މަޖިލީހުގެ ޖަަލްސާއެއް -- ފޮޓޯ: މަޖިލީސް
ތަޢުލީމުގެ ޤާނޫނަށް ހުރާ ދާއިރާގެ މެމްބަރު ޑރ. އަނާރާ ނައީމް ހުށަހެޅުއްވި އިސްލާހު ރައްޔިތުންގެ މަޖިލީހަށް ބަލައިގެންފި އެވެ.
މެމްބަރު އަނާރާ ގާނޫނަށް ހުށަހެޅީ ސްކޫލަށް ހާޒިރުވެގެން ކިޔަވަން ދަތިވާ ކުދިންނަށް ގޭގައި ތަޢުލީމު ދިނުމުގެ ފުރުސަތު ހުޅުވާލުމަށް "ހޯމް ސްކޫލިން" ތައާރަފުކޮށް ގާނޫނުގައި ހިމެނުމަށެވެ. މި ބިލް މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ބަލައިގަތީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 41 މެމްބަރުންގެ އިއްތިފާގުންނެވެ.
ބިލު ބަލައިގަތުމަށް ފަހު ވަނީ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީއާއި އިޖުތިމާއީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީއަށް ފޮނުވާފައި އެވެ.
ބިލުގައިވާ ގޮތުން ގޭގައި ކިޔަވައިދިނުމަށް ކުއްޖަކު ޝަރުތު ހަމަވާނީ ތިން ހާލަތެއްގައެވެ.
އެއީ ސްކޫލަށް ގޮސް ކިޔަވަން ނުކުޅެދޭ ފެންވަރުގެ ޖިސްމާނީ ނުކުޅެދުންތެރިކަމެއް ހުރުމާއި، އެފަދަ ނަފްސާނީ މައްސަލައެއް ހުރުމާއި، މި ދެ ސަބަބު ނޫން އެހެން ޚާއްޞަ ހާލަތެއް މެދުވެރިވުމެވެ. އަދި މި ޚިދުމަތަށް އެދެވޭނީ ރަސްމީ ތަޢުލީމީ ނިޒާމުގައި ރަޖިސްޓްރީވެފައިވާ ކުދިންނަށް އެކަނިއެވެ.
މީގެ އިތުރުން، މި ޚިދުމަތް ކުއްޖަކަށް ލިބޭނީ އެ ޚިދުމަތުގެ ޚަރަދު ކުރުމުގެ މާލީ ޤާބިލުކަން އެ ކުއްޖާގެ ބެލެނިވެރިންނަށް ހުރިނަމައެވެ.
ޝަރުތު ހަމަވާ ކުދިން ދެނެގަތުމަށް ކުރާ އެސެސްމެންޓުގެ ގަވާއިދާއި، ކުދިން ރަޖިސްޓްރީކުރުމާއި ޕްލޭން ހެދުމުގެ އުސޫލުތަކާއި، ކިޔަވައިދޭ ޓީޗަރުންގެ ޝަރުތުތައް ކަނޑައެޅުމުގެ ބާރު ބިލުން ހަވާލުކޮށްފައިވަނީ އެޑިއުކޭޝަން މިނިސްޓްރީއަށެވެ. އެގޮތުން ކިޔަވާ ކުދިން މޮނިޓަރކުރާނެ އުސޫލުތައް ވެސް ކަނޑައަޅަންޖެހޭނީ އެ މިނިސްޓްރީންނެވެ.
ގޭގައިވެސް ކިޔަވަން ދަތިވާ ފަދަ މައްސަލަތައް ހުންނަ ކުދިންނަށް ރަސްމީ ތަޢުލީމު ދިނުން ލާޒިމުނުވާ ގޮތަށް ޤާނޫނު ބަދަލުކުރުމަށް ވެސް އެ ބިލުގައި ހުށަހަޅާފައިވެއެވެ.
މި ބިލާއި މެދު ހިތްހަމަ ނުޖެހުން ފާޅުކުރަމުންދަނީ އިދިކޮޅު އެމްޑީޕީންނެވެ. އެޕާޓީގެ މަޖިލީސް މެމްބަރުން ވިދާޅުވީ މި ބިލުގެ ސަބަބުން ސެން ކުދިން ބާކީވެ އެކުދިންނަށް ހުޅުވިފައިވާ ފުރުސަތުތައް ބަންދުވެގެންދާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް