ގިނަ އަދަދެއްގެ ބަނގުރާ ފުޅިއާއެކު މާލެއިން މީހަކު ހައްޔަރުކޮށްފި އެވެ. ހައްޔަރުކޮށްފައިވަނީ 22 ފުޅި ބަނގުރަލާ އެކުގަ އެވެ.
ފުލުހުން ބުނީ މި މައްސަލާގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވަނީ ޢުމުރުން 31 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.
"މި މީހާ ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވަނީ ރޭ 8:00 ހާއިރު މ. ފޮނިފުޅާގެ ކަންމަތިން ޕިކަޕަކުން ފޮއްޓެއް ބާލައިގެން ދާމަންޒަރު ފެނުމުން މާފަންނު ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރަމުން އަންނަ ފުލުހުންނަށް ޝައްކުކުރެވިގެން އެމީހާ ގާތު މަޑުކުރަން ބުނުމުން މަޑުނުކޮށް ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ މ.ފޮނިފުޅާގެއަށް ވަނުމުން އެ ގެ އަށްވަދެ" ފުލުހުން ހާމަކުރެ އެވެ.
ފުލުހުން ބުނީ އެ މީހާ ފުލުހުންގެ ބެލުމުގެދަށަށް ގެނެސް އެ ވަގުތު އެ މީހާ ގެންގުޅުނު މުށިކުލައިގެ ފޮށްޓަކާ ބެހޭގޮތުން ސުވާލުކުރުމުން އެ ފޮށީގައި ހުރީ އައްނައުނު ކަމަށް ބުނުމުން ފުލުހުންނަށް ޝައްކުކުރެވިގެން ފޮށި ހުޅުވައި ބެލިއިރު ފޮށިތެރެއިން ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 14 ފުޅި ފެނިފައި ވާކަމަށެވެ. އަދި އެ ވަގުތު އެ މީހާ ފޮށި ބޭލި ޕިކަޕުގައި އޮތް ކަޅުކުލައިގެ ދަބަސް އެ މީހާގެ ހާޒިރުގައި ބަލައި ފާސް ކުރުމުން ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި އަށް ފުޅި ފެނިފައި ވާކަމަށްވެސް ފުލުހުން ބުނެ އެވެ.
ފުލުހުން އިތުރަށް ބުނީ މި މައްސަލާގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ މީހަކީ 224 ފަހަރު ހުއްޓުވައި ސުވާލުކޮށް 52 ފަހަރު ފުލުހުންގެ ބެލުމުގެދަށަށް ގެނެސް 17 ފަހަރު ހައްޔަރުކޮށްފައިވާ މީހެއް ކަމަށާއިއެމީހާގެ މައްޗައް ތުހުމަތުކުރެވޭ 06 މައްސަލައެއްގެ ތަހުޤީގް ނިންމައި މީގެ ކުރިން ދައުވާ ކުރަންވެސް ފޮނުވާފައި ވާކަމަށެވެ.
މީގެ އިތުރުން މިމައްސަލާގައި ހައްޔަރުކުރި މީހާއަކީ ގިނައަދަދެއްގެ ވައްކަމުގެ މައްސަލަތަކުގަ އާއި މުދަލަށް ގެއްލުންދިނުމުގެ މައްސަލަތަކާ ބިރުދެއްކުމުގެ މައްސަލަތަކުގަ އާއި މަސްތުވާތަކެތީގެ މައްސަލަތަކުގެ އިތުރުން ފޭރުމުގެ މައްސަލަތަކުގެ ކުށުގެ ރިކޯޑްސް އޮއްނަ މީހެއް ކަމަށްވެސް ފުލުހުން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް