ރިލުވާން ޝަރީފު --
ދިރާގުގެ ކުރީގެ ޗެއާމަންކަމާއި ވިލާ އެއާގެ މެނޭޖިން ޑިރެކްޓަރުކަން ކުރެއްވި ރިލްވާން ޝަރީފު، އަވަހާރަ ވެއްޖެ އެވެ.
ރިލްވާން އަވަހާރަވީ އައިޖީއެމްއެޗުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މިއަދުގެ ވަގުތެއްގައި އެވެ. އޭނާއަށް މީގެ ދުވަސްކޮޅެއް ކުރިން ސްޓްރޯކެއް ޖެހުނު ކަމަށް ކަމަށް މީޑިއާގައި ރިޕޯޓުކޮށްފައިވެ އެވެ.
ފިނޭންސް މިނިސްޓްރީގައި ދިގު މުއްދަތެއް ހޭދަކުރެއްވި ރިލްވާން ވަނީ އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމާއި ސްޓޭޓް މިނިސްޓަރުކަން ކުރައްވައިފައެވެ. ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމުގެ ވެރިކަމުގެ ފަހު ދުވަސްވަރު ރާއްޖެއަށް ގެނައި މާލީ އިޞްލާޙީ ބަދަލުތަކުގައި އެ ބޭފުޅާގެ ޙިއްޞާ ބޮޑު ކަމަށް އެނގިފައިވެއެވެ.
ދައުލަތުގެ ފަރާތުން ދިރާގުގެ ބޯޑަށް ޢައްޔަންކުރައްވައި، ޗެއާމަންގެ މަޤާމު ފުރުއްވުމަށް ފަހު 2015 ވަނަ އަހަރުގެ ފެބްރުއަރީގައި އެ މަޤާމުން ވަކިކޮށްފައިވެއެވެ.
ދިރާގުގެ އިތުރުން ރިލްވާން ވަނީ ވިލާ އެއާގެ މެނޭޖިން ޑިރެކްޓަރުކަން ގިނަ ދުވަހު ކުރައްވައި، މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގެ ޑިރެކްޓަރުކަން ވެސް އަދާކުރައްވައިފައެވެ.
ރިލްވާނަކީ އޮސްޓްރޭލިއާގެ މެލްބަންގައި ހުންނަ އާރްއެމްއައިޓީ ޔުނިވާސިޓީން އިންޓަނޭޝަނަލް މެނޭޖްމަންޓްގެ ދާއިރާއިން މާސްޓާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ޙާޞިލުކުރައްވައިފައިވާ ބޭފުޅެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް