ރައީސް ޔާމީން، ޗައިނާގެ ރައީސަށް ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފި

ޗައިނާގެ ޝިންޖިއަންގ ސަރަޙައްދުގައި ދިން ބޮމުގެ ޙަމަލައިގައި، އެތައް ބަޔަކު މަރުވެ، ޒަޚަމްވުމާ ގުޅިގެން، އެކަމުގެ ހިތާމައިގައި، ޗައިނާގެ ރައީސް، ޝީ ޖިންޕިންގއަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަ...

02 Dec 2014 | 07:59

ޗައިނާގެ ޝިންޖިއަންގ ސަރަޙައްދުގައި ދިން ބޮމުގެ ޙަމަލައިގައި، އެތައް ބަޔަކު މަރުވެ، ޒަޚަމްވުމާ ގުޅިގެން، އެކަމުގެ ހިތާމައިގައި، ޗައިނާގެ ރައީސް، ޝީ ޖިންޕިންގއަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސް އޮފީހުން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖްގައި، މި ޖަރީމާގައި އެތައް ބަޔަކު މަރުވެ، ޒަޚަމްވުމަކީ، ދިވެހި ސަރުކާރަށާއި، ދިވެހި އެންމެހައި ރައްޔިތުންނަށް އަދި ޚުދު ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގެންނެވި ވަރަށްބޮޑު ޙައިރާންކަމަކާއި ނުތަނަވަސްކަމެއް ކަމުގައި ވިދާޅުވެ، ދިވެހި ސަރުކާރާއި، ދިވެހި ރައްޔިތުން، ޓެރަރިޒަމްގެ މިފަދަ ޢަމަލުތައް، އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރި ކުރައްވާ ކަމުގައިވެސް ވިދާޅުވެފައިވާ ކަމަށެވެ.  އަދި ޗައިނާގައި ޞުލްޙަވެރިކަމާއި ހަމަޖެހުން ޤާއިމުކުރުމަށް ކުރެވޭ މަސައްކަތްތަކުގައި، ރާއްޖެއިން އަބަދުވެސް އެއްބާރުލުން ދެމުންގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވާ ކަމަށްވެސް ރައީސް އޮފީހުން ވިދާޅުވިއެވެ.

ދުނިޔެއަށް ކުރިމަތިވެފައިވާ ޓެރަރިޒަމްގެ ނުރައްކާ ނައްތާލުމަށް ކުރެވެމުންދާ މަސައްކަތުގައި، ރާއްޖެއިން އަބަދުވެސް ސާބިތުކަމާއެކީ މަސައްކަތް ކުރާނެ ކަމަށް ވިދާޅުވެ، މިކަމުގައި ޗައިނާއަށާއި ބައިނަލްއަޤްވާމީ މުޖުތަމަޢަށް ރާއްޖެއިން ފުރިހަމަ އެބާރުލުންދެމުން ގެންދާނެކަމުގެ ޔަޤީންކަންވެސް ރައީސުލްޖުމްހޫރިއްޔާ ދެއްވާފައިވާ ކަމަށާއި މި ޙާދިޘާގައި އެތައް ބަޔަކު މަރުވެ، ޒަޚަމްވެފައިވާތީ، ޗައިނާގެ ރައީސް ޝީ ޖިންޕިންގއަށާއި، ޗައިނާ ސަރުކާރަށާއި، ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ރައީސް ޔާމީން ތަޢުޒިޔާ ވިދާޅުވެފައިވާކަމަށާއި  އަދި މި ޙާދިޘާގައި މަރުވި އެންމެންގެ ޢާއިލާތަކަށް ތަޢުޒިޔާ ރައްދުކޮށްދެއްވުމަށްވެސް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންފައިވާކަމަށްވެސް ރައީސް އޮފީހުން ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް