ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ފާޑުކިޔަނީ ދިވެހިންނާ ބީރައްޓެހި ވާހަކަ ދައްކަވާތީ ކަމަށް ޖުމްހޫރީ ޕާޓީން ބުނެފި އެވެ.
ޖޭޕީން އެހެން ބުނެފައި ވަނީ، ވެރިކަން ކުރާ ކޯލިޝަނުގެ މައި ޕާޓީ އެމްޑީޕީގެ ޕީޖީ ލީޑަރު މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ރޭ ރާއްޖެ ޓީވީގައި ދެއްކެވި ވާހަކަތަކެއްގެ ސަބަބުންނެވެ. އާޒިމް ވިދާޅުވީ ސަރުކާރުގައި އޮވެގެން ޖުމްހޫރީ ޕާޓީގެ ލީޑަރު ސަރުކާރަށް އަދި ސަރުކާރު ހިންގާ ޕާޓީ އަށް ވެސް ފާޑުކިޔައިގެން ނުވާނެ ކަމަށެވެ. އޭނާ ވިދާލުވީ ސަރުކާރުން ހިންގާ މައިޕާޓީއަކީ އެމްޑީޕީ ކަމަށެވެ. ކޯލިޝަނެއްގެ ގޮތުގައި އޮތްނަމަވެސް ސަރުކާރުން ހިންގާ މެޖޯރިޓީއަކީވެސް އެމްޑީޕީ ކަމަށް ވިދާޅުވެއެވެ.
އަލީ އާޒިމްގެ ވާހަކަތަކާ ގުޅިގެން ޖޭޕީން ނެރުނު ބަޔާނެއްގައި ބުނީ، އެ ޕާޓީން މިހާތަނަށް މި ސަރުކާރަށާއި ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް އެއްވެސް މިންވަރަކަށް ފާޑުކިޔާފައި ނުވާނެ ކަމަށާއީ އަލީ އާޒިމް ދައްކަވާފައި ވަނީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށެވެ.
އަދި މަޖިލީހުގެ ރައީސް ނަޝީދު ކުރައްވާ ކަންކަމަށާއި ދައްކަވާ ވާހަކަތަކަށް ފާޑުކިޔަން ޖެހެނީ، އެކި އެކި ކަންކަމުގައި ދިވެހިންނާއި ބީރައްޓިހި، ގައުމީ ދީނީ އެއްބައިވަންތަކަށް ގެއްލޭ މިންވަރަށް ދައްކަވާ ވާހަކަފުޅުތަކުގެ ސަބަބުން ކަން ވަނީ ޖޭޕީގެ ބަޔާނުގައި ފާހަގަކޮށްފަ އެވެ. އަދި ކޯލިޝަނުގައި ޖޭޕީ އޮތް ނަމަވެސް އިސްލާމް ދީނާއި ގައުމާއި ރައްޔިތުންނަށް ގެއްލުންވާނެ ކަމެއް ކުރާ ނަމަ އެކަމާ ދެކޮޅަށް ވާހަކަ ދައްކާނެ ކަން އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.
މިފަހަކަށް އައިސް ޖޭޕީން ބާއްވާ ގިނަ ހަފްލާތަކުގައި އެޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އަންނަނީ ނުސީދާކޮށްވެސް އަދި ފާޅުގައިވެސް ރައީސް ނަޝީދަށް ފާޑުވިދާޅުވެ ވާހަކަދައްކަވަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް