ބެލްޖިއަމް، ސްވީޑެން އަދި ލަގްޒެމްބާގުގެ އެތައް ސަތޭކަ ސުޕަމާކެޓުތަކެއްގެ ފިނިކުރާ ނިޒާމުތަކަށް ސައިބާ ހަމަލާއެއް ދިނުމުގެ ސަބަބުން އެތައް މިލިއަނުން ޔޫރޯގެ ކާބޯތަކެތި ނައްތާލަން ޖެހިއްޖެއެވެ.
މި ހަމަލާގައި ބެލްޖިއަމާއި ލަގްޒެމްބާގުގެ ޑެލޭޒް ޗެއިނުގެ 40 ފިހާރައަކަށް ގެއްލުން ލިބުނެވެ. ސްވީޑެންގެ އައިސީއޭ އާއި ކޯޕް ފިހާރަތަކުގެ ބައެއް ޔުނިޓުތަކަށް ވެސް އަސަރުކޮށްފައިވެއެވެ.
މީގެ އިތުރުން އަޔާލެންޑުގެ ސުޕަވެލޫ ޗެއިނުގެ 13 ފިހާރައަކަށް ވެސް މި ހާދިސާގެ އަސަރު ފޯރާފައިވެއެވެ. ސްވީޑެންގެ އައިސީއޭ ފިހާރައަކުން ބުނީ ފްރީޒަރުތަކުގެ ފިނިހޫނުމިން 50 ޑިގްރީ ސެލްސިއެސް (122 ފެރެންހައިޓް) އަށް ބަދަލުކޮށްލާފައިވާ ކަމަށެވެ.
ޑެލޭޒް ޗެއިނުން ބެލްޖިއަމް މީޑިއާއަށް ހާމަކުރި ގޮތުގައި ރޭ ދަންވަރު 40 ފިހާރައެއްގައި ހާދިސާއެއް ހިނގާފައިވާ ކަމަށެވެ. އެ ފިހާރަތަކުން 100,000 ޔޫރޯގެ ކާބޯތަކެތި ގެއްލިފައިވާ ކަމަށެވެ. ފިހާރަ ބަންދުކުރުމުން ލިބޭނެ އިތުރު ގެއްލުން މި އަންދާޒާގައި ހިމެނިފައެއް ނުވެއެވެ. ފްރާންސްގެ ކެރެފޯ ސުޕަމާކެޓް ޗެއިނުން ބުނީ ބެލްޖިއަމްގައި ހުންނަ އެ ޗެއިނުގެ 15 ފިހާރައަކަށް އަސަރުކޮށްފައިވާ ކަމަށާއި ހުރިހާ ފިހާރައެއް ހުޅުވާފައި ބެހެއްޓުމަށް ވަގުތުން ފިޔަވަޅު އެޅި ކަމަށެވެ.
މި ހަމަލާތަކުގައި ފިހާރަތަކުގެ ފްރިޖުތައް 50 ޑީގްރީއަށް ބަދަލުކޮށްފައިވެ އެވެ. ނަމަވެސް މިހާރު އެހުރިހާ ފިހާރަތަކެއްގެ ހާލަތު ކޮންޓްރޯލް ކޮށްފައިވާ ކަމަށްވެ އެވެ.
މި ހަމަލާގެ ފަހަތުގައި ތިބީ ކޮން ބައެއް ކަމެއް އަދި ސާފެއް ނުވެއެވެ. ބެލްޖިއަމާއި ސްވީޑެންގެ ޤައުމީ ސައިބާ ސެކިއުރިޓީ އިދާރާތަކުން ބުނީ މި ހާދިސާ މޮނިޓާ ކުރަމުންދާ ކަމަށެވެ. މިދިޔަ މަހު ވެސް ފްރާންސްގެ އެތައް ސަތޭކަ ސުޕަމާކެޓަކަށް މިފަދަ ހަމަލާއެއް އަމާޒުވެފައިވެއެވެ.
އެ ހަމަލާތަކާއި ގުޅިގެން ފްރާންސުން ވަނީ ޔޫރަޕްގެ އެހެން ގައުމުތަކަށް މި ހަމަލާގެ ބިރު އޮތުމުން އެކަން ކުޑަކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް