މިދިޔަ ހަފްތާގައި ދެ ގައުމުގެ ދެމެދުގައި ކުޅުނު އެކުވެރިކަމުގެ މެޗު -- ފޮޓޯ: އެފްއޭއެމް
ޢޭއެފްސީ ކަޕް ކޮލިފައިންއަށް ތައްޔާރުވުމުގެ ގޮތުން ރާއްޖެ އާއި ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީ ޓީމު ގުޅޭ އެކުވެރިކަމުގެ ދެ ވަނަ މެޗު މިރޭ އޮންނާނެ ކަމަށް ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް )އެފްއޭއެމް( އިން ބުނެފި އެވެ.
މި މުބާރަތައް ތައްޔާރުވުމަށް ފަރިތަކުރުންތަކަށް ފަލަސްތީނުގެ 17 އަހަރުންދަށުގެ ފުޓުބޯޅަ ޓީމު ރާއްޖެ އައީ މިދިޔަ މަހުގެ 26 ވަނަ ދުވަހު ޢެވެ. އެ ޓީމް ކޭމްޕްކޮށްގެން ތިބީ ކ. ގުރައިދޫގައި ޢެވެ.
އެ ޓީމު ރާއްްޖޭގެ ޒުވާން ޓީމާއި އެކު ފުރަތަމަ ކުޅުނީ މިދިޔަ މަހުގެ 30 ވަނަ ދުވަހުގެ ރޭ އެވެ. ގަލޮޅު ދަނޑުގައި ކުޅުނު އެ މެޗުން ރާއްޖެ ބަލިވީ 5-0 ނެވެ.
އެފްއޭއެމްއިން ބުނީ ދެ ވަނަ މެޗުވެސް ކުޅުމަށް ހަމަޖެހިފައިވަނީ ގަލޮޅު ދަނޑުގައި ކަމަށެވެ. މެޗު ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 8:30 ގައި އެވެ.
ކޮލިފައިންގައި ފަލަސްތީނު ހިމެނޭ ގުރޫޕްގެ މެޗުތައް މި މަހު އަށަކުން 20 އަށް ކުރިއަށް ގެންދާނީ އިންޑިއާގައެވެ. ފަލަސްތީނާ އެކު އެ ގުރޫޕްގައި ވާދަކުރާނީ އިންޑިއާ، މެލޭޝިއާ، ސިންގަޕޫރު އަދި ގުއާމެވެ. ފަލަސްތީނުގެ ޓީމު ރާއްޖެއިން ފުރައިގެން އިންޑިއާއަށް ދާން ހަމަޖެހިފައިވަނީ އަންނަ ބުރާސްފަތި ދުވަހުއެވެ.
ރާއްޖޭގެ 17 އަހަރުން ދަށުގެ ޓީމު ވެސް ހަމަ މި މުބާރާތުގެ ކޮލިފައިންއަށް ތައްޔާރުވަމުން އަންނައިރު، ރާއްޖެ ހިމެނޭ ގުރޫޕްގެ މެޗުތައް ކުޅެން ހަމަޖެހިފައިވަނީ ތައިލެންޑުގައެވެ. ރާއްޖެ އާއި ތައިލެންޑުގެ އިތުރުން އެ ގުރޫޕްގައި ހިމެނެނީ އިރާޤާއި ހޮންކޮންގ އަދި ޗައިނީޒް ޓައިޕޭއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް