އދ. ގެ ޢާންމު މަޖިލީހުގެ ކުރީގެ ރައީސް އަދި އެމްޑީޕީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު، ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފިއެވެ.
ދުވަހަށް އެނގިފައިވާގޮތުގައި ކޯޓު އަމުރެއްގެ ދަށުން ޝާހިދު ހައްޔަރުކުރީ އިތުބާރު ހިފޭ މަގާމެއްގައި ހުރެ ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައެވެ.
ފުލުހުން ބުނެފައިވަނީ އުމުރުން 18 އަހަރުން ދަށުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި، ކޯޓު އަމުރެއްގެ ދަށުން، ހ. ރަބީއީ މަންޒިލް، މާލެ، އަބްދުﷲ ޝާހިދު، 64 އަހަރު، މިރޭ 09:59 ހާއިރު ހައްޔަރުކޮށްފައިވާކަމަށެވެ.
ޝާހިދަކީ 2024 ވަނަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން އެމްޑީޕީގެ ރައީސްކަމުގެ މަޤާމުގައި ހުންނެވި ބޭފުޅެކެވެ. 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ފާޓީގެ ޕްރައިމަރީގައި ވާދަކުރެއްވުމަށްޓަކައި، މި އަހަރުގެ އޮގަސްޓް މަހުގެ 12 ވަނަ ދުވަހު ފާޓީގެ ރިޔާސަތުން ވަކިވެވަޑައިގެންނެވިއެވެ.
ޝާހިދު 2018 އިން 2023 އަށް ބޭރުގެ ވަޒީރުކަމުގެ މަޤާމުގައި ހުންނެވިއެވެ. އެއިރު 2021 އިން 2022 އަށް އދ. ގެ ޢާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރައީސްކަމުގެ މަޤާމު ވެސް ފުރުއްވާފައިވެއެވެ. އެ މަޤާމަށް ހޮވިވަޑައިގެންނެވި ފުރަތަމަ ދިވެއްސަކީ ޝާހިދެވެ. އޭގެ ކުރިން 2009 އިން 2014 އަށް ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަޤާމުގައި ހުންނެވިއެވެ.
މި ޚަބަރާއި ގުޅޭ އިތުރު ތަފްސީލު ލިބޭ މިންވަރަކުން ދުވަހުގެ ކިޔުންތެރިންނާ ހިއްސާކުރަމުން ގެންދެވޭނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް