ރޭ މާފުށީ ޖަލުގައި ތިބި ގައިދީންތަކެއް ރޭ ޕްރިޒަން އޮފިސަރުންނަށް ހަމަލާދިނުމާއި ގުޅިގެން ޒަހަމްވި ފަސް ޕްރިޒަން އޮފިސަރުންނަށް ފަރުވާ ދިނުމަށް ފަހު ދޫކޮށްލައިފި އެވެ.
ކަރެކްޝަނަލް ސާވިސަސްގެ އޮފިޝަލަކު ވިދާޅުވީ އެ ފަސް މީހުންނަށް ފަރުވާ ދިނުމަށް ފަހު ދޫކޮށްލީ ރޭ ގާތްގަނޑަކަށް 03:30 ވި ފަހުން ކަމަށެވެ. އޭނާ ވިދާޅުވީ ދަނގަޑުބުރިން ހަމަލާ ދިނުމުގެ ސަބަބުން ތިން އޮފިސަރެއްގެ ބޮލުގެ ތަންގަނޑެއް ފަޅައިގެންގޮސްފައިވާ ކަމަށެވެ. އަދި މިހާޜު އެމީހުންގެ ހާލު ރަނގަޅު ކަމަށް ވިދާޅުވި އެވެ.
އަދި މިހާރު އޮފިސަރުންނަށް ހަމަލާދިން ހަ ގައިދީން ތިބީ ކުޑަ ގޮޅީގައި ކަމަށާއި އެމީހުންނަށް އެހެންގައިދީންނަށް ލިބޭ ވަސީލަތްތަކެއް ނުލިބޭނެ ކަމަށެވެ. ކުޑަ ގޮޅީގައި ތިބޭ ގައިދީންނަށް ކެއުމާއި ބޭސް ފަރުވާގެ އިތުރުން އެއްވެސް ހިދުމަތެއްނުލިބެ އެވެ. އަދި ގޮޅިން ބޭރަކަށްވެސް ނުނުކުމެވޭނެ އެވެ.
" މިހާރު އެ ހަމީހުން ތިތީ ކުޑަ ގޮޅީގައި. މިވަގުތު ކުޑަ ގޮޅީގައި ތިބީ މާރާމާރީގެ މައްސަލަތަކުގައި ކުޑަގޮޅީގައި ތިބިމީޙުން.މައްސަލަ ތަހުގީގުކޮށް ނިމުމުން ދެން އެ މީހުން އެހެން ގޮޅިއަކަށް ބަދަލު ކުރާނީ،" އޮފިޝަލް ވިދާޅުވި އެވެ.
ރޭ ޕްރިޒަން އޮފިސަރުންނަށް ގައިދީން ހަމަލާދިނީ ބޯގުނަން ވަތް އޮފިސަރަށް އެއްބާރުލުން ނުދިން ގައިދީއަކު އެކަހެރި ކުރަންވެގެން އިތުރު އޮފިސަރުން ގޮޅިއަށް ވަތްގަޑީގައި އެވެ.
މި މައްސަލަ މޯލްޑިވްސް ޕޮލިސް ސާވިސްގެ ސީރިއަސް އެންޑް އޯގަނައިޒް ކްރައިމް ޑިޕޓްމަންޓުން ދަނީ ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް