ބަޖެޓު ބަހުސަށް ވަގުތު ކަނޑައެޅުމުގެ ހުށަހެޅުން އާންމު ކޮމިޓީން ފާސްކޮށްފި

2026 ގެ ބަޖެޓް ބަހުސްގައި މެންބަރުންނަށް 15 މިނެޓާއި ފިނޭންސް މިނިސްޓަރަށް 45 މިނެޓު ދިނުމުގެ ހުށަހެޅުން އާންމު ކޮމިޓީން ފާސްކޮށްފިއެވެ.

02 Nov 2026 | 10:56
ބަޖެޓު ބަހުސަށް ވަގުތު ކަނޑައެޅުމުގެ ހުށަހެޅުން އާންމު ކޮމިޓީން ފާސްކޮށްފި

2026 ވަނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓާ ގުޅޭ ބަހުސްގައި މެންބަރުންނާއި ފިނޭންސް މިނިސްޓަރަށް ވާހަކަދައްކަން ލިބޭ ވަގުތު ކަނޑައެޅުމުގެ ހުށަހެޅުން ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.

ފޭދޫ ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހީމް ދީދީ ހުށަހެޅުއްވި މި ހުށަހެޅުމުގައި ތިން ބައެއް ހިމެނެއެވެ. ފުރަތަމަ މަރުހަލާގެ ބަހުސްގައި ކޮންމެ މެންބަރަކަށް 15 މިނެޓުގެ އެއް ފުރުސަތު ލިބޭނެއެވެ. ބަޖެޓް ދިރާސާކުރާ ކޮމިޓީގެ ރިޕޯޓު ތަޅުމަށް ހުށަހެޅުމަށްފަހު ކުރާ ބަހުސްގައި ކޮންމެ މެންބަރަކަށް ހަތް މިނެޓު ލިބެއެވެ. އަދި މަޖިލީހުގެ ގަވާއިދުގެ 235 ވަނަ މާއްދާގެ (ށ) ގެ ދަށުން، ބަހުސް ތެރޭގައި މެންބަރުން ފާހަގަކުރާ ނުކުތާތަކަށް ޖަވާބުދެއްވުމަށް ފިނޭންސް މިނިސްޓަރަށް ޖުމްލަ 45 މިނެޓު ދެއްވުމަށް ވެސް ހިމަނާފައިވެއެވެ. ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރު ވަނީ މި ހުށަހެޅުމަށް ތާއީދުކުރައްވައިފައެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އަންނަ އަހަރަށް ހުށަހަޅާފައިވަނީ 59.7 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މިއީ ހިނގާ އަހަރު ފާސްކުރި ބަޖެޓަށް ވުރެ 4.5 ބިލިއަން ރުފިޔާ ކުޑަ އަދަދެކެވެ. ޖުމްލަ ހަރަދުގެ ގޮތުގައި 52.6 ބިލިއަން ރުފިޔާ ހިނގާނެ ކަމަށް ލަފާކޮށްފައިވާ އިރު، ހިންގުމުގެ ހަރަދަށް 42.7 ބިލިއަން ރުފިޔާ އަދި ކެޕިޓަލް ހަރަދަށް 9.9 ބިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ. ކެޕިޓަލް ހަރަދުގެ ތެރެއިން 8.2 ބިލިއަން ރުފިޔާ ހާއްސަކޮށްފައިވަނީ ޕީއެސްއައިޕީ މަޝްރޫއުތަކަށެވެ.

އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި އަންނަ އަހަރު 43.2 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ފިނޭންސް މިނިސްޓްރީން އަންދާޒާކޮށްފައިވާ އިރު، މިއީ ހިނގާ އަހަރާ އަޅައިބަލާ އިރު އިތުރު އަދަދެއް ކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް