކާއެކު އިލްތިމާސް އެއް ކޮށްފަ އެވެ. އެ އިންޒާރުތައް އަދި އިލްތިމާސް އަކީ:

1 – ބޯކޮށް ވާރޭ ވެހޭނެ ކަމުގެ އިންޒާރު

އާރުސީއެމްސީން ބުނެފައިވަނީ ވަރަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށާއި ކުރިއަށް އޮތް 24 ގަޑިއިރު އެންމެ ބޯކޮށް ވާރޭ ވެހޭނެ ކަމަށް ބެލެވެނީ މަލިކަށް ކަމަށެވެ. އަދި އިންޑިއާގެ ކެރެލާ ސްޓޭޓަށް ކަމަށެވެ.

2 – ވައި ގަދަވާނެ ކަމުގެ އިންޒާރު

އާރުސީއެމްސީން ނިމުތު ކޮށްފައިވާގޮތުގައި މި ތޫފާނުގައި ކުރިއަށް އޮތް 24 ގަޑިއިރު ވައި ސްޕީޑް ގަޑިއަކު 74.56 މޭލު އަދި ގަޑިއަކު 80.77 މޭލުގައި ހިފަހައްޓާނެ ކަމަށާއި އަދި ވިލާގަނޑުގައި ގަޑިއަކު 90 މޭލަށް ވައި ގަދަވުން އެކަށީގެންވާކަމުގައިވެސް ނިމުތު ކޮށްފައި ވެ އެވެ.

3 – ކަނޑު ގަދަވާނެ ކަމުގެ އިންޒާރު

ކުރިއަށް އޮތް 24 ގަޑިއިރު ކަނޑު އާދައިގެ ގޮތެއްގައި އަދި މަލިކު ސަރަހައްދުތަކުގައި އިތުރަށް ގަދަވެދާނެ ކަމުގެ އިންޒާރު އާރުސީއެމްސީން ދީފައި ވެ އެވެ.

4 – މަލިކަށް ލިބިދާނެ ގެއްލުމުގެ އިންޒާރު

އާރުސީއެމްސީން ވަނީ ތޫފާން އޯޗީގައި މަލިކަށް ގެއްލުންތަކެއް ލިބިދާނެ ކަމުގެ އިންޒާރު ދީފަ އެވެ. އެގޮތުން ކަރަންޓު ކެނޑުމާއި މުއާސަލާތީ ހިދުމަތް މެދުކެނޑުމުގެ އިންޒާރާއި ބޮޑެތި ބިޔަ ގަސްތައް ވެރިދާނެ ކަމުގެ އިންޒާރާއި ގެތަކާއި ހަރުގެ ފަދަ ތަންތަނަށް ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ކަމުގެ އިންޒާރާއި މަގުތަކަށް ގެއްލުން ލިބިދާނެ ކަމުގެ އިންޒާރާއި ފެންބޮޑު ވެދާނެ ކަމުގެ އިންޒާރާއި ފަތްކެޔޮ އަދި ފަޅޯ ދަނޑުތައް ހަލާކުވެގެން ގޮސްދާނެ ކަމުގެ އިންޒާރު ހިމެނެ އެވެ.

5 – ކަނޑުގެ ލޮނުގަނޑު އުފުލި އުދަ އަރާފާނެ ކަމުގެ އިންޒާރު

ތޫފާން އޯޗީގެ ސަބަބުން ބައެއް ސަރަހައްދުތަކުގައި ލޮނުގަނޑު އެއް މީޓަރަށް އުފުލިދާނެ ކަމުގައި އާރުސީއެމްސީން ލަފާ ކޮށްފައި ވެ އެވެ. އަދި މަލިކަށް އުދަ އަރާފާނެ ކަމުގެ އިންޒާރު ދީފައި ވެ އެވެ.

އާރުސީއެމްސީގެ އިލްތިމާސް:

މަލިކަށް ކުރާ އިލްތިމާސް: އާރުސީއެމްސީން މަލިކަށް އިލްތިމާސް ކޮށްފައިވަނީ މަސްވެރިން މަހަށް ނުފުރުމަށާއި ކުރިއަށް އޮތް 48 ގަޑިއިރު ކަނޑު ދަތުރުފަތުރު ނުކުރުމަށެވެ.

ކެރަލާ އަދި ކަރްނާޓަކާގެ އައްސޭރިއަށް ކުރާ އިލްތިމާސް: އާރުސީއެމްސީން ކެރަލާ އަދި ކަރްނާޓަކާގެ އައްސޭރިފަށަށް ކޮސްފައިވާ އިލްތިމާސަކީ މަސްވެރިން މަހަށް ނުފުރުމަށާއި ކުރިއަށް އޮތް 48 ގަޑިއިރު ކަނޑު ދަތުރުފަތުރު ނުކުރުމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް