ކަނޑުއަޑީގައި ޑައިވަރުންގެ މެދުގައި ހަމަނުޖެހުން ހިންގަނީ --
އިންފިނިޓީ އެކްސްގެ ޑައިވިން ޓީމާއި މެދުގައި ހިނގި ހަމަނުޖެހުމާއި ގުޅިގެން މޯލްޑިވްސް ލެޖެންޑް ލައިވްއަބޯޑުގެ ޑައިވަރަކު ސަސްޕެންޑުކޮށްފި އެވެ.
ދެ ކުންފުނީގެ ޑައިވަރުންގެ މެދުގައި އެ ހަމަނުޖެހުން ހިންގީ އދ. އަތޮޅު "ކުޑަރަހަ ތިލަ" ކައިރީގައި މިދިޔަ ބުދަ ދުވަހު ކަމަށްވެ އެވެ. މި ކަން މޯލްޑިވްސް ލެގެންޑުން ފުލުހުންނަށް ހުށަހެޅުމުން އެކަން ހިނގާދިޔަގޮތް ފުލުހުން ދަނީ ބަލަމުންނެވެ.
އެކަމާއި ގުޅިގެން މޯލްޑިވްސް ލެޖެންޑުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ހާދިސާ ހިނގި ވަގުތު އެ ބޯޓުން ޑައިވިނަށް ގޮސް އުޅުނު ގެސްޓުންނާއި ޑައިވް ގައިޑުންގެ ބަޔާން ލިޔުމުން ނަގައި ކަން ހިނގާދިޔަ ގޮތް އޮޅުންފިލުވާފައިވާ ކަމަށެވެ. އެ ކުންފުނިން ބުނީ، ހަމަނުޖެހުން އުފެދުނީ އެހެން އުޅަނދެއްގެ ޑައިވް ގައިޑަކާ ދެމެދު ކަމަށާއި، މޯލްޑިވްސް ލެޖެންޑުގެ ޓީމުން މަސައްކަތްކުރީ އެ މައްސަލަ ހުއްޓުވުމަށް ކަމަށެވެ.
އެހެންނަމަވެސް، އެ ކުންފުނީގެ ޑައިވަރު ސަސްޕެންޑު ކުރަން ނިންމީ ޑައިވަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަބަދުވެސް އިސްކަންދޭތީ ކަމަށް ބުނެފައިވެ އެވެ. އަދި އެފަދަ ރައްކާތެރިކަމަށް ހުރަސްއެޅޭ ކަންކަން ބަލައި ނުގަނެވޭނެ ކަމަށް ބުނެފައިވެ އެވެ.
މީގެއިތުރުން، އެކި ގައުމުތަކުގެ، ހާއްސަކޮށް ޗައިނާގެ ފަތުރުވެރިންނާއެކު އޮންނަ އިތުބާރާއި އިހުތިރާމް ދެމެހެއްޓުމަށް އިސްކަންދޭކަން ބަޔާނުގައި ފާހަގަ ކޮށްފައިވެ އެވެ.
ސަފާރީތަކުގެ ބެލެނިވެރި ފަރާތް ނެޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް) އިން ވަނީ ވަކި ފަރާތަކަށް ނުޖެހި މި މައްސަލަ ބަލައި ދިނުމަށް ކަމާ ބެހޭ އިދާރާތަކުގައި އެދިފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް