މުސާރަ ނުދޭތާ ހަ މަސްވެގެން ބޮލިދުއްފަރުގައި އިހުތިޖާޖު ކުރި ބިދޭސީންތަކަކަށް ފިޔަވަޅު އެޅި މައްސަލައެއް!

02 Nov 2026 | 10:57
ބޮލިދުއްފަރުގައި ބިދޭސީން އިހުތިޖާޖު ކުރަނީ --

ބޮލިދުއްފަރުގައި ބިދޭސީން އިހުތިޖާޖު ކުރަނީ --

ކ. ބޮލިދުއްފަރުގައި މަސައްކަތް ކުރާ ބިދޭސީންތަކަކަށް މުސާރަ ނުދޭތާ ހަ މަސްވެފައިވާ ކަމަށް ބުނެ ބިދޭސީން ތަކެއް އިހުތިޖާޖު ކުރުމުން ފިޔަވަޅު އެޅި މައްސަލައެއް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ސަމާލު ކަމަށް ގެނެސްފި އެވެ.

ޓްރާންސްޕޭރެންސީން ބުނީ އިހުތިޖާޖު ކުރީ ރިސޯޓެއްގެ ތަރައްގީކުރަމުން އަންނަ ބޮލިދުއްފަރު ފަޅުގެ ކޮންސްޓްރަކްޝަން ސައިޓުގައި ކަމަށެވެ. އެ އިހުތިޖާޖާ ގުޅިގެން ގާތްގަނޑަކަށް 21 ބިދޭސީ މަސައްކަތްތެރިއަކު އިމިގްރޭޝަން ޑިޓެންޝަން ސެންޓަރަށް ގެންގޮސްފައިވާ ކަމަށް މައުލޫމާތު ލިބިފައިވާތީ އެކަމާ ކަންބޮޑުވާ ކަމަށެވެ.

މަސައްކަތްތެރިން ސުލްހަވެރި އިހުތިޖާޖެއްގައި ބައިވެރިވުމުގެ ސަބަބުން މަސައްކަތްތެރިން ބަންދުކުރުމަކީ އަސާސީ ހައްގުތަކަށް އުނިކަން އަންނަ ކަމެއް ކަމަށެވެ. މިއީ އެމީހުންގެ ހައްގުތައް ހިމާޔަތްކުރުމަށް މަސައްކަތްކުރާ ފަރާތްތަކާ ދެކޮޅަށް ބަދަލުހިފުމުގެ ގޮތުން ފިޔަވަޅު އަޅާފާނެ ކަމުގެ ސީރިއަސް ކަންބޮޑުވުންތަކެއް އުފެދޭ ކަމެއް ކަމަށް ޓްރާންސްޕޭރެންސީން ބުންޏެވެ.

ޓްރާންސްޕޭރެންސީން ބުނީ ރާއްޖޭގެ ގާނޫނުއަސާސީގެ ދަށުން، ރާއްޖޭގައި ވަޒީފާ އަދާކުރާ ކޮންމެ މީހަކަށް އަދި ހުރިހާ މަސައްކަތްތެރިންނަށް ވެސް އިހުތިޖާޖުކުރުމުގެ ގޮތުން މަސައްކަތް ހުއްޓާލުމާއި ހަޅުތާލުކުރުމުގެ މިނިވަންކަން ލިބިދީފައިވާ ކަމަށެވެ. އަދި މި ހައްގުތަކުގެ ބޭނުން ހިފުމުގެ ސަބަބުން މަސައްކަތްތެރިންނަށް ބިރުދައްކައި އެމީހުން ހައްޔަރުކޮށްގެން ވެސް ނުވާނެ ކަމަށް ޓްރާންސްޕޭރެންސީން ބުނެފައިވެ އެވެ.

 ޓްރާންސްޕޭރެންސީން ވަނީ އެ އިހުތިޖާޖާއި ގުޅިގެން އިމިގްރޭޝަން ބަންދުގައި ތިބި ބިދޭސީން ވަގުތުން ދޫކޮށްލުމަށް ގޮވާލާފައި އެވެ. އެ ޖަމިއްޔާއިން ވަނީ މި ހައްޔަރުކުރުންތަކުގައި އިންސާނީ ހައްގުތަކާ ހިލާފު އެއްވެސް ކަމެއް ހިނގާފައިވޭތޯ ބަލައި ދިނުމަށް އެޗްއާރުސީއެމަށް ގޮވާލާފައި އެވެ.

މީގެ އިތުރުން އިހުތިޖާޖުކުރަން މެދުވެރިވި މައްސަލަތައް ލޭބާ ރިލޭޝަންސް އޮތޯރިޓީން ތަހުގީގުކޮށް، މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތްކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ގޮވާލާފައިވެ އެވެ

މިކަމާއި ގުޅިގެން ފުލުހުން މީޑިއާގައި ބުނެފައިވަނީ އެ ރަށުގައި އިހުތިޖާޖުކުރި މީހުން ފުރުވާލުމަށް އެއާޕޯޓަށް ގެންދިޔަ ކަމަށާއި އެތަނުން އެކަކު ފުރާފައިވާ ކަމަށެވެ. ދެން ތިބި މީޙުންނާއި މެދު ގޮތެއް ނުނިންމުނީ އެމީހުން ފުރަން ދެކޮޅު ހެދުމުން ކަން ފުލުހުން ފާހަގަ ކުރި އެވެ.

އެ މީހުންނާ މެދުގައި ގޮތެއް ނިންމާނީ އިމިގްރޭޝަނާއި އެ މީހުން މަސައްކަތް ކުރާ ކުންފުނިން ކަނޑައަޅާ ގޮތެއްގެ މަތިން ކަމަށް ފުލުހުން ބުންޏެވެ. 

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް