ސޫރިޔާގައި ހިނގަމުން އަންނަ ދާހިލީ ހަނގުރާމައިގާ އެގައުމުގެ ރައީސް ބައްސާރުލް އަސަދުގެ ސަރުކާރުން ކެމިކަލް ހަތިޔާރު ބޭނުން ކުރާކަމަށް ތުހުމަތު ކުރަމުން އަންނަނިކޮށް އެކަން ކުރަނީ ސަރުކާރުން ނޫން ކަމަށާއި އެކަމަކީ އައިއެސް އާއި އިތުރު ޓެރަރިސްޓް ޖަމާއަތްތަތަކުން ކުރާ ކަމެއް ކަމަށް އެގައުމުގެ ހާރިޖީ ވުޒާރާއިން ބުނެފި އެވެ.
ކެމިކަލް ހަތިޔާރާ ދެކޮޅަށް މަސައްކަތް ކުރާ ބައިނަލް އަގްވާމީ ޖަމިއްޔާއެއް ކަމަށްވާ OPCW ގެ އިސް ފަރާތްތަކާ ބައްދަލު ކުރައްވާ ސޫރިޔާގެ ހާރިޖީ ވުޒާރާގެ ނައިބު ފައިސަލް މެކްދާދު ވިދާޅުވީ ޓެރަރިސްޓް ޖަމާއަތްތަކުން ހަތިޔާރުގެ ގޮތުގައި ކެމިކަލްގެ ބާވަތެއް ކަމަށްވާ ކްލޮރިން ގޭސް ބޭނުން ކުރަމުން އަންނަ ކަމަށެވެ.
ސޫރިޔާ ސަރުކާރުން މިހެން ބުނެފައިވާއިރު މިދިޔަ އަހަރުގެ އޮގަސްޓް މަހުގައި ކެމިކަލް ހަތިޔާރު ބޭނުން ކޮށްގެން ސޫރިޔާގައި ދިން ހަމަލާއެއްގައި 1400 އަށް ވުރެ ގިނަ އާންމުން މަރުވެފައިވާތީ އެމެރިކާ އިސްކޮށް އޮވެ ހުޅަނގުގެ ބާރުތަކުން ސޫރިޔާއާއި ދެކޮޅަށް ހަނގުރާމަވެސް އިއުލާނު ކުރިއެވެ.
ނަމަވެސް އެފަހަރު ރަޝިޔާގެ އިސް ނެގުމާއެކު ސޫރިޔާގައި ހުރި ކެމިކަލް ހަތިޔާރުތައް ނައްތާލަން ސޫރިޔާގެ ރައީސް ބަޝާރުލް އަސަދު އެއްބަސްވެ އެ ގައުމުގެ ކެމިކަލް ހަތިޔާރު ސްޓޮކްގެ މަޢުލޫމާތު OPCW އާ ހިއްސާ ކުރިއެވެ. އަދި އޯޕީސީޑަބްލިއު އިން އެތަކެތި ނައްތާލާފައިވާކަމަށްވެސް އޭރު ވަނީ ބުނެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް